ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ސިޔާސީ މީހުން ވެސް ބޭންކުތަކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގަވާއިދު އިސްލާހު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނުބަލަން ނިންމުމުން ހިޔާލު ތަފާތުވުން ބޮޑުވެ ކޮމިޓީ ބައްދަލުވުން ނިންމާލައިފިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން މުގައްރިރު، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މަނިޓަރީ އޮތޯރިޓީން ގަވާއިދު އިސްލާހުކުރި މައްލައިގައި ހުރި ކަންބޮޑުވުންތަކެއް ފާހަގަކޮށް މޯލްޑިވްސް ފައިނޭޝަލް ސާވިސަސް އެސޯސިއޭޝަނުން ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ މެދު މެންބަރުން ހިޔާލު ފާޅު ކުރެއްވުމަށް ގާސިމް ފުރުސަތު ހުޅުވާލެއްވިއެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ ފާހަގަ ދެއްކެވި، ޕީއެންސީގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، އެސިޓީގެ މައްސަލައަށް ކޮމިޓީގައި މަޝްވަރާކޮށް އެކަން ކުރިއަށް ގެންދަން ނުފެންނަ ކަމަށެވެ.

އެ މެންބަރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، އެއީ ކޮމިޓީއާ ވަރަށް ބޮޑަށް ގުޅޭ މައްސަލައެއް ކަމަށެވެ.

"ރާއްޖޭގައި ވަރަށް މަދު އިންސްޓިޓިއުޝަނެއް ހަރުދަނާކޮށް ފެންނަނީ، އޭގެ ތެރޭގައި އެމްއެމްއޭ، ބޭންކު އޮފް މޯލްޑިވްސް ހިމެނޭ، އެހެންވީމާ އަޅުގަނޑުމެން އެންމެންވެސް އެޕްރިޝިއޭޓް ކުރަން މިނިވަންކަމާ އެކީ އެތަންތަން ކުރިއަށްދާތީ. ނަމަވެސް އެމްއެމްއޭގެ ރެގިއުލޭޝަނަށް މިއައި ބަދަލަކީ، ހާއްސަކޮށް ބޭންކިން ދާއިރާގެ ބޯޑުތަކަަށް ސަރުކާރުގެ ސްޓޭޓް މިނިސްޓަރުން ވަރުގެ މީހުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންނަށް އެ ތަންތަނުގެ ބޯޑަށްވަދެވި، ސިޔާސީ ބޯޑުތަކަކަށް ހަދައި ބޭންކިން ނިޒާމު ސިޔާސީ ކޮށްލުމަށް ފުރުސަތު ހުޅުވާލުމަކީ ރަނގަޅު ކަމެއް ނޫން،"

މިހާތަނަށް އަމަލު ކުރަމުން އަންނަނީ، ރައީސް އައްޔަންކުރާ އެއްވެސް ބޭފުޅަކު އެފަދަ ބޯޑުތަކުގައި ނުތިބެވޭ ގޮތަށް ކަމަށާއި ޕްރޮފެޝަނަލް މީހުން ތިބެގެން އެގޮތަށް އަމަލު ކުރަމުން އައުމުގެ ސަބަބުން ސަރުކާރަށް ވާނެ ގެއްލުމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެން އެކަން އޮއްވައި އެ މައްސަލަ ނުބަލަން ކޮމިޓީން ނިންމުމަކީ ގޯހެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝަމްހީދުގެ ވާހަކަތަކަށް ތާއީދު ކުރައްވައި އެކޮމިޓީގައި އިންނެވި އެމްޑީޕީގެ ދެވަނަ މެންބަރު ހަނިމާދޫ ދާއިރާގެ އަބްދުލްގަފޫރު މުސާ ވިދާޅުވީ، ސެންޓްރަލް ބެންކަކީ މިނިވަންކަމާ އެކު ކަންކަން ނިންމުމުގެ ބާރު އޮންނަ ތަނެއް ކަމަށެވެ.

ވަކި ބަޔަކު މިއަދު ވެރިކަމުގައި އޮތުމުން ވެރިކަމަށް ފަހުވާގޮތަށް ހުރިހާ ކަމެއް ބަދަލު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި މިއީވެސް ގައުމެއް ކަމަށްވާއިރު، މުސްތަގިއްލު ތަންތަން އެގޮތުގައި ބަހައްޓަން ޖެހޭނެ ކަަމަށްވެސް ވިދާޅުވިއެވެ. އަދި ވެރިކަމަކީ ބަދަލުވަމުންދާ އެއްޗެއް ކަމަށާއި ބަދަލުވަމުންދާ އެ އޮއިވަރުގެ ތެރެއަށް ސެންޓްރަލް ބޭންކާއި ބޭންކްތައް ވެއްދުމަކީ ކަންކަން ގޯސްވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީ މެންބަރުންގެ ވާހަކަތަކާ ގުޅިގެން ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވިދާޅުވީ، އެ މައްސަަލަ ބަލަން ނުފެންނަ ކަމަށް މެންބަރަކު ހުށަހަޅައި ތާއީދު ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް އެކަމަށް މަޝްވަރާ ކުރަން ފުރުސަތު ދޭން ނުޖެހޭ ކަމަށާއި ޖެހޭނީ ވޯޓަށް އަހަން ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައިގައި މެންބަރު ޝަރީފް ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ފަސް މެންބަރުން ވޯޓު ދެއްވިއެވެ. ނަމަވެސް ޑރ. ޝަމްހީދުގެ ހުށަހެޅުއްވުމަށް ލިބުނީ އެ މެންބަރާއި މެންބަރު ގަފޫރުގެ ވޯޓެވެ. 11 މެންބަރުން ތިއްބަވާ އެ ކޮމިޓީގައި އިދިކޮޅު ފަރާތްތަކުގެ ފަރާތުން އިންނަވަނީ ވެސް އެ ދެ މެންބަރުން އެކަންޏެވެ.

ނަމަވެސް މައްސަލަ ނުބަލަން ފާސްކުރުމާ ގުޅިގެން އެމްޑީޕީ ދެ މެންބަރުން އިތުރަށް ސުވާލު ކުރައްވަން ފެއްޓެވިއެވެ.

އެ މެންބަރުން ވިދާޅުވީ އެއީ މަޖިލީހުގެ އިދާރީ ހިންގުމުގެ ތެރެއިން، މަޖިލިސް ރައީސް އެކި ފަރާތްތަކަށް މައްސަލަތައް ފޮނުވާ އުސޫލުން އެ ކޮމިޓީގެ މެންޑޭޓްގައި ހިމެނޭތީ ލީގަލް ޓީމުގެ ލަފައާ އެކު ފޮނުވާފައިވާ މައްސަލައަކަށްވާ އިރު، އެ މައްސަލަ ކޮމިޓީން ބަލަންޖެހޭ ކަމަށެވެ.

ނަމަވެސް ކޮމިޓީގެ މުގައްރިރު ގާސިމް ވިދާޅުވީ، އެކަމަށް ކޮމިޓީން އެއޮތީ ގޮތެއް ނިންމާފައިވާ ކަމަށެވެ. އަދި އެ މެންބަރުން ހުށަހަޅުއްވައިގެން ފާސްކުރީ އެ މައްސަލަ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ފޮނުވަން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީ މެންބަރުން ދޫ ނުދެއްވައި އެ ހިޔާލުތަފާތުވުމުގެ ތެރެއިން ވާހަކަދައްކަމުން ގެންދަވާތީ، މިހާހިސާބުން ކޮމިޓީ ބައްދަލުވުން ނިމުނީ ކަމަށް ވިދާޅުވެ ގާސިމް ކޮމިޓީ ބައްދަލުވުން ނިންމަވައިލެއްވިއެވެ.