ކުޅިވަރުގެ ދާއިރާއިން ދިވެހި ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓުބޯޅަ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވެއްޖެއެވެ.

މިއަހަރު އުމުރުން 76 ފުރޭ މައްލާ އަވަހާރަވީ ސިއްހީ މައްސަލަތަކެއްގައި އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މައްލާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ، ކުޅިވަރު ކުރިއެރުވުމުގައި ބައިގަރުނަށްވުރެ ގިނަދުވަހު ގައުމަށް ހިދުމަތްކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށެވެ.

ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ގައުމީ ހިތްވަރުދިނުމުގެ އިނާމާއި ގައުމީ ޝަރަފުވެރިކަމުގެ އިނާމާ، އަދި ދައުލަތަށް ދިގުމުއްދަތަކު ހިދުމަތްކުރެއްވުމުގެ އިނާމާއި، ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑްވެސް ހާސިލްލްކުރައްވާފައިވާ ގައުމީ ހިދުމަތުގެ ނަމޫނާ ޝަޚުސިއްޔަތެއް ކަމުގައިވާ މައްލާ ޅަތުއްތު އަވަހާރަވި މި ހިތާމަވެރި ވަގުތު، އެ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

މައްލާ އަވަހާރަވުމުގެ ހަބަރާއެކު ރައީސް މުއިއްޒުގެ އިތުރުން އެކިފަރާތްތަކުން އަންނަނީ ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

"މާތް ﷲ ގެ ތަނަވަސް ރަހުމަތާއި މަގްފިރަތުގައި، އަދި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް މައްލާ ޅަތުއްތު ލަހައްޓަވާށިއެވެ. އާމީން." ރައީސްގެ ތައުޒިޔާގެ މެސެޖުގައިވެއެވެ.

ރާއްޖޭގެ އެއްވަން ރެފްރީންގެ ތެރޭގައި 1969 ވަނަ އަހަރުންފެށިގެން ހިދުމަތް ކުރައްވަމުން ވަޑައިގެން މައްލާވަނީ 1990 އިން 1993 އަށް ފީފާ ބެޖުގައި ރެފްރީކަން ކުރައްވައިފައެވެ. ގައުމީ މުބާރާތްތަކުގެ އިތުރުން، އޭޝިއަން ކްލަބް ޗެމްޕިއަންޝިޕާއި، ސާފް ގޭމްސް އާއި، ސްރީ ލަންކާގެ ފުރަތަމަ ޑިވިޝަނުގެ މެޗްތަކުގައިވެސް މައްލާ ވަނީ ރެފްރީކަން ކުރައްވައިފައެވެ.

އެންމެ މަތީ ފަންތީގައި ރެފްރީކަން ކުރެއްވުމުގެ އިތުރުން މައްލާ ވަނީ ގިނަ ރެފްރީންތަކެއް ތަމްރީންވެސް ކޮށްދެއްވައިފައެވެ. އޭގެ އިތުރުން ރާއްޖޭގެ ފުރަތަމަ ރެފްރީޒް ބެޖް ފަރުމާ ކުރެއްވީ ވެސް މައްލާއެވެ. އަދި 1982 ވަނަ އަހަރު އެފްއޭއެމް އުފެދުމުން އެ އެސޯސިއޭޝަނުގެ ލޯގޯ ވެސް ފަރުމާކުރެއްވީ އޭނާއެވެ.

ސިފައިންގެއިން ގައުމީ ހިދުމަތަށް ނުކުމެވަޑައިގެންނެވި މައްލާ ވަނީ އެސްޓީއޯގައި ވެސް ގިނަ ދުވަސްތަކެއްގައި ހިދުމަތް ކުރައްވައިފައެވެ. އެގޮތުން އެކި ދާއިރާތަކުގައި ދިވެހި ދައުލަތަށް 43 އަހަރު ދައުލަތަށް ކޮށްދެއްވި ހިދުމަތްތައް ފާހަގަ ކުރައްވައި، 2022 ވަނަ އަހަރު ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ވަނީ މައްލާއަށް ދެއްވައިފައެވެ.