ފަންސާސް ހަވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ރާއްޖޭގެ އަބުދުﷲ އަހުސަންވެސް ރަން މެޑަލް ހޯދައިފިއެވެ.

އިންޑޮނޭޝިއާގެ ބަތަމްގައި ކުރިއަށްދާ މުބާރާތުން އިއްޔެ އަހްސަން ރަން މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 175 ސެންޓިމީޓަރު ކެޓަގަރީންނެވެ. އަހުސަން އިއްޔެ ހޯދި މެޑަލްއަކީ މިފަހަރުގެ މުބާރާތުން ރާއްޖެއިން ހޯދި ތިންވަނަ މެޑަލްއެވެ.

އަހުސަންގެ ކުރިން 60 ކިލޯ ކެޓަގަރީން، ޝާހީން އިބްރާހިމް ދީދީ (ޝާންޓެ) ވަނީ ރިހި މެޑަލް ހޯދައިފައެވެ. އަދި ޕޯޓްސް ފިޒީކް، 170 ސެންޓިމީޓަރު ކެޓަގަރީން ރާއްޖޭގެ އެންމެ މޮޅު ބޮޑީބިލްޑިން އެތުލީޓް އަޒްނީން ރަޝާދު ވަނީ ރަން މެޑަލް ހޯދައިފައެވެ. މިއީ އަޒްނީން އޭޝިއާ މުބާރާތުގެ އެކެޓަގަރީގެ ރަން މެޑަލް ހޯދި ތިންވަނަ ފަހަރުވެސް މެއެވެ.

ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި ބޮޑީބިލްޑިންއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ، މި ބައްރުގެ އެންމެ ބޮޑު މުބާރާތް ހޯސްޓްވެސް ކޮށްފައިވާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.