މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ލިބޭނެ ކަމަށް ބުނެފިއެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ރައްޔިތުންނަށް ބޭރަށް ނުކުމެ އުޅުން އުނދަގޫވެފައިވާތީ ރައީސް، ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ.

ބީއެމްއެލްއިން ބުނީ ސަރުކާރު ބަންދު ދުވަހަކަށް ވިޔަސް އެމްއެމްއޭ އިން ބޭންކުތައް ހުޅުވުމަށް ނިންމާފައިވާތީ، މާދަމާ އެ ބޭންކުން ރަސްމީ ދުވަހެކޭ އެއްގޮތަށް ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ، މާދަމާ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތާއި ސިޓީއާއި ތަކެތި ބަލައިގަންނާނެ ކަމަށެވެ.