ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކަށް މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުމަށް، އެ މަނިކުފާނު މިއަދު 11:00 ގައި މާލޭ ސިޓީ ކައުންސިލަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.
"މިއީ ރާއްޖޭގެ އެހެން ކައުންސިލްތަކާ ވެސް ބައްދަލުކުރައްވައި، އެ ކައުންސިލްތަކުގެ އަޑު އައްސަވާ ފަދައިން މާލޭ ސިޓީ ކައުންސިލްގެ އަޑު އެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ޒިޔާރަތެއް،" ރައީސް އޮފީހުން ބުންޏެވެ.
މިއީ ރައީސް މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވި ފަހުން ރަސްމީކޮށް މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލްގެ އެންމެ ފަހުން ބޭއްވި ބައި-އިލެކްޝަން އިންތިހާބުގެ ތިން ގޮނޑިވެސް ކާމިޔާބުކުރީ ސަރުކާރު ކޯލިޝަނުންނެވެ. އެގޮތުން މިހާރު ސަރުކާރު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ 14 މެންބަރުން އެ ކައުންސިލްގައި ތިއްބަވައެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަކީ ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. އެގޮތުން ރައީސް މިއަހަރު ވަނީ ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ސިލްސިލާ ދަތުރުފުޅުތަކެއް ވެސް ފައްޓަވައިފައެވެ.
އެ ދަތުރުފުޅުތަކުގެ ތެރެއިން މިހާތަނަށް ވަނީ ޖުމުލަ 168 އަށްވުރެ ގިނަ ކައުންސިލުތަކާ ބައްދަލުކުރައްވައި ރަށްތަކުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު