(9 އޯގަސްޓުގެ އަދަދާ ގުޅޭ)
އިސްލާމީ ލަޝްކަރު ޚައިބަރުގެ ރަށްބޭރަށްދިޔައީ އެއްރެއެއްގެ ފަތިހުއެވެ. އިސްލާމީ ލަޝްކަރު އެރަށުގެ ރަށްބޭރަށް ދިޔަކަމެއް ޔަހޫދީންނަކަށް ރޭކައެއް ނުލައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އާދަފުޅަކީ ރޭގަނޑަކު ރަށެއްގެ ރަށްބޭރަށް ލަޝްކަރާއިގެން ވަޑައިގެންނެވިކަމުގައިވިޔަސް ރޭގަނޑު އެރަށެއްގެ އަހްލުވެރީން ޣާފިލުކަމުގައި ތިއްބައި އެރަށަކަށް ޙަމަލަ ނުދެއްވުމެވެ. އެހެންކަމުން ފަޖުރުލުމުން ލަޝްކަރާއިގެން ފަތިސްނަމާދު ކުރެއްވިއެވެ. އެއަށްފަހު މުސްލިމުންނާއިގެން ރަށުގެ ކައިރިޔަށް ލެފިވަޑައިގެންނެވިއެވެ. ކުރިންވެސް ދެންނެވި ފަދައިން ޚައިބަރުގެ އަހްލުވެރީންނަކަށް އިސްލާމީ ލަޝްކަރު ރަށުގެ ރަށްބޭރަށް އައިކަމެއް ނޭނގެއެވެ. އެބައިމީހުން އުދަލިތަކާއި އޮޑާތަކާއި އެނޫންވެސް ދަނޑުވެރިކަމުގެ އާލަތްތައް ހިފައިގެން ދަނޑަށްދާން ރަށްބޭރަށް ނުކުތުމުން ފެނުނީ އިސްލާމީ ލަޝްކަރު ރަށާ ކައިރިކޮށްފައިވާ ތަނެވެ. އެމަންޒަރު ފެނުމުން "ކަލާނގެ ރަސްކަންފުޅު ގަންދެމުއޭ محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ލަޝްކަރާއިގެން ވަޑައިގެންފިޔޭ" ގޮވަމުން ރަށަށް ވަންނާން ދުއްވައިގެންފިއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ލަޝްކަރުގެ އަސްކަރުގާހު ހައްދަވާނެ ތަނެއް ޚިޔާރުކުރެއްވުމުން حـبــّـاب بـــن مـــنــــذر رضـــــى اللّــــه عــنـــــه ވިދާޅުވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ! މިއީ އަސްކަރުގާހު ހައްދަވަން އަރަހުށި މާތް اللّــــه ކަލޭގެފާނަށް އެންގެވި ތަނެއްތޯއެވެ؟ ނުވަތަ ކަލޭގެފާނުގެ ޢަސްކަރީ ވިސްނުންފުޅާއި ޚިޔާލުފުޅުތޯއެވެ؟" ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސުކުރެއްވިއެވެ. "މިއީ ހަމައެކަނި ޚިޔާލެކެވެ."
حـبــّـاب رضـــــى اللّــــه عــنـــــه ދެންނެވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ. މިތަނަކީ ނަޠާތުގެ ކިއްލާތަކާ މާބޮޑަށް ކައިރި ތަނެކެވެ. ޚައިބަރުގެ ގިނަފަހުލަވާނުން ތިބީ މި ކިއްލާތަކުގައެވެ. އަޅުގަނޑުމެންގެ ލަޝްކަރުގެ ކަންހުރިގޮތް އެބައިމީހުންނަށް ފެންނާނެއެވެ. އަޅުގަނޑުމެންނަކަށް އެބައިމީހުންގެ އެތެރޭގެ ކަންތައްތަކެއް ނޭނގޭނެއެވެ. އެބައިމީހުންގެ ތީރުތައް އަޅުގަނޑުމެންނާ ހަމަޔަށް ފޯރާނެއެވެ. އަޅުގަނޑުމެންގެ ތީރުތަކެއް އެބައިމީހުންނާ ހަމަޔަކަށް ނުފޯރާނެއެވެ. އެބައިމީހުން ރޭގަނޑު ދީފާނެ ޙަމަލަޔަކުންވެސް އަޅުގަނޑުމެންނަކަށް ރައްކައުތެރިޔެއް ނުވެވޭނެއެވެ. އަނެއްކާ މިތަނަކީ ކަދުރު ދަނޑުތަކުގެ މެދުގައިއޮތް އަވަށެކެވެ. މިތާނގެ ފަސްގަނޑު ގަނބާނެއެވެ. އެހެންކަމުން މި އުނިކަންކަން ނެތްދިމާއެއް ޚިޔާރުކުރައްވައި އެތަނެއްގައި އަސްކަރުގާހު ހެއްދެވުން ކީއްތޯއެވެ؟" ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސުކުރެއްވިއެވެ. "ކަލޭގެފާނުގެ ވިސްނުންފުޅު ރަނގަޅެވެ." އެހެން ޙަދީސުކުރެއްވުމަށްފަހު އަސްކަރުގާހު ހައްދަވާނެ ތަނެއް މަޝްވަރާއިން ނިންމެވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަކީ ވަޙީ ލިބިވަޑައިގަންނަވާ ސާހިބާއެވެ. އެކަމަކު މަޝްވަރާއަށް އެންމެބޮޑު އިސްކަމެއް ދެއްވީވެސް އެމާތް ސާހިބާއެވެ.
ޚައިބަރު ހަނގުރާމައިގެ ނާރެހަކީ ޚައިބަރުގެ ކިއްލާތަކެވެ. ކިއްލާތަކުގެ ޢަދަދާއި ނަންތަކުގައި ކޮންމެވެސް މިންވަރެއްގެ ޚިލާފެއް ހުރެއެވެ. އެހެންކަމުން އެހެނިހެން ރިފަރެންސްތަކަށްވުރެ ފަސޭހަކަމުގައި އަޅުގަނޑަށް ފެނުނީ فـضـيـــلـــة الـشّيـــخ حسين صـــلاح الــدّيـــــن ލިޔުއްވައިފައިވާ ގޮތް ޚިޔާރުކުރުމެވެ. އާދެ صـــلاح الــدّيـــــن ލިޔުއްވާގޮތުގައި "ޚައިބަރުގައި އެއްކޯއްޓެ އަނެއް ކޯއްޓެއާ ވަކިވެގެންވާ ގަދަފަދަ ތިން ކޯއްޓެޔެއް ވެއެވެ. އެއީ ނުޠާތުގެ ކޯއްޓެއާއި ކުޘައިބަތެވެ ކިޔާ ކޯއްޓެއާއި ޟައްޤެވެ ކިޔޭ ކޯއްޓެއާއެވެ.
ފުރަތަމައަށް މިބުނި ކޯއްޓޭގައި ތިން ކިއްލާވެއެވެ. އެއީ ނާޢިމު ސަޢުބު ޤުއްލަތު މި ތިންނަމުން ނަންކިޔޭ ތިން ކިއްލާއެވެ. ދެވަނަ ކޯއްޓޭގައި ދެކިއްލާއެވެ. އެއީ އުބައްޔު، ބަރީއު މި ދެކިއްލާއެވެ. ތިންވަނަ ކޯއްޓޭގައިވެސް ތިން ކިއްލާ ވެއެވެ. އެއީ ޤަމޫޞު ވަޠީޙު ސުލާލިމު މި ތިން ކިއްލާއެވެ." (އައްސިޔަރަތުއްނަބަވިއްޔު – ތިންވަނަ ބައިގެ އެއްވަނަ ޖިލްދު)
ޚައިބަރަކީ ދެ އިޟުޡާއެއްގެ މައްޗަށް ބެހިފައި އޮންނަ ރަށެކެވެ. ރަށުގެ ކިއްލާތަކުގެ ނަންތަކުގައި ތަފާތެއް ހުންނަ ފަދައިން މުސްލިމުން ކިއްލާތައް ފަތަޙަކުރި ތަރުތީބާމެދުވެސް ޚިލާފު ހުރެއެވެ. އަޅުގަނޑު މިލިޔަނީ عــلاّمــــة شبــلـــى نـعـمــانــــى އާއި عــلاّمــــة سيّــد سـليمـان نـــدوى އާއި مـــولانــاأبــــوالكــلام آزاد ލިޔުއްވައިފައިވާ ގޮތަށެވެ.
އިސްލާމީ ލަޝްކަރު އެންމެފުރަތަމަ ހަނގުރާމަފެއްޓީ ނުޠާތެވެ ކިޔުނު ކޯއްޓޭގެ ކިއްލާތަކާއެވެ. عــلاّمــــة شبــلـــى نـعـمــانــــى އާއި عــلاّمــــة سيّــد سـليمـان نـــدوى ލިޔުއްވާގޮތުގައި އިސްލާމީ ލަޝްކަރު އެންމެފުރަތަމަ ހަނގުރާމަފެށީ ނާޢިމެވެ ކިޔުނު ކިއްލާއާއެވެ. އެހެން ރިވާޔަތެއްގައިވާގޮތުން ޔަހޫދީން އެބައިމީހުންގެ އަނބިދަރީން ބައިތިއްބައިފައިވަނީ މުސްކުޅި އެހެން ކިއްލާއެއްގައެވެ. ފޯރުމާލް (ޚާއްޞަކޮށް ކާބޯތަކެތި) ޖަމާކޮށްފައިވަނީ ނާޢިމަށެވެ. ފައުޖުތައް އެއްކޮށްފައިވަނީ ނުޠާތަށެވެ.
ޔަހޫދީން ކިއްލާގެ ތެރެއިން ދުންޏާއި ހިލައުކަމުން ގެންދެއެވެ. މުސްލިމުން އެތަކެތި ހޮވައިގެން އެތަކެތީން ޔަހޫދީންނާ ޙަމަލަދެމުން ދިޔައެވެ. محــمـــود بـــن مسـلـمـة رضـــى اللّــــه عــنـــــه ވަރަށްގަދަ ހިތްވަރުފުޅަކާ ޖޯޝާއެކު ނާޢިމުގެ ޔަހޫދީންނާ ޙަމަލަދެއްވަމުން ގެންދެވިއެވެ. އެދުވަހަކީ ވަރަށް އަވިގަދަ ދުވަހެކެވެ. ހޫނުކަންހުރީ ވަރަށް މައްޗަށެވެ. އެކަލޭގެފާނު އިރުކޮޅަކު ވަރުބަލިފުޅު ފިލުއްވައިލެއްވުމަށްޓަކައި ކިއްލާގެ ފާރުދޮށުގައި ހިޔަލުގައި އިށީނދެވަޑައިގެންނެވިއެވެ. އެވަގުތު مـــــرحب ގެ މަޝްވަރާގެމަތީން كـنـــانـــة بـــن أبـــى الحـقـيـق ކިއްލާގެ ފާރުމަތީން ބޮޑުހިލައެއް ނުވަތަ އުޑިކިބައެއް އިސްތަށިފުޅުމައްޗަށް ވައްޓައިލައި އެހިތްވަރުފުޅުގަދަ މުޖާހިދު ޝަހީދުކޮށްލިއެވެ.
މުސްލިމުން ވަރަށް އަވަހަށް ނާޢިމާއި ނުޠާތު ފަތަޙަކޮށްފިއެވެ. ދެން މުސްލިމުންގެ ބާރުގެދަށަށް ގެނައީ ޝައްޤާއި ޞަޢުބާ ދެކިއްލާއެވެ. ނަމަވެސް ޤަމޫޞު ފަތަޙަނުވެ ތަންކޮޅެއް ދިގުލައިގެން ދިޔައެވެ. އެކިއްލާއަކީ ވަރަށް ގަދަފަދަ އަދި ރައްކައުތެރި ކިއްލާއެކެވެ. ޢަރަބީންގެ މަޝްހޫރު ފަހުލަވާނު މުރްޙިބު ހުންނަނީ އެކިއްލާގައެވެ. އެކިއްލާގެ ޙިޞާރުގައި ވިހިދުވަސް ހޭދަވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ކޮންމެދުވަހަކުވެސް އިސްލާމީ ލަޝްކަރުގެ ކުރިޔަށް ތިއްބެވި ޖަނަރަލުންކުރެ ކޮންމެވެސް އެއްބޭކަލަކާ ލަޝްކަރުގެ ބައެއް ޙަވާލުކުރައްވައިފައި ކިއްލާތަކާ ހަނގުރާމަޔަށް ފޮނުއްވައެވެ. އެގޮތުން أبـــوبــكـــر رضــــى اللّــــه عــنـــــه އާއި عــمـــــر رضـــــى اللّـــه عــنـــــه އާ ދެބޭކަލުންނާވެސް ދެދުވަހު ލަޝްކަރުގެ ވެރިކަން ޙަވާލުކުރެއްވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ކޮންމެދުވަހަކުވެސް ލަޝްކަރާއެކު ޢަމަލީގޮތުން ޖިހާދުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. މިގޮތުގައި ހަނގުރާމަ ހިނގަމުންދިޔަ ދުވަސްވަރު އެއްރެޔަކު ނާޢިމުން ނުވަތަ ނުޠާތުން ނުކުމެ ފިލައިގެންދާން އުޅުނު ޔަހޫދީއަކު އިސްލާމީ ލަޝްކަރުގެ ފާރަވެރީންގެ ބޭކަލުންނަށް ފެނިވަޑައިގެން އޭނާ ހައްޔަރުކުރެއްވިއެވެ. އޭނާގެ ޖާނު ސަލާމަތްކޮށްދެއްވުމުން އޭނާ ވަނީ ކިއްލާގައި ހަތިޔާރު ރައްކައުކޮށްފައިހުރި ތަންތަން ދައްކައިފައެވެ. އެ ހަތިޔާރުގެ ތެރޭގައި ކިއްލާތައް ޙިޞާރުކޮށްގެންތިބެ ހަނގުރާމަކުރާއިރު ހިލައުކާން ބޭނުންކުރާ ބޮޑެތި ސާޅަނގަތަކާއި ކިއްލާތަކުގެ ފާރުވައްޓާން އެތަކެތީގެ ދަށަށް ވަދެގެން ފާރުކައިރިޔަށްދާ ދައްބާބުތައްވެސް ހުއްޓެވެ. މުސްލިމުންނަށް އެ ހަތިޔާރުތައް ލިބުމުން ކިއްލާތައް ފަތަޙަކުރާން ވަރަށް ފަސޭހަވިއެވެ.
ކުރީންވެސް ދެންނެވިފަދައިން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރު ހަނގުރާމައިގައިވެސް އަމިއްލަފުޅު ހަށިކޮޅާއިގެން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ޤަމޫޞުގެ ޙިޞާރުގައި ހަނގުރާމަކުރައްވަނިކޮށް އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އިސްތަށިފުޅުގައި ރިހިވަޑައިގެންނެވުމުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. ޤަމޫޞުގެ ޙިޞާރުކުރެއްވުމުގެ ތެރޭގައި ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޞަޙާބީންނަށް ހިތްވަރުދެއްވައި ޖޯޝު އުފެއްދެވުމަށްޓަކައި އެއްދުވަހަކު ޙަދީސުކުރެއްވިއެވެ.
"އަހުރެން މާދަމާ މިދިދަ ދޭހުށީ މާތް اللّــــه އެމީހެއްގެ އަތްމައްޗަށް ފަތަޙަދެއްވާނެ މީހަކަށެވެ. މާތް اللّــــه އާއި އެކަލާނގެ ރަސޫލާ އެމީހަކުދެކެ ލޯބިވާ އަދި އެމީހަކުވެސް މާތް اللّــــه އާއި އެކަލާނގެ ރަސޫލާދެކެ ލޯބިވާ މީހަކަށެވެ."
عــلاّمــــة شبــلـــى نـعـمــانــــى އާއި عــلاّمــــة سيّــد سـليمـان نـــدوى ލިޔުއްވައިފައިވެއެވެ.
"އެރެޔަކީ ނިހާޔަތުގެ އުންމީދާއެކު ޞަޙާބީންގެ ޖަނަރަލުން މާދަމާއަށް އިންތިޒާރު ކުރައްވަމުން ގެންދެވި ރެޔެކެވެ. ޞަޙާބީންގެ ހުރިހައި ބޭކަލުންވެސް އެރޭ ހޭދަކުރެއްވީ ނުހަނު ބޭޤަރާރުފުޅުކަމުގައެވެ. މާދަމާ އެ ފަޚުރުވެރި ތާޖުގެ ނަސީބު ލިބިވަޑައިގަންނަވާނީ ކޮންބޭކަލަކަށްތޯ ބެއްލެވުމަށްޓަކައެވެ. عــمـــــر رضـــــى اللّـــه عــنـــــه އަކީ ދުވަހަކުވެސް ވެރިކަމަށް އެދުންވެރިވެވަޑައިގެންނެވި ބޭކަލެއް ނޫނެވެ. އެކަލޭގެފާނުގެ ޣީރަތާއި ޢިއްޒަތުއްނަފުސު އެކަމަކަށް ހުއްދައެއް ނުދެއެވެ. އެކަމަކު ޞަޙީޙު މުސްލިމުގެ "ފަޟާއިލް ޢަލީ" މި ބާބުގައި ބަޔާންކުރައްވައިފައިވެއެވެ. عــمـــــر ގެފާނު އަމިއްލަފުޅަށް އިޢުތިރާފުވެވަޑައިގެންފައިވާ ގޮތުގައި އެކަލޭގެފާނުގެ ވެރިކަމުގެ އެދިވަޑައިގެންނެވުމުގެ އެދުންފުޅު އެރެޔަކު އެކަލޭގެފާނުގެ ޢިއްޒަތުއްނަފުސު ދެމިހުއްޓަކަ ނުދިނެވެ."
ޞަޙާބީންގެ އަރައިތިއްބެވި ޖަނަރަލުންގެ ހިތްޕުޅުތަކުގައި އެރޭ މާދަމާގެ ދިދަޔަށް ޝައުޤުވެރިކަން ހުރިވަރާއި އެބޭކަލުން ނުހަނު ބޭޤަރާރުކަމާއެކު އެކަމަށް ކުރެއްވި އިންތިޒާރުގެ ވާހަކަ އަޅުގަނޑުވަނީ ބަޔާންކޮށްފައެވެ. އަޅުގަނޑު ލިޔުނު ފޮތެއްކަމުގައިވާ "ނަބަވީ އިރުގެ ރަންދޯދިތައް" މިފޮތުގައެވެ. އެފޮތުގެ މަޒުމޫނެއް ކަމުގައިވާ "ރަތްކުލައިގެ ޖަމަލުތަކެއް ލިބުމަށްވުރެ މާބޮޑު ހެޔޮކަމެއް" މި މަޒުމޫނުގައެވެ.
ކޮންމެއަކަސް ވިދިގެންއައި ދުވަހުގެ ހެނދުނު عــلــــــى كــــــرّم اللّــــه وجـهــــه ނަބަވީ ދަރުބާރަށް ބޭނުންފުޅުވެގެން އެކަމުގެ ފަތްތޫރަ ނުކުމެއްޖެއެވެ. عــلــــــى كــــــرّم اللّــــه وجـهــــه ހާޒިރުވެވަޑައިގެންނެވިއިރު ހުންނެވި ހަނގުރާމަޔަށް ޢުޒުރުވެރިވެވަޑައިގަންނަވާފަދަ ހާލުކޮޅެއްގައެވެ. އެކަލޭގެފާނުގެ ދެލޯފުޅަށް ވަރަށްބޮޑަށް ލޮލުރޯގާގެ އާލާސްކަންފުޅު ޖެހިފައިވާތީއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ ދަވަފޮދު عــلــــــى ގެފާނުގެ ލޯފުޅުގައި ތުރުކޮށްދެއްވައި ދުޢާފުޅު ކުރެއްވިއެވެ. عــلــــــى رضـــــى اللّــــه عــنـــــه ގެ ދެލޯފުޅުގައިހުރި އާލާސްކަންފުޅު ވަގުތުން ފަސޭހަފުޅުވެއްޖެއެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން