ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ނަން އިއްވި އެމްޑީޕީގެ ހަތަރު މެންބަރުން ނިކުންނަންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ދެންމެ މެދު ކަނޑާލައިފިއެވެ.
މިއަދުގެ ޖަލްސާގައި ނަން އިއްވައި ޖަލްސާއިން ނިކުންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އެންގެވީ، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުއަށެވެ.
އެ މެންބަރުންގެ ނަން އިއްވީ މަޖިލީހުގެ މިއދުގެ ޖަލްސާގައި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން ޖަލްސާ ހޫނުވެ މެންބަރުންގެ މެދުގައި އަޑުގަދަވެ، ރިޔާސަތުން މަޖިލިހުގެ ރައީސް ދެއްވި އިންޒާރުތަކަށް ކިޔަމަންނުވުމުންނެވެ.
އެމްޑީޕީ މެންބަރުން ވިދާޅުވީ، އެ ބޭފުޅުން ކުރައްވާ ސުވާލުތަކަށް މިނިސްޓަރު ޖަވާބު ނުދެއްވާ ކަމަށެވެ. އެ މައްސަލައިގައި މެންބަރުން ނިޒާމީ މައްސަލަވެސް ނެނގެވިއެވެ. ނަމަވެސް ބައެއް ނިޒާމީ މައްސަލަތަކަށް ރިޔާސަތުން ފުރުސަތު ނުދެއްވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެ ވަގުތުތަކަކީ ނިޒާމީ މައްސަލައަށް ފުރުސަތު ދޭންޖެހޭ ވަގުތު ނޫން ކަމަށެވެ.
އެންމެ ފުރަތަމަ ނަން އިއްވަވައި ޖަލްސާއިން ނުކުންނެވުމަށް އެންގެވީ މެންބަރު ޒިޔާދަށެވެ. އެއީ އޭނާ ކުރެއްވި ސުވާލަކަށް މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވުމުންނެވެ. ޒިޔާދު ސުވާލު ކުރެއްވީ ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓު ނުއަތުލާނެ ކަމަށް ވައުދުވުމަށްފަހު އެ ސިޔާސަތު މިނިސްޓްރީން ބަދަލު ކުރީ ރައީސް މުއިއްޒުއާ މަޝްވަރާ ކުރައްވާފައިތޯއެވެ. އަދި ފްލެޓް ލިސްޓު ރިވިއުކުރާ އިރު، ގޯތި ލިސްޓު އަލުން ރިވިއު ނުކުރައްވަނީ ގޯތި ދީފައި ހުރިލެއް ރަނގަޅު ކަމުންތޯ ވެސް ސުވާލު ކުރެއްވިއެވެ.
މިނިސްޓަރު ހައިދަރު ޖަވާބު ދެއްވީ އެތަނުން އެއް ސުވާލަށެވެ. މިނިސްޓަރު ވިދާޅުވީ ފްލެޓާއި ގޯތި އެއްވެސް މީހެއްގެ އަތުން އަތުލާނީ، އެތަންތަން ލިބިފައި ވަނީ ހައްގުވެރިންނަށްތޯ ނުވަތަ ނޫންތޯ ބެލުމަށްފަހުގައި ކަމަށެވެ.
އެޖަވާބާ ގުޅިގެން، ނިޒާމީ މައްސަލަ ނަންގަވައި އޭނާގެ ސުވާލަށް މިނިސްޓަރު ޖަވާބު ނުދެއްވާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. ނަމަވެސް ރިޔާސަތުން ވިދާޅުވީ، ކުރާ ސުވާލަށް މެންބަރު ބޭނުންވާ ޖަވާބު ނުލިބިދާނެ ކަމަށެވެ. އެހިސާބުން ޖަލްސާ ހޫނުވެ މެންބަރުންގެ މެދުގައި ޒުވާބު ހިނގަން ފެށިއެވެ.
އެކަންތައްގަނޑުގައި އަޑުމަޑު ކުރައްވައި އިށީންދެ ވަޑައިގެންނެވުމަށް ތަކުރާރުކޮށް ދެންނެވުމުންވެސް، އިށީންދެ ވަޑައިނުގަތުމުން މަޖިލިސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމުގެ އިންޒާރު ދެއްވުމަށްފަހު، މަޖިލިސް ރައީސް ފުރަތަމަ ނަން އިއްވެވީ ޒިޔާދުގެއެވެ.
އެއަށްފަހު އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި މައުރޫފު ޒާކިރު އާއި މުހައްމަދު ނިއުޝާދުގެ ނަން އިއްވަވައި ޖަލްސާއިން ނުކުންނެވުމަށް އެންގެވިއެވެ.
އެއަށްފަހުވެސް އެ މެންބަރުން ޖަލްސާއިން ނުނިކުންނެވުމުން، އެ މެންބަރުން ޖަލްސާއިން ނުކުންނަވަންދެން ޖަލްސާ މެދުކަނޑުވައިލީ ކަމަށް ވިދާޅުވެ، 9:40 ހާކަންހާއިރު ޖަލްސާގެ ފުރަތަމަ ދަންފަޅި ނިންމަވާ ލެއްވިއެވެ.
ޚަބަރު
ޚަބަރު