ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންއަށް އޭޓީއާރު މަރުކާގެ އިތުރު ތިން މަތިންދާބޯޓު ގެންނަން ނިންމައި, އެ ބޯޓުތަކަށް ފައިނޭންސް ކޮށްދޭނެ ބަޔަކު ހޯދަން އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އިއުލާންކޮށްފިއެވެ.

އައިއޭއެސްއެލް އިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ, އެ ކުންފުނިން ގެންނަން ނިންމާފައިވަނީ އޭޓީއާރު 600-42ގެ ތިން ބޯޓު ކަމަށާއި އެ ބޯޓުތަކަކީ އެ ކުންފުންޏާއި އޭޓީއާރުއާ ދެމެދު ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓެއްގެ ދަށުން ހޯދާ ބޯޓުތަކެއް ކަމަށެވެ.

އަދި އެ ބޯޓުތަކަށް ފައިނޭންސް ކޮށްދޭ ބަޔަކަށް އަނބުރާ ފައިސާ ދެއްކުމަށް މަދުވެގެން 15 އަހަރުގެ މުއްދަތެއް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އައިއޭއެސްއެލްގެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓަށް ފައިނޭންސް ހަމަޖެހި ގެނެވޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ޑިސެމްބަރަށެވެ. އަދި ދެވަނަ ބޯތު އޮގަސްޓް 2025 ގައި ގެނެވޭނެ ކަމަށް ލަފާކޮށްފައިވާއިރު, ތިންވަނަ ބޯޓު ގެނެވޭނެ ކަމަށް ބުނެފައިވަނީ އޮކްޓޯބަރު 2026 އަށެވެ.

އެ ތިން މަތިންދާ ބޯޓަށް ފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވިއަންގެ ފްލީޓް ބަދަލުކޮށް ޒަމާނީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އެ އެއާލައިނުން ވަނީ މިހާތަނަށް ހަތަރު އޭޓީއާރު މަތިންދާބޯޓު ގެނެސްފައެވެ.

އޭޓީއާރު ބޯޓުތަކަކީ އެތެރޭގެ އުދުހުންތަކުގައި ކުރު ދަތުރުތައް ކުރުމަށް ބޭނުންކުރާނެ، ތަނަވަސް ކެބިން އަކާއި ޒަމާނީ ނެވިގޭޝަން ސިސްޓަމްތަކާ އެކު ތިމާވެއްޓާ ރައްޓެހި ބޯޓުތަކެކެވެ.