ޕާކިސްތާނުން އެމްޕޮކްސްގެ ކޭސް އެއް ފެނިއްޖެއެވެ.

ޕާކިސްތާނުގެ ސިއްހީ އޮފިޝަލުން އިއްޔެ ވަނީ މިހާރު ފެތުރެމުންދާ އެމްޕޮކްސްގެ ވޭރިއަންޓުގެ ފުރަތަމަ ކޭސް އެގައުމުން ފެނިފައިވާކަން ހާމަކޮށްފައެވެ.

ދުނިޔޭގެ ސިއްހީ ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މަންކީ ޕޮކްސްގެ ފުރަތަމަ ކޭސް ޕާކިސްތާނުން ފެނިފައިވަނީ ގަލްފް ސަރަހައްދަށް ދަތުރުކުރި މީހެއްގެ ގައިން ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

ޕާކިސްތާނުގެ ސިއްހީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން ފުރަތަމަ ކޭސް ފެނިފައިވާ މީހާއާ ގުޅުންހުރި އެންމެ ޓެސްޓުކޮށް، ބަލަމުން އަންނަ ކަމަށެވެ.

ޕާކިސްތާނުން އެމްޕޮކްސް ޖެހުނު އުމުރުން 34 އަހަރުގެ އެމީހާއަށް ފަރުވާދެމުންދަނީ ހާއްސަ ޓީމެއްގެ ބެލުމުގެ ދަށުން ކަމަށް އޮފިޝަލުން ބުނެއެވެ.

އެފްރިކާގެ ބައެއް ގައުމުތަކުން ފެންނަން ފެށި އެމްޕޮކްސްގެ ނުރައްކާތެރި އާ ވޭރިއަންޓް މިދިޔަ ހަފުތާގައި ވަނީ ސްވެޑަން އިން ވެސް ފެނިފައެވެ.