ވޯކް ޕާމިޓް ފީއާއި ކޯޓާ ފީ ބޮޑުކުރެވޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހެޅި އިސްލާހަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ދެކޮޅު ހައްދަވައިފިއެވެ.
ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަނީ، ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350 ރުފިޔާ އަދި ކޯޓާ ފީގެ ގޮތުގައި އަހަރަކު 2،000 ރުފިޔާ ދައްކަންޖެހޭ ގޮތަށެވެ. ނަމަވެސް ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ، ގަވާއިދަކަށް ގެންނަ އިސްލާހަކުން އެ ފީތައް ބޮޑު ކުރެވޭ ގޮތަށެވެ. އެގޮތުން ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ގިނަވެގެން ކޮންމެ ދޮޅު އަހަރަކުން އެ ފީތަކަށް ބަދަލު ގެނެވޭ ގޮތަށް ހެދުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.
އެހެންކަމުން މަދުވެގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރު، ގިނަވެގެން 18 މަސްދުވަހުގެ މުއްދަތަކަށްވުރެ ކުރު ނުވާނެ ގޮތުގެ މަތިން މުރާޖާކޮށް އެ ދެ ފީއަށް ބަދަލު ގެނެވޭނެއެވެ. އެގޮތަށް މުރާޖާކުރުމަށް ފަހު ކަނޑައަޅާ ފީ، އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ 30 ޕަސެންޓަށްވުރެ އިތުރު ވެގެން ނުވާނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
އެހެންކަމުން ވޯކް ޕާމިޓްގެ ގޮތުގައި މިހާރު ނަގާ ފީ 350 ރުފިޔާ އިން 455 ރުފިޔާއާ ހަމަައަށް އަދި ކޯޓާ ފީ 2،000 ރުފިޔާ އިން 2،600 ރުފިޔާއާ ހަމައަށް ފުރަތަމަ ފަހަރަށް ބޮޑު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީގައި މިއަދު އޮތް ބައްދަލުވުމުގައި އެ ފީތައް ބޮޑުކުރުމަށް ދެކޮޅު ހައްދަވައި ގާސިމު ވިދާޅުވީ، ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން ޓެކުސްއެއް ނެގޭނީ ގާނޫނެއްގައި އޮންނަ ގޮތެއްގެ މަތިން ކަމަށެވެ.
"މިހާރު މިގޮތަށް މިކަން ދޫކޮށްލީމާ މިވާ ގޮތަކީ އިތުރަކަށް މިކަންކުރަން ރައްޔިތުންގެ މަޖިލީހަށް އަންނާކަށް ނުޖެހޭނެ ސަރުކާރަކަށް، ރައްޔިތުންގެ މަޖިލީހަށް ނައިސް ސަރުކާރަށް ކުރެވޭނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާ ސަރުކާރާ ދެކޮޅު ހައްދަވަނީ ނޫން ކަމަށާއި މިކަންކަމަކީ ސަރުކާރާއި ރައްޔިތުންގެ ލާބައަށް، ހެޔޮ ނިޔަތުގައި ކުރައްވާ ކަންކަން ކަމަށެވެ. ގާސިމް އިތުރަށް ވިދާޅުވީ ކޯޓާ އާއި ވޯކް ޕާމިޓު ފީތައް ނުދައްކައި ތިބި މީހުންގެ މައްސަލަ އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވޭ ކަމަށާއި އެކަން ހައްލު ކުރުމުން މިހާރު ލިބޭ އެއްޗެއްގެ ދެގުނަ ލިބޭނެ ކަމަށެވެ.
މުޅި ދައުލަތުން މިބާވަތުގެ ބިލެއް ފާސްކުރާއިރު ސަރުކާރާ ދިމާލަށް ނަފުރަތުގެ ނަޒަރިއްޔާތުން އިނގިލި ދިއްކުރުމަށްވުރެ ކަންކަން ހަމައަކަށް އަޅުވައިގެން ރީތިކޮށް ކަންކަން ކުރެވޭނެ އުސޫލެއްގެ ދަށުން މިކަންކަން ގެންދިއުމުގެ މުހިންމުކަން ބޮޑުވާތީ އެވާހަކަ މި ދެންނެވީ،" ގާސިމް ވިދާޅުވިއެވެ.
"މިކަން އެކަނި ކޮށްގެން މިކަން އަޅުގަނޑުމެންނަކަށް މިކަމެއް ނުހުއްޓޭނެ. ހުރިހާ ދިމާލަކުން ނަގާ ޓެކްސްތައް ބޮޑު ކުރީމާ، ދައުލަތަށް ނަގާ އާމްދަނީ އިތުރުކޮށްގަތީމަ ރައްޔިތުންގެ މެދުގައި ހިނގައިގެންދާނެ ހަމަނުޖެހުމާއި ރައްޔިތުންނަށް އަންނާނެ އިހުސާސްތަކަށް ބަލައިލަން ޖެހޭނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައްޔިތުން "ރުޅިއަރުވާލައިގެން" ނުވަތަ ރައްޔިތުންނަށް "ނެގެޓިވް އިމްޕެކްޓް" އަންނަ ގޮތަށް ގާނޫނުތައް ހެދުމުން ނިކަމެތިކަން ލިބިގެންދާނީ މިއަދުގެ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ 30 ޕަސެންޓަށްވުރެ އިތުރުނުވާ ގޮތަށް ކޮންމެ ތިން އަހަރަކުން އެއް ފަހަރު، ގިނަވެގެން 18 މަސްދުވަހުގެ މުއްދަތަކަށްވުރެ ކުރު ނުވާނެ ގޮތުގެ މަތިން މުރާޖާކޮށް އެ ދެ ފީއަށް ބަދަލު ގެނެވޭނެ ގޮތަށް ބޭއްވުމަށް ތާއީދު ނުކުރެއްވޭ ކަމަށެވެ. އެކަމުގެ ސަބަބުން އެއިރެއްގައި އޮންނަ ސަރުކާރަކުން އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.
މިހާރުވެސް ޓެކްސްތައް ބޮޑުވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ، ދިވެހިރާއްޖެއަށް އަންނަ އިންވެސްޓަރުންގެ އިތުބާރުވަނީ ވަރަށް ބޮޑަށް ކުޑަވެފައި. ކޮންމެ ގާނޫނެއް ކޮންމެ ފަހަރަކު ކޮންމެ ދައުރަކު ބަދަލުކޮށްގެން ކުރާ ކަންކަމުގެ ގޮތުގައި އޮވެގެން ނުވާނެ،" ނާޒިމު ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އޭނާއަށް ބުރަވެވެނީ މި ދެ މާއްދާ އުނިކުރުމަށް ކަމަށެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ބެހެއްޓުމުގެ މާއްދާ ވެސް އިސްލާހު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމް އާއި ނާޒިމް ވަނީ ބިދޭސީން ގެންނަ ފަރާތްތައް އިހުމާލުވެއްޖެ ނަމަ، 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އޮތް މާއްދާ އިސްލާހު ކުރުމަށް ވެސް އެދިވަޑައިގެންފައެވެ. ގާސިމް ވިދާޅުވީ އެ އަދަދަކީ ބޮޑު އަދަދެއް ކަމަށާއި އެހާ ބޮޑު އަދަދެއް ދައްކަން ޖެހުމުން ރައްޔިތުންނަށް ބޮޑު ބުރައަކަށްވާނެ ކަމަށެވެ.
ނާޒިމް ހުށަހެޅުއްވީ 5000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބަދަލު ކުރުމަށެވެ. އެކަމަށް ގާސިމް ތާއީދު ކުރެއްވިއެވެ. ނަމަވެސް ކޮމެޓީން ފާސްކުރީ 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އޮތް އިސްލާހަށް ބަދަލެއް ނުގެނުމަށެވެ.
ވޯކް ޕާމިޓް ފީއާއި ކޯޓާ ފީ ބޮޑުކުރެވޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހެޅި އިސްލާހަށް ގާސިމް ތަކުރާރުކޮށް ދެކޮޅު ހައްދަވައި ވާހަކަދެއްކެވި ނަމަވެސް، މިއަދުގެ ކޮމެޓީން ވަނީ ބަދަލެއް ނުގެނެސް މި ބިލް ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު