ރާއްޖޭގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި، ޗެމްޕިއަން އެތުލީޓުންނަށް ޓްރޮފީ ހަވާލުކޮށްފިއެވެ.

މިއަދު ރާޅުގަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ނައިބު ރައީސް އަލް އުސްތާޒު ހުސެއިން މުހައްމަދު ލަތީފުގެ ދެކަނބަލުންނެވެ. އިވެންޓުގައި ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެމްބީބީއޭގެ ބޯޑު މެމްބަރުންނާއި އައިބީސީގެ އިސް ފަރާތްތައްވެސް މިއަދުގެ އިވެންޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރާޅުގަނޑުގައި މިދިޔަ ހޮނިހިރު ދުވަހު ފެށި ވިސިޓް މޯލްޑިވްސް ޕްރޯގެ ފައިނަލް އިވެންޓުތައް ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވާ އިރު، މިފަހަރު ކުރިއަށްގެންދިޔަ ފިރިހެން ޖޫނިއާ ބައިގެ އިތުރުން އަންހެން އަދި ފިރިހެން އޯޕަން ބައިގައިވެސް ފެނުނީ ވާދަވެރިކަން ބޮޑުކޮށެވެ.

ވާދަވެރި ފައިނަލް ހީޓުތަކާއެކު ފުރިހަމަ މުބާރާތެއް ނިންމާލައި، މިއަދު ނިންމުމުގެ ރަސްމިއްޔާތުވެސް އެމްބީބީއޭއިން ނިންމާލީ ފުރިހަމަކޮށެވެ. ޗެމްޕިއަން އެތުލީޓުންނަށް ފައިސާގެ އިނާމާއި މުޖާސް އާޓްބޮކްސްގެ ހާއްސަ ހިތްގައިމު ޓްރޮފީ ހަވާލުކުރުމުގެ އިތުރުން ތިން ކެޓަގަރީގެ ޗެމްޕިއަނުންނަށްވެސް ދޮންކެޔޮގަނޑު ސަގާފަތާ އެއްގޮތަށް ދީފައިވެއެވެ.

ސެމީގައި ވާދަކުރި ދެ އެތުލީޓުންނަށް ތިންވަނަ މަގާމު ދީފައިވާ އިރު، ޖުމަލަ 12 އެތުލީޓުންނަށް މިއަދު ޓްރޮފީ ހަވާލުކޮށްފައިވެއެވެ. މިފަހަރުގެ ޖޫނިއާ ޗެމްޕިއަންކަން އޮސްޓްރޭލިއާގެ ޖޭ ޓެއިލާ ނެގި އިރު، އަންހެން ޗެމްޕިއަނަކީ ޖަޕާނުގެ ނަމީކާ ޔަމަޝީތާއެވެ. ފިރިހެން ޑިވިޝަންގެ ވާދަވެރި ޓައިޓަލް ހޯދީ ސްޕެއިންގެ ކޭނަރީ އައިލެންޑްސްގެ އަރްމިޑޭ ސޮލިވެރެސްއެވެ. އޭނާއަކީ މިވަގުތު ދުނިޔޭ ރޭންކިންގެ އެއްވަނައިގައިވެސް އޮތް އެތުލީޓެވެ.

މިއަދުގެ އިވެންޓުގައި ވިސިޓް މޯލްޑިވްސް ޕްރޯގެ ސްޕޮންސަރުންނާއި ޕާޓްނަރުންނަށްވެސް ހާއްސަ ހަނދާނީ ފިލައެއް ދީފައިވެއެވެ. އަދި ބިދަބިން ގްރޫޕްގެ ފަރާތުން ސަގާފީ ހަރަކާތަކާއެކު ވިސިޓް މޯލްޑިވްސް ޕްރޯ 2024 ގެ ހާއްސަ ލަވަވެސް ހުށަހަޅައި ދީފައިވެއެވެ.

ވިސިޓް މޯލްޑިވްސް 2024 ގައި ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން ވާދަކުރިއެވެ. މިއަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި ހަރަކާތްތެރިވީ "ވަން ސްޕޯޓްސް" އެވެ.