ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް އީރާނާއި ފްރާންސްގެ ޕެރިހަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 1.8 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން އިއްޔެ ބުނީ މިދިޔަ މަހު 24 އިން 29 އަށް ނައިބު ރައީސް އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ލިބިވަޑައިގަތް ދައުވަތު ގަބޫލު ކުރައްވައި ފްރާންސްގެ ވެރިރަށް ޕެރިހަށް ކުރެއްވި ދަތުރުފުޅަށް ދިވެހި ދައުލަތުން ހަރަދުކޮށްފައިވަނީ 1.34 މިލިއަން ރުފިޔާ ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ދައުވަތު ނައިބު ރައީސް ގަބޫލުކުރެއްވީ، ރާއްޖޭގެ އެތުލީޓަކު ފުރަތަމަ ފަހަރަށް ކޮލިފައިވެގެން އޮލިމްޕިކްސްގައި ބައިވެރިވެފައިވާ ފަހަރު ކަމަށްވާތީއެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސް ވަނީ އިރާންގެ އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ގައުމަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައިވެއެވެ. އަދި އެ ގައުމުގައި ތިބި ދިވެހީންނާވެސް ބައްދަލުކުރައްވައިފައި ވެއެވެ.

އެ ދަތުރުފުޅަށް ދައުލަތުން ހަރަދުވީ 464،617 ރުފިޔާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.