ރާއްޖެ އެތެރެކޮށް ވިއްކާ ކޯފްސީ ސިރަޕް ނަމަކަށް ކިޔާ ބޭހެއްގައި ކުނޑިތަކެއް ހުރިކަން ފާހަގަކުރެވި، އެ ބޭސް އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު އެލާޓެއްގައި ބުނީ ކުނޑިތަކެއް ފެނިފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެމްއެމްސީ ހެލްތްކެއާ ލިމިޓެޑުން އުފައްދާ ކޯފްސީ ސިރަޕްގެ 100 އެމްއެލް އިން ކަމަށެވެ. މިއީ ކެއްސުމަށް ދޭ ބޭހެކެވެ.

އެ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެެހެންކަމުން އެ މައްސަލަ ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން އެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެލާޓުގައި ބުނެފައިވެއެވެ.