ފަންސާސް ހަވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އަޒްނީން ރަޝާދު ރަން މެޑަލް ހޯދައިފިއެވެ.

އިންޑޮނޭޝިއާގެ ބަތަމްގައި ކުރިއަށްދާ މުބާރާތުން އަޒްނީން މިފަހަރު ވެސް ރަން މެޑަލް ހޯދީ ސްޕޯޓްސް ފިޒީކްގެ 170 ސެންޓިމީޓަރު ކެޓަގަރީންނެވެ. އަޒްނީން ވަނީ އެންމެ ފަހުން، 2022 ވަނަ އަހަރު މާލޭގައި ބޭއްވި އޭޝިއާ މުބާރާތާއި މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުންވެސް ރަން މެޑަލް ހޯދައިފައެވެ.

އަޒްނީންއަކީ ރާއްޖޭގެ ބޮޑީބިލްޑިން ތާރީހު ދުށް އެންމެ މޮޅު އެއް އެތުލީޓެވެ. އޭނާ ވަނީ އެންމެ ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އެތުލީޓުގެ މަގާމުވެސް ހޯދައިފައެވެ. އެ މަގާމު އަޒްނީން ހޯދީ އެ އަހަރާއި އޭގެ ކުރީ އަހަރުވެސް ދުނިޔޭގެ މުބާރާތުން ރަން މެޑަލް ގެނެސްދީގެންނެވެ.

އަޒްނީން ވަނީ މީގެ ކުރިން ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ 170 ސެންޓްމީޓަރު ސްޕޯޓްސް ފިޒީކް ކެޓަގަރީންވެސް ޖެހިޖެހިގެން ތިން ފަހަރަށް ރަން މެޑަލް ހޯދައިފައެވެ.

އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގައި މިއީ ރާއްޖެއިން ހޯދި ދެވަނަ މެޑަލްއެވެ. އިއްޔެ ޝާހީން އިބްރާހިމް ދީދީ (ޝާންޓެ) ވަނީ މި މުބާރާތުގެ 60 ކިލޯ ކެޓަގަރީން ރިހި މެޑަލް ހޯދައިފައެވެ.