ރާއްޖޭގެ ވަޒީފާތަކަށް އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނީ 100،000 ހަމައަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ލިމިޓް އުވާލައި، ބިދޭސީ މަސައްކަތްތެރިން ދައްކަންޖެހޭ ވޯކް ޕާމިޓް ފީއާއި ކޯޓާ ފީ، ކޮންމެ ދޮޅު އަހަރަކުން އެއް ފަހަރު ބޮޑު ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފިއެވެ.

މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ބުނެފައިވަނީ އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ގަވާއިދަކުން ކަނޑައަޅައި އަހަރަކު ދެ ފަހަރު އާންމުކުރަންވާނެ ކަމަށެވެ. އަދި އެގޮތަށް ކަނޑައެޅުމުގައި އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަރަށް ބިނާކޮށް، ތަފާތު ގިންތިތަކަކަށް ތަފާތު މިންގަނޑުތަކެއް ކަނޑައަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެގޮތަށް ކަނޑައަޅަންވާނީ، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމަންޓަކަށްފަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ކަމަށްވެސް ބުނެފައިވެއެވެ.

އެ ބިލުގައި އިތުރަށް ބުނެފައިވަނީ، ބިދޭސީންގެ ކޯޓާ ފީގެ ގޮތުގައި ކޮންމެ އަހަރަކު ދައްކަންޖެހޭ 2،000 އާއި ވޯކް ޕާމިޓް ފީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ 350 ރުފިޔާގެ މަދުވެގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރު، ގިނަވެގެން 18 މަސްދުވަހުގެ މުއްދަތަށްވުރެ ކުރުނުވާނެ ގޮތެއްގެ މަތިން މުރާޖައާކޮށް އެ ފީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިދާނެ ކަމަށެވެ.

އެގޮތަށް ފީތައް މުރާޖައާކުރުމަށްފަހު ބަދަލު ގެންނަ އަދަދު އެ އިރެއްގައި ކަނޑައަޅާފައިވާ ފީގެ 30 ޕަސެންޓަށްވުރެ އިތުރުވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތަށް ބަލާއިރު، މިހާރު ވޯކް ޕާމިޓްގެ ގޮތުގައި ނަގާ ފީ 350 އިން 455 ރުފިޔާއާ ހަމައަށް އަދި ކޯޓާ ފީ 2،000 އިން 2،600 ރުފިޔާއާ ހަމައަށް ބޮޑު ކުރުމުގެ ފުރުސަތު ފުރަތަމަ މުއްދަތުގައި އޮންނާނެއެވެ.

ބިދޭސީން ގެނެސް އިހުމާލުވާ ފަރާތްކަށް ބޮޑެތި ޖޫރިމަނާތަކެއްވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމާއި އެ މީހާ އިހުމާލުވި ކޮންމެ ބިދޭސީ މުވައްޒަފަކަށް 50،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ. އަދި އެ ގާނޫނުގައިވާ ކަންތައްތަކާ ހިލާފުވެއްޖެނަމަ 100،000 ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު މަޖިލީހަށް ހުށަހެޅި މި ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓު ދެއްވައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.