މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށް ތުހުމަތުކޮށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ހުށަހެޅި މައްސަލައިގައި ތުހުމަތު ކޮށްފައިވާ މައްސަލަތަކަށް ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ޝަމީމު މަގާމުން ވަކިކުރެއްވުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދު އެކަމަށް އެދިވަޑައިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވި ސިޓީ ވަނީ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲއަށް ފޮނުއްވައިފައެވެ.
މަޖިލިސް ރައީސްގެ އެންގެވުމަށް އެ ސިޓީ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފައެވެ.
މަޖިލީހުގެ އަމީން އާއްމު އެ ސިޓީ މަޖިލިސް ތަޅުމަށް އިއްވެވުމުން މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވިއެވެ.
އެކަމާބެހޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ޝަމީމަށް ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމާމެދު ބަހުސް ކުރިއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ، ކޮމިޓީއަށް ވަޑައިގެން، ތުހުމަތުތަކަށް ޖަވާބުދާރީވެ ވަޑައިގެންނެވުމުގެ ފުރުސަތު އޮތްކަމަށް ސިޓީއަކުން ޝަމީމަށް އެންގެވުމަށެވެ. ކޮމިޓީން ފާސް ކުރީވެސް އެ ހުށަހެޅުމެވެ.
އެހެންކަމުން ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ، މަޖިލިސް ގަވާއިދުގައިވާގޮތުގެ މަތިން އެ ތުހުމަތުތަކަށް ޖަވާބުދާރީވެ ވަޑައިގެންނެވުމަށް ޝަމީމަށް ފުރުސަތު އޮތްކަން ފަސް ދުވަހުގެ ނޯޓިސްއެއް ސިޓީއަކުން ޝަމީމަށް މިއަދު ފޮނުއްވާނެ ކަމަށެވެ.
އެގޮތަށް ފާސްކުރުމާ ގުޅިގެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުންގެ ތެރެއިން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، ޕީޖީގެ މަގާމުން ޝަމީމް ވަކި ކުރުމަށްޓަކައި އަށް ތުހުމަތެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދީނީގޮތުންނާއި އެހެން ގޮތްގޮތުން ބަލާއިރު ބޮޑެތި ތުހުމަތުތަކެއް ހިމެނޭތީ، އެކަންކަން ރާއްޖޭގެ ރައްޔިތުން ހިމެނޭނެހެން ސާފުވާންޖެހޭ ކަންކަންކަމަށްވާތީ ޝަމީމް ޖަވާބުދާރީވާ ބައްދަލުވުން މީޑިއާ ހާޒިރުކޮށްގެން ސިއްރު ނުކޮށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނާޒިލުގެ ވާހަކަތަކަށް ތާއީދުކޮށް ދެން އިންނެވި އެމްޑީޕީގެ މެންބަރު ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ، ޝަމީމަށް ކޮށްފައިވާ ތުހުމަތު ތަކަކީ ބޮޑެތި ތުހުމަތުތަކެއް ކަމަށްވާތީ ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ދެ މެންބަރުގެ ވާހަކަތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކު ވިދާޅުވީ، ކޮމިޓީ ސިއްރު ކުރުމާއި ނުކުރުން އެއީ މުގައްރިއަށް އޮންނަ ކަމެއް ނޫން ކަމަށެވެ. އެކަމަކީ ކޮމިޓީގެ މެންބަރުން ހުށަހަޅައިގެން ފާސްކުރާ ކަމެއް ކަމަށާއި ކޮމިޓީ ސިއްރު ކުރަން ހުށަހަޅައި ފާސްނުކުރާހާ ހިނދަކު ކޮމިޓީ ބައްދަލުވުން ކުރިއަށްދާނީ އާންމު އުސޫލުން ލައިވްކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
ޝަމީމު މަގާމުން ވަކިކުރުމަށް މެންބަރު ޝާހިދު ފޮނުއްވި ސީޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން ޕީޖީއަކީ ވަކި ފަރާތަކަށް ނުޖެހި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާ އެކު، ހާމަކަމާއި ހަމަހަމަކަމާ އެކު މަސައްކަތް ކުރައްވަންޖެހޭ ބޭފުޅެއް ކަމުގައިވީ ނަމަވެސް އެގޮތާ ހިލާފަށް ޕީޖީ ކަމުގައި ހުންނަވައިގެން ޝަމީމު އަމަލުކުރައްވާފައިވާ ކަމަށެވެ.
އެ ސިޓީގައި، މެންބަރު ޝާހިދު ވަނީ، ޕީޖީކަމުގެ މަގާމު ބޭނުންކޮށްގެން، ޝަމީމް ކުރައްވާފައިވާ ބައެއް ކަންކަންވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރޭޕުކުރި ކަމަށް ތުހުމަތުވާ އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލުކުރެއްވި ކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ.
"މި މައްސަލަ ފައިލްކުރީ ހެކިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބަޔާންކޮށް ކަމުގައިވީ ނަަމަވެސް މިއީ އެއިރު ވެރިކަން ކުރި އެމްޑީޕީން އެންގި ގޮތަށް މަގާމުގެ ދިފާއުގައި ކުރި ކަމެއް،" ޝާހިދުގެ ސިޓީގައިވެއެވެ.
ޝާހިދު ވިދާޅުވީ، ކޯޓު އަމުރު ފޮނުވައިގެންވެސް، ހެކިބަސް ހޯދޭ ކަމަށާއި އެކަމަށް އިޖުރާއަތްތައް، ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ޝާހިދުގެ ސިޓީގައި ވިދާޅުވީ، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ ޝަމީމް އަނބުރާ ގެންދެވީ، އެއިރު މަޖިލީހުގައި އަގުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އޭނާ މަގާމުން ވަކިކުރުމަށް މައްސަލައެއް އެޖެންޑާކޮށްފައި އޮއްވައި ކަމަށެވެ. އަދި މަހުލޫފުގެ މައްސަލަ އަނބުރާ ގެންދިއުމުން ޝަމީމު މަގާމުން ވަކިކުރަން ފެށި މަސައްކަތް އެމްޑީޕީން ހުއްޓައިލި ކަމަށްވެސް ވިދާޅުވިއެވެ.
އެ ސިޓީގައި އިތުރަށް ވަނީ ސަފާރީ ރޭޕް ކޭސް އިސްތިއުނާފު ނުކުރުމާއި ކުރީގެ މެންބަރު ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންދިއުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ ބައެއް ދައުވާތައް އަނބުރާ ގެންދިއުމާއި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަކީވެސް، ޝަމީމް ޕީޖީކަމުގެ ނުފޫޒު ބޭނުންކޮށްގެން ކުރެއްވި ކަމެއް ކަމަށް ތުހުމަތުކުރައްވައިފައެވެ.
މީގެ އިތުރުން ޝާހިދު ފާހަގަކުރެއްވި ގޮތުގައި ޝަމީމު ގެންދަވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައިވެސް ތަފާތުކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު