ރާއްޖޭގައި މި އަހަރުވެސް ބާއްވަން ތައްޔާރުވެފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޖޫނިއާ އަދި ސީނިއާ ސާފިން ސްކޮޑުތައް ރަސްމީކޮށް އިއުލާންކޮށް، މިއަދު ޖާޒީ ހަވާލުކޮށްފިއެވެ.
މީގެ ކުރިން ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެސް ތުލުސްދޫގައި ބާއްވާފައިވާއިރު، އެ ފަހަރު 18 ގައުމަކުން 90 އެތުލީޓުން ވާދަކޮށްފައިވެއެވެ. އެ މުބާރާތްވެސް ކާމިިޔާބުކޮށް ނިމިގެން ގޮސްފައިވާއިރު، ރާއްޖެއަށްވެސް ވަނީ ކާމިޔާބީތަކެއް ލިބިގެން ގޮސްފައެވެ. ފިރިހެން އޯޕަން ބައިން ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދިއެވެ. އަދި އޭޝިއަން ރޭންކިންގައި ރާއްޖެއަށް ރިހި މެޑަލް ލިބުނު އިރު، ޓީމް އިވެންޓުންވެސް ރާއްޖެ ލޯ މެޑަލް ހޯދިއެވެ.
މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އޮންނާނީ މިމަހު 17 އިން 24 އަށް ތުލުސްދޫ ރާޅުގަނޑުގައެވެ.
މި އަހަރުގެ އިވެންޓުގައިވެސް ރާއްޖޭގެ ގިނަ އެތުލީޓުންތަކެއް ވާދަކުރާއިރު، މިފަހަރުގެ މުބާރާތް ހާއްސަވާ ބޮޑު ސަބަބެއް އެބަ އޮތެވެ. އެއީ މި އަހަރުގެ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ ކޮލިފިކޭޝަން އިވެންޓަކަށްވާތީއެވެ. މިފަހަރު ރާއްޖޭގައި އޮންނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައިވާން ލިބޭ ފުރުސަތެކެވެ. އެހެންކަމުން މިފަހަރުގެ މުބާރާތައް ވަނީ ތަރުހީބު ބޮޑުވެފައެވެ. މިފަހަރު 20 ގައުމަކުން 120 އެތުލީޓުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާނެއެވެ.
ރާއްޖޭގެ ޓީމުން މިފަހަރު ނުކުންނާނީ ތުލުސްދުއަށް އުފަން، އަހުމަދު އާގިލް (އަންމަޑޭ)ގެ ކެޕްޓަންކަމުގައެވެ. ސީނިއާ އަދި ޖޫނިއާ ކެޓަގަރީންވެސް ރާއްޖެއިން އޭ ސްކޮޑަކާއި ބީ ސްކޮޑަކުން މުބާރާތުގައި ވާދަކުރާއިރު، ފިރިހެން ސީނިއާ ސްކޮޑުގައި ދެން ހިމެނެނީ ހޫދު އަހުމަދާއި އިސްމާއިލް މިގުލާލް، ހަސަން ނާސިހު، އެންމެފަހުން ބޭއްވި މުލީކޮޅު ސާފިން އިވެންޓްގެ ޗެމްޕިއަން އިސްމާއީލް ރަޝީދު (ސްމައިލީ) އަދި އަހުމަދު ހިޝާމް ޝަހީމެވެ.
އަންހެން ސީނިއާ ޓީމުގައި ހިމެނެނީ އާޔާ ނަސީމާއި ޝާޒިޔާ ސައީދެވެ. ފިރިހެން 18 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކުރާ ޓީމުގެ ކެޕްޓަނަކީ ސައްޔިދު ސަލާހުއްދީނެވެ. އޭނާގެ އިތުރުން ދެން އެ އުމުރުފުރާގެ ސްކޮޑުގައި ހިމެނެނީ ޔާސިން އަހުމަދު ނާޝިދާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ، ކަޔާން އަބްދުލް އަރީފް، އަހުމަދު ޒަޔާން އަދި މުހައްމަދު އިނާން އަބްދުލް ހަނާނެވެ.
މިއަދު ޖާޒީ ހަވާލުކުރި އިވެންޓުގައި އެތުލީޓުންނާ ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުއެވެ.
ރާފިއު ވިދާޅުވީ މިފަހަރުގެ މުބާރާތް ހާއްސަ ކަމަށާއި ރާއްޖޭގައި ކޮލިފިކޭޝަން މުބާރާތެއް ބޭއްވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ އެތުލީޓުން މުބާރާތުން ބޮޑު ކުރިއެރުމެއް ހޯދާނެކަމުގެ އުންމީދު ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.
މިފަހަރުގެ އިވެންޓްގައި ރާއްޖެއިން ވާދަކުރާނީ މީގެ ކުރިން އޭޝިއާ މުބާރާތްތަކުން ރާއްޖެއަށް މެޑަލް ގެނެސްދީފައިވާ ރ. ރަސްމާދޫގެ ހުސައިން އަރީފް (އިބޫ)ގެ ކޯޗުކަމުގެ ދަށުންނެވެ. އިބޫ ވަނީ 2019 ވަނަ އަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ލޯ މެޑަލް ގެނެސްދީ، އެންމެފަހުން ބޭއްވި މުބާރާތުގައިވެސް ލޯ މެޑަލް ގެނެސްދީފައެވެ.
އެ ފަހަރު ރާއްޖޭގެ ފިރިހެން ޓީމުން، ޓީމް ރިހި މެޑަލްއެއް ރާއްޖެއަށް ހޯދައިދިނެވެ. އަދި އެންމެ ފުރިހަމަ ކާމިޔާބީއެއް ހޯދީ ޖަޕާނުންނެވެ.
މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އިއުލާނުކުރުމަށް ބޭއްވި ހާއްސަ ޕްރެސްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ފަރާތުން ޖެނެރަލް ސެކްރެޓަރީ ތަމޫހު އަހުމަދު ސައީދު ބައިވެރިވެ، ކޮލިފިކޭޝަން ފުރުސަތާ ގުޅޭ މައުލޫމާތު ދެއްވާފައިވެއެވެ.
ކޮލިފިކޭޝަން އިވެންޓްތަކާ ގުޅިގެން ތަމޫހު ވިދާޅުވީ، ރާއްޖޭގައި ބާއްވާ އިވެންޓްތަކުން އޭޝިއަން ކަޕް ކޮލިފިކޭޝަން އިވެންޓްތަކަކީ ޝޯޓް ބޯޑު އިވެންޓްތަކެއް ކަމަށެވެ. އަންނަ 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި މުޅިން އަލަށް ސާފިން ހިމަނާފައިވާ އިރު، އެ ގޭމްސްގައި ސާފިންނަށް ލިބެނީ ޖުމުލަ 48 ސްލޮޓެވެ. އެއީ އަންހެން 24 އަދި ފިރިހެން 24 އެތުލީޓުންނަށް ލިބޭ ފުރުސަތުތަކެކެވެ.
ތަމޫހު ވިދާޅުވީ ރާއްޖޭގެ ސާފިން އެސޯސިއޭޝަނަށް ލިބެނީ އަންހެން ދެ ޖާގަ، އަދި ފިރިގެން ދެ ޖާގަ ކަމަށެވެ. އޭގެ އިތުރުން ތަމޫހު ވިދާޅުވީ ރާއްޖޭގެ މުބާރާތުން 12 އެތުލީޓުންނަށް އޭޝިއަން ގޭމްސްއިން ފުރުސަތު ލިބޭނެ ކަމަށެވެ. އެއީ އޭޝިއާގެ ފަސް ރީޖަންގެ ޗެމްޕިއަނުންނަށް ލިބޭ ޖާގައިގެ އިތުރުން، އެ ގައުމުތައް އުނިކޮށް ދެން ލިބޭ ފުރުސަތުގައި ރޭންކިންގެ އެންމެ ކުރީގައި އޮންނަ ރޭންކިން އެންމެ މަތީ ހަތް އެތުލީޓުންނަށް ލިބޭ ފުރުސަތުތައް ކަމަށެވެ.
އެ ފުރުސަތާ ގުޅިގެން ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވީ ދިޔަ އަހަރުތަކުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައިވެސް ރާއްޖޭގެ އެތުލީޓުން ކާމިޔާބު ހޯދި ކަމަށާއި، މިފަހަރު އިތުރަށް ޗެލެންޖިންވި ނަމަވެސް، ކޮލިފިކޭޝަން އެއް ސްލޮޓް ޔަގީންކުރެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް