ހުޅުމާލޭ ފޭސް 2 އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މެދުފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ އެ މަޝްރޫއު ދޫކުރުމުގައި އިސަކަންދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށާއި ނަމަވެސް އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށެވެ.

އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށާއި އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި އޮޕަރޭޓަރުގެ ތަޖުރިބާ އަދި ސީއެސްއާރު ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް މިމަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީއޯއައި ހުށަހަޅަންވާނެ ކަމަށާއި އީއައިއޯ ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށް ކަމަށެވެ.

އެ މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓް، https://www.hdc.mv/announcements/ އިން ލިބެން ހުންނާނެއެވެ. އަދި އެ ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.