ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕްލަސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ޝަރީއަތް ލަސް ކުރަން ނުފޫޒު ފޯރުވުމަށް މި ސަރުކާރުން މަސައްކަތް ކުރި ކަމަށާއި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވީ ކޮންބައެއްކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމުގެ ތަފްސީލް ދެއްވައި ޔާމީން ވިދާޅުވި ގޮތުގައި ހައިކޯޓުގައި މައްސަލަ ކުރިއަށް ދިޔަ އިރު މައްސަލައަށް ނުފޫޒު ފޯރުވި މީހުންނާއި ހައި ކޯޓުގައި މައްސަލަ ލަސްކުރި މީހުންނާއި ހައިކޯޓުގެ ފަނޑިޔާރެއް ފުރުވާލައިގެން އަޔަނުދީ ހިފެހެއްޓި މީހުންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުމަށް ފަހު، މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި އެކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، ރައީސް އޮފީހުން އަދި ސަރުކާރުގެ މަގާމެއްގައި ހުރި މީހަކު ޖުޑިޝަރީ އާއި ޝަރުއީ ނިޒާމުގެ ތެރެއަށް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެއީ ޓޮލަރޭޓްކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު އެއިރުވެސް ދެންނެވިން އަޅުގަނޑުގެ ސަރުކާރެއް އުފެދިގެން އަންނަ ހިސާބުން ރައީސް އޮފީހުންނެއް އަދި ސަރުކާރުގެ އެއްވެސް ލެވެލްއަކުން ޖުޑިޝަރީއަކަށް ޝަރުއީ ނިޒާމުގެ ތެރެއަކަށް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާނެއޭ. އެފަދަ ކަމެއް ކުރާ މީހަކު އަޅުގަނޑަށް މިވަގުތު ފެނުނަސް އެއީ މަގާމެއްގައި ހުރި މީހެއްވިއްޔާ ވަގުތުން ވަކިވެސް ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނަކީ، ދައްކަވާ ވާހަކަފުޅުން އެއްކިބާވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު، ރައީސް ޔާމީން ވަނީ ގެކޮޅަށް ބަދަލުކުރައްވައިފައެވެ. އޭގެ ފަހުން ހައި ކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފީ މައްސަލައިން ޔާމީން ވަނީ މިނިވަންވެވަޑައިިގެންފައެވެ. އެއަށް ފަހު، ޔާމީން ގެންދަވަނީ ވަރަށް ފާޅުފައި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.