ކުރީގެ ސަރުކާރުގައި ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ކުންފުންޏަށް 44 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ދިން ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ ކުންފުންޏަށް އަންގައިފިއެވެ.
މި މައްސަލައަކީ އާސަންދަ އިން ހަ ބުރީގެ ހޮސްޕިޓަލް އިމާރާތެއް އެޅުމަށް 29 ޑިސެމްބަރު 2016 ވަނަ އަހަރު އެ ކުންފުންޏާ ހަވާލުކުރި ޕްރޮޖެކްޓަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ.
ފަނަރަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކުރި އެ ޕްރޮޖެކްޓްގެ އަގަކީ 61 މިލިއަން ރުފިޔާއެވެ. ނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުގޮސް އޮއްވައި ކުރިމަތިވި ބަޖެޓް މައްސަލަތަކަކާ ގުޅިގެން ޖޫން 2017 ގައި އާސަންދަ އިން އެ ޕްރޮޖެކްޓް މަޑުޖައްސާލަން އެންގިއެވެ. އެކަމުގެ ސަބަބުން ނޯތް ކޯސްޓަށް ލިބެން އޮތް 18.3 މިލިއަން ރުފިޔާ ނުލިބުމަކީ ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކުންފުނިން ބުންޏެވެ.
އަދި ފަހުން އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހާއި އާސަންދަ ކުންފުންޏާއި އިކޮނޮމިކް ކައުންސިލުގައި މަޝްވަރާ ކުރުމަށްފަހު 23 ޖެނުއަރީ 2023 ގައި ސެޓަލްމަންޓް އެގްރިމެންޓެއްގައި ސޮއިކުރިއެވެ. އެ އެގްރީމެންޓުގައިވާ ގޮތުން އެ ޕްރޮޖެކްޓަށް ވަގުތު ހުސްކުރަން ނޯތު ކޯސްޓްގެ ބައެއް ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން މާލީގޮތުން ގެއްލުންތަކާ ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
އެހެންވެ ސެޓަލްމަންޓް އެގްރިމެންޓްގެ ދަށުން އެ ޕްރޮޖެކްޓްގެ ބަދަލުގައި އެހެން ޕްރޮޖެކްޓެއް ހަވާލުކުރަން ނިންމައި، އެޗްޑީސީން ހުޅުމާލޭގައި ހަދާ 10 ބުރީގެ އިމާރާތެއް ހަދަން އެ ކުންފުންޏާ ހަވާލުކުރިއެވެ. އަދި ޕްރޮޖެކްޓްގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން 44 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާކަން މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކުން ދައްކައެވެ.
މި މައްސަލަ ބަލަން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވަމުން އެ ކޮމިޓީގައި އިންނަވާ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، އާސަންދަ ކުންފުނީގެ ޕްރޮޖެކްޓް ހުއްޓާލުމުން ނޯތް ކޯސްޓަށް 18 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަަމަށް ބެލެވޭއިރު، އެއާ ނުބައްދަލު ބޮޑު ޕްރޮޖެކްޓެއް ހަވާލުކޮށް 44 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.
އެކަމުގެ ސަބަބުން ދައުލަތަށް 44 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށާއި އެކަމާބެހޭ ސައްހަ މައުލޫމާތު ހޯދަން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު ކުންފުނިން ސާފު ކުރުމަށް ބާރަށު ދާއިރާގެ މެންބަރު ސުޖާއު ހުށަހަޅުއްވައިގެން ފާސްކުރިއެވެ. އަދި އެ މައްސަލައަކީ އޭސީސީ އިން ބަލަމުންގެންދާ މަައްސަލައަަކަށްވާތީ އެކަމާބެހޭ އެންމެ ފަހުގެ އަޕްޑޭޓް އޭސީސީން ހޯދުމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހަޅުއްވައިގެން ފާސްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު