އޭޝިއަން ގޭމްސްއަކުން ރާއްޖެއަށް ފުރަތަމަ މެޑަލް ގެނެސްދޭނެ ކުޅިވަރަކީ ސާފިންނަށް ވާނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ވިދާޅުވެއްޖެއެވެ.

އިއްޔެ ކ. ތުލުސްދޫގައި ފެށި މިއަހަރުގެ ސާފިން ޗެމްޕިއަންޝިޕް މިމަހުގެ 24 އާ ހަމައަށް ކުރިއަށްދާ އިރު، މިފަހަރު 20 ގައުމަކުން 120 އެތުލީޓުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާނެއެވެ. މި އަހަރުގެ އިވެންޓުގައި ވެސް ރާއްޖޭގެ ގިނަ އެތުލީޓުންތަކެއް ވާދަކުރާ އިރު، މިފަހަރުގެ މުބާރާތް ހާއްސަވާ ބޮޑު ސަބަބެއް އެބަ އޮތެވެ. އެއީ މި އަހަރުގެ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ ކޮލިފިކޭޝަން އިވެންޓަކަށްވާތީއެވެ. މިފަހަރު ރާއްޖޭގައި އޮންނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައިވާން ލިބޭ ފުރުސަތެކެވެ.

މިއީ އޭޝިއަން ގޭމްސްގެ އިތުރުން އެހެން ބޮޑު މުބާރާތެއްގެ ވެސް ކޮލިފިކޭޝަން އިވެންޓެއް ރާއްޖޭގައި ހޯސްޓް ކުރާ ފުރަތަމަ ފަހަރެވެ. އެހެންކަމުން ސާފިންނަށް މި މުބާރާތް ހާއްސަވާ އިރު، ރާއްޖެއަށް ވެސް މުބާރާތް އެތައް ގޮތަކުން ހާއްސައެވެ.

އިއްޔެގެ އިވެންޓަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން އެމްއޯސީގެ ރައީސް ސައްތާރު ވިދާޅުވީ ރާއްޖެއިން އެންމެ ފުރަތަމަ އޮލިމްޕިކްސްއަށް ކޮލިފައިވާނެ ކުޅިވަރެއްގެ ގޮތުގައި ދެކެމުން ދިޔައީ ސާފިން ކަމަށާއި ސާފިންއިން އޭޝިއަން ގޭމްސްގެ މެޑަލްއަކާ ހަމައަށް ދެވިދާނެ ކަމަށް ބޮޑު އުންމީދެއް ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އެމްއޯސީއާ ޖޮއިން ކުރީއްސުރެ, އެންމެ ފުރަތަމަވެސް އަޅުގަނޑު ވިސްނައިގެން ދިޔައީ އޮލިމްޕިކްސްއަށް ކޮލިފައިވާނެ ފުރަތަމަ ކުޅިވަރަކީ ސާފިން ކަމަށް. ހަމަ އެހެން, އެންމެ ފުރަތަމަ އޭޝިއަން ގޭމްސް އިން ކޮލިފައިވެގެން, މެޑަލް އާ ހިސާބައް ދާނެ ކުޅިވަރަކީ ސާފިން ކަމަށް، އަޅުގަނޑު މި ދެކެނީ،" ސައްތާރު ވިދާޅުވިއެވެ.

ރާއްޖެއިން އެންމެފަހުން ބޭއްވި ޕެރިސް އޮލިމްޕިކްސްގައި ވެސް ވާދަކޮށްފައިވާ އިރު، އޭގެ ތެރެއިން ޓޭބަލް ޓެނިސް އިވެންޓްގައި އުމުރުން 16 އަހަރުގެ ފާތިމަތު ދީމާ އަލީ ވާދަކުރީ ކޮލިފިކޭޝަން ޔަގީން ކޮށްގެންނެވެ. އެހެންކަމުން އޭނާ ވެފައި ވަނީ ރާއްޖެއިން އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓަށެވެ.

މިހާރު އޮލިމްޕިކްސް ކުޅިވަރެއްގެ ގޮތުގައި ސާފިން ހިމަނާފައިވާ އިރު، މިއީ އޭޝިއަން ގޭމްސްގައި ސާފިން އިވެންޓް ބާއްވާނެ ފުރަތަމަ ފަހަރެވެ. އިއްޔެގެ އިވެންޓަށްފަހު ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހް (ޗޭ) ވިދާޅުވީ, މިއަހަރުގެ މުބާރާތުގައި މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ސާފަރުންނަށް ވުރެ މޮޅެތި ސާފަރުން ބައިވެރިވެފައިވާ ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ދެ ސާފަރުން އޭޝިއަން ގޭމްސްއަށް ކޮލިފައިވުން އެއީ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.