އޭޝިއަން ގޭމްސްއަކުން ޕޯޑިއަމް ފިނިޝްއަކާ ހަމައަށްދާ ފުރަތަމަ ކުޅިވަރަކަށް ސާފިން ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު އެހެން ވިދާޅުވީ އިއްޔެ ކ. ތުލުސްދޫގައި ފެށި އޭޝިއަން ސާފިން ޗެމްޕިއަންޝިޕާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ ކުރިން ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެސް ތުލުސްދޫގައި ބާއްވާފައިވާ އިރު، އެ ފަހަރު 18 ގައުމަކުން 90 އެތުލީޓުން ވާދަކޮށްފައިވެއެވެ. އެ މުބާރާތްވެސް ކާމިިޔާބުކޮށް ނިމިގެން ގޮސްފައިވާ އިރު، ރާއްޖެއަށް ވެސް ވަނީ ކާމިޔާބީތަކެއް ލިބިގެން ގޮސްފައެވެ. ފިރިހެން އޯޕަން ބައިން ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދިއެވެ. އަދި އޭޝިއަން ރޭންކިންގައި ރާއްޖެއަށް ރިހި މެޑަލް ލިބުނު އިރު، ޓީމް އިވެންޓުންވެސް ރާއްޖެ ލޯ މެޑަލް ހޯދިއެވެ.

މިއަހަރުގެ ސާފިން ޗެމްޕިއަންޝިޕް މިމަހުގެ 24 އާ ހަމައަށް ކުރިއަށްދާ އިރު، މިފަހަރު 20 ގައުމަކުން 120 އެތުލީޓުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާނެއެވެ. މި އަހަރުގެ އިވެންޓުގައި ވެސް ރާއްޖޭގެ ގިނަ އެތުލީޓުންތަކެއް ވާދަކުރާ އިރު، މިފަހަރުގެ މުބާރާތް ހާއްސަވާ ބޮޑު ސަބަބެއް އެބަ އޮތެވެ. އެއީ މި އަހަރުގެ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ ކޮލިފިކޭޝަން އިވެންޓަކަށްވާތީއެވެ. މިފަހަރު ރާއްޖޭގައި އޮންނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައިވާން ލިބޭ ފުރުސަތެކެވެ.

މިނިސްޓަރު އިއްޔެ ވިދާޅުވީ "އޭޝިއަން ގޭމްސްއަކުން ޕޯޑިއަމް ފިނިޝްއަކާ ހަމައަށްދާ ފުރަތަމަ ކުޅިވަރަކަށް ސާފިން ވާނެ ކަމަށް އުއްމީދުކުރަން،" ކަމަށެވެ.

އޭގެ އިތުރުން މިފަހަރުގެ މުބާރާތް ހާއްސަވާ ސަބަބަކީވެސް އެއީ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ތުލުސްދޫގައި ފެށިގެންދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ ރާއްޖެއަށް ވަރަށް ހާއްސަ މުބާރާތެއް. އެއީ ރާއްޖޭގެ ސާފަރުންނަށް އޭޝިއަން ގޭމްސްއަށް ކޮލިފައިވާ ލިބޭ ފުރުސަތެއް މި މުބާރާތަކީ. އެއީ މުބާރާތް އެންމެ ހާއްސަ ވެގެންދާ ކަމަކީ. އޭގެ އިތުރުން ހޯމް އެޑްވާންޓޭޖް ނެގޭނެ މުބާރާތެއްގައި ކޮލިފިކޭޝަނަށް ފުރުސަތު އޮތުމަކީވެސް ހާއްސަ ވާ ސަބަބެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސާފިން މުބާރާތުން މުޅި ދުނިޔެއަށްވެސް ގިނަ ކަންތައްތަކެއް ސާބިތު ކުރެވޭނެ ކަމަށެވެ.

"އޭޝިއާ އެކަންޏެއް ނޫން، މުޅި ދުނިޔެއަށްވެސް ފެނިގެންދާނެ މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވިދާނެކަން. އެހެންވީމަ އަޅުގަނޑު އުންމީދު ކުރަނީ ބޮޑު އޯޑިއަންސަކަށް މި އިވެންޓް ފެނިގެންދާނެ ކަމަށް. ހާއްސަކޮށް އަޅުގަނޑުމެންނަކީ ވަށައިގެން ކަނޑު އޮތް ގައުމަކަށްވީ އިރު، މި އިވެންޓްގެ ސަބަބުން އެ ވަސީލަތްތައް ބޭނުންކުރާނެ އިތުރު ގޮތްތަކެއް ހޯދިގެންދާނެ،" ރާފިއު ވިދާޅުވިއެވެ.