މާލެ ސިޓީގައި ފެން ބޮޑުވުމާ ގުޅިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން އާންމު ކުރި މެސެޖެއްގައި ބުނީ، ބޯކޮށް ވާރޭ ވެހި، މާލޭގެ މަގުތަކުގައި ފެން ބޮޑުވެ ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާތީ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން މާލޭގެ މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް އަންގާ ކަމަށެވެ.

އަދި ހަތަރު ފުރޮޅުލީ އުޅަނދު ވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވުމަށް ފުލުހުންގެ އެ މެސެޖުގައިވެއެވެ.

މެޓުން ވަނީ، މާލެ ސަރަހައްދަށް އޮރެންޖު އެލާޓު ނެރެފައެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ވެހެން ފެށި ވާރޭ އަދިވެސް ނުހުއްޓައެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާ އިރު، ހިނގާ މީހުންނަށާއި ވެހިކަލްތައް ދުއްވުމަށް ވަނީ ހުރަސްއެޅިފައެވެ.