ކ. ތުލުސްދޫގައި އިއްޔެ ފެށި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފުރަތަމަ ހީޓްތައް ކާމިޔާބު ނުކުރެވި، ރާއްޖޭގެ ގިނަ ސާފަރުން ރެޕެޗާޖު (ރެޕޯ) ހީޓްތަކުގައި ވާދަކުރަން ޖެހިއްޖެއެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން އޯޕަން ޑިވިޝަނުގެ ފުރަތަމަ ބުރުގެ 11 ހީޓެއް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. ފުރަތަމަ ބުރުން ސީދާ ތިންވަނަ ބުރަށް ދަތުރުކުރަނީ ހީޓްތަކުގެ އެއްވަނަ އަދި ދެވަނަ އެތުލީޓުންނެވެ. ތިންވަނަ މަގާމަށް ދާ ސާފަރުންނަށް އަދި އިތުރު ފުރުސަތެއް ރެޕޯ ހީޓްތަކުން ލިބޭނެއެވެ.

އިއްޔެ ރާއްޖޭގެ ސާފަރަކު ފުރަތަމަ ވާދަކުރީ ހީޓް ދޭއްގައެވެ. އެ ހީޓްގައި އިސްމާއީލް ރަޝީދު (ސްމައިލީ) ވާދަކޮށް، އޭނާ ދިޔައީ ތިންވަނަ އަށެވެ. ޖުމުލަ ހަތަރު ސާފަރުން ވާދަކުރި އެ ހީޓްގެ ފުލަށް ނުގޮސް ސްމައިލީ ދެވަނަ ބުރަށް ދިޔައީ 9.27 ގެ ސްކޯއެއް ހޯދައިގެންނެވެ. ހީޓްގެ އެއްވަނައަށް ދިޔައީ ތައިލެންޑްގެ ނަޓްހަކްރޮން ސައެ-އިއޭ އެވެ. ދެވަނައަށް ދިޔައީ ޗައިނާގެ ޗެންޒްހެން ވޭންގެވެ.

ސްމައިލީއަކީ ރާއްޖޭގެ ބީ ޓީމު (ޓީމް ތުލުސްދޫ) އަށް ނިސްބަތްވާ އެތުލީޓެކެވެ. އޭގެ އިތުރުން އެޓީމަށް ނިސްބަތްވާ އަހުމަދު ހިޝާމް ޝަހީމް ހީޓް ތިނެއްގައި ވާދަކޮށް އެ ހީޓްގެ ދެވަނަ ހޯދައި، ސީދާ ތިންވަނަ ބުރަށް ދިޔައެވެ. އޭނާ ދެން ވާދަކުރަން ޖެހޭނީ ތިންވަނަ ބުރުގެ ހީޓް ފަހެއްގައެވެ. ހިޝާމް ޖުމުލަ 8.66 ގެ ސްކޯއެއް ހެދި އިރު، އެ ހީޓްގެ އެއްވަނަ ހޯދީ ސްރީ ލަންކާގެ ކަވިސެކާރާ މަލަވީރާ އަރައްޗިގޭ ކަވިންދޫ ތަރަކައެވެ. ތިންވަނައަށް ދިޔައީ ޗައިނާގެ ޒެޔުއާން ޒާންގެވެ.

ހީޓް ހަތަރެއްގައި ރާއްޖޭގެ އޭ ޓީމުގެ ކެޕްޓަން އަހުމަދު އާގިލް (އަންމަޑޭ) ވާދަކޮށް، އޭނާ ދިޔައީ ހީޓްގެ ތިންވަނަ އަށެވެ. އެއީ 8.83 ގެ ސްކޯއަކާއެކުގައެވެ. އެ ހީޓްގެ އެއްވަނަ ހޯދީ ފިލިޕީންސްގެ ޖޯން މާކް ޓޮކޮންގެވެ. ދެވަނައަށް ދިޔައީ ކޮރެއާގެ ކަނޯއާ ހީޖާއީ ޕަލްމިއާނޯއެވެ.

ރާއްޖޭ އޭ ޓީމުގެ އިސްމާއީލް މިގްލާލް އިއްޔެ ހީޓް ނުވައެއްގައި ވާދަކޮށް، އޭނާއަށްވެސް ހޯދުނީ ހީޓްގެ ތިންވަނައެވެ. އެއީ 4.97 ގެ ސްކޯއަކާއެކުގައެވެ. އެ ހީޓްގެ އެއްވަނައަކީ އިންޑޮނޭޝިއާގެ އައި މާޑޭ ޕަޖާރް އަރިޔާނާއެވެ. ދެވަނައަކީ ފިލިޕީންސްގެ ރެމާ މަގަލޫނާއެވެ.

މިއަދުގެ ހީޓްތައް ފަށާނީ ރާއްޖޭގެ ހޫދު އަހުމަދު ވާދަކުރާ 12 ވަނަ ހީޓުންނެވެ.

މިއަހަރުގެ ސާފިން ޗެމްޕިއަންޝިޕް މިމަހުގެ 24 އާ ހަމައަށް ކުރިއަށްދާ އިރު، މިފަހަރު 20 ގައުމަކުން 120 އެތުލީޓުން ވާދަކުރެއެވެ. މިދިޔަ އަހަރުވެސް ތުލުސްދޫގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބާއްވާފައިވާ އިރު، ރާއްޖެއަށް ވެސް ވަނީ ކާމިޔާބީތަކެއް ލިބިގެން ގޮސްފައެވެ. ފިރިހެން އޯޕަން ބައިން ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދިއެވެ. އަދި އޭޝިއަން ރޭންކިންގައި ރާއްޖެއަށް ރިހި މެޑަލް ލިބުނު އިރު، ޓީމް އިވެންޓުންވެސް ރާއްޖެ ލޯ މެޑަލް ހޯދިއެވެ.