ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ 62އ މަރާލަން ރާވައި، އެކަމަށް ހިތްވަރާއި އިރުޝާދުދީ، ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދިނީ އެ މައްސަލައިގައި ދައުވާ ލިބޭ ހަސަން ފަވާޒު ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.
ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ އެ ރަށު ތިން މީހުންނަށެވެ. އަހުޒަމް އަބްދުއްޝުކޫރު އާއި ރިފާޝް އަބޫބަކުރު ގެ އިތުރުން ހަސަން ފަވާޒަށެވެ.
އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގަ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
އެ ތިން މީހުންގެ މައްޗަށް ވަކިވަކިން ހިންގާ ޝަރީއަތުގައި މިއަދު އޮތީ، ދައުވާ އިއްވުމާއި ޖަވާބުދާރީވުމުގެ ބައެވެ.
މިއަދުގެ އަޑުއެހުމުގައި ފަވާޒްގެ މައްޗަށް ދައުވާތައް އުފުލި ސަބަބު ހާމަކުރަމުން ދައުލަތުން ބުނެފައި ވަނީ ނައިމާ މަރާލީ ފަވާޒްގެ އެންގުމަށް ކަމަށާއި އަހުޒަމް އާއި ރިފާޝްއަށް އެކަމުގެ އަގެއްގެ ގޮތުގައި ދިނީ މަސްތުވާތަކެތި ކަމަށެވެ. ދައުލަތުން ބުނީ، ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި، ސިހުރު ހަދާ މީހުން މަރައިގެން ފާފަވެރި ނުވާނެ ކަމަށް ރިފާޝް އަދި އަހުޒަމަށް ފަވާޒް ވިސްނައިދީފައިވާ ކަމަށެވެ. އަދި ނައީމާ މަރާލުމަށް ބޭނުންވާ އާލަތްތައް ހޯދައި، އެ ދެ މީހުން ނައީމާ ދިރިއުޅޭ ގެއަށް ގެންދިޔައީ ފަވާޒް ދުއްވާ ކާރުގައި ކަމަށާއި، އެމީހުން ނައީމާ ދިރިއުޅޭ ގެއަށް ވަނީއްސުރެ ފޯނުން އެމީހުންނަށް ކަން ކުރާނެ ގޮތުގެ އިރުޝާދު ދިނީވެސް ފަވާޒް ކަމަށެވެ.
ދައުލަތުން ބުނީ، ނައީމާ މަރާލުމަށް ފަހު، ފަވާޒުގެ ކާރުގައި މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް، ވަޅުގަނޑެއް ކޮނުމަށްފަހު ހުރިހާ އެއްޗެއް އަންދާލަން އިރުޝާދުދީ، ފެޓްރޯލް ހަމެއް ދީފައިވާ ކަމަށާއި، އެތަކެތި އަންދާލުމުން އެ ސަރަހައްދުން އަނބުރާ ގެންދިޔައީ ވެސް ފަވާޒްގެ ކާރުގައި ކަމަށެވެ.
ދައުލަތުން ފަވާޒްގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލީ، ރިފާޝް ހައްޔަރު ކުރުމާއެކު ކުރިން ގެންގުޅުނު ފޯނު ނައްތާލުމަށްފަހު އާ ފޯނެއް ފަވާޒް ގަތުމުންނެވެ. ދައުލަތުން ބުނި ގޮތުގައި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ، ނައީމާ މަރާލުމަށްފަހު އޭނާ އޮތް ކޮޓަރި އެތެރެއިން ތަޅުލާން އިރުޝާދު ދީފައި ވަނީ ފަވާޒް ކަމަށްވާތީއެވެ.
ނައީމާގެ ހަށިގަނޑު ފެނިފައިވަނީ މަރާލިތާ 40 ގަޑިއިރު ފަހުންނެވެ. އެއިރު އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. ނައީމާގެ މޫނުވެސް އޮތީ ވަރަށް ބޮޑަށް ކުނިވެ، ކަޅުވެފައެވެ.
ފަވާޒް ވަނީ އޭނާއަށް އިއްވި ތިން ދައުވާއަށްވެސް އިންކާރުކޮށް ނައީމާ މަރާލުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފައެވެ.
މިއަދު ހެނދުނު ވަނީ ރިފާޝްގެ މައްޗަށްވެސް ދައުވާތައް އިއްވާފަ އެވެ. ނަމަވެސް އޭނާ ވަނީ މިއަދު ޖަވާބުދާރީވާން އުޒުރުވެރިވެފަ އެވެ. މިއަދު މެންދުރު ފަހު އަހުޒަމަށް ދައުވާ އިއްވިއިރު އޭނާވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
ނައީމާ މަރާލާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ އަންނާރުމާގޭ ކޮޓަރިން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. އޭނާގެ ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވެއެވެ.
"ވަން" މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާ މަރާލުމަށް އެ ގެއަށް ވަދެފައިވަނީ އަހުޒަމް އެވެ. ފާރައަށް ރިފާޝް ހުރި އިރު، އެ ދެ މީހުން އަރުވައިގެން ނައީމާ ގެއަށް ގެންގޮސްދިން ކާރު ދުއްވަން އިނީ ފަވާޒްކަންވެސް އެނގިފައިވެއެވެ. އެނގިފައިވާ ގޮތުގައި ނައީމާއަށް ހަމަލާދިނުމަށް އަހުޒަމް އެ ގެއަށް ވަނީ ހެޒްމެޓް ސޫޓެއް ލައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު