ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ މޯލްޑިވްސް ޕްރޯ 2026 ގެ ރައިސިން ސީރީސް އިވެންޓްގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ ހަތަރު އެތުލީޓުން ދަތުރު ކޮށްފިއެވެ.

މިމަހު 12 އިން ފެށިގެން ކ. ތުލުސްދޫގައި ކުރިއަށްދާ މޯލްޑިވްސް ޕްރޯގައި ފިރިހެން ރައިސިން ސީރީސް ޑިވިޝަނާއި އަންހެން ޕްރައިމް ސީރީސް ޑިވިޝަންގެ އިތުރުން ފިރިހެން ޖޫނިއާގެ ރައިސިން ސީރީސް ޑިވިޝަން ކުރިއަށް ދެއެވެ.

މިހާތަނަށް މިފަހަރުގެ މުބާރާތް ވެގެން ގޮސްފައި ވަނީ ރާއްޖޭގެ އެތުލީޓުންނަށް ކާމިޔާބު މުބާރާތަކަށެވެ. ތުލުސްދޫ "ކޯކްސް" ރާޅުގަނޑުގައި ކުރިއަށްދާ އިވެންޓްގެ ރައިސިން ސީރީސްގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ ހަތަރު އެތުލީޓުން ދަތުރު ކޮށްފައިވާ އިރު، އެއީ ނޫހު މުހައްމަދު ދުނައިމް އިރުޝާދާއި އަލީ ހުޝްރުވާން (ކުޑަ އައްޔަ)އާއި އަޝްރަފް ހަސަނާއި އާމިން އުމަރު މޫސާއެވެ.

ނޫހު ކުއާޓާ ޔަގީންކުރީ ތިންވަނަ ބުރުގެ ހީޓް އެކެއްގައި ބްރަޗްމީ ތާރިކް ބަލިކޮށްގެންނެވެ. ކުޑަ އައްޔަ އެ ބުރުގެ ހީޓް ދޭއްގައި ދާވޫދު ފަޒީހް ބަލިކުރި އިރު، އަޝްރަފް ކުއާޓާއަށް ދިޔައީ ރާއްޖޭގެ އަލީ ޖާވިދު (ޖާއްޓެ) ބަލިކޮށްގެންނެވެ.

އާމިންއާއި އިޔަން އަހުމަދު ތިންވަނަ ބުރުގައި ޖެހުނު އިރު، އާމިން ހީޓް ކާމިޔާބުކޮށް ކުއާޓާ ޔަގީންކުރި އިރު، އޭނާ ކުއާޓާގައި ނުކުންނާނީ ހޫގޯ ނައުޑާ ދެކޮޅަށެވެ. އަޝްރަފް ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން އަރްމީޑޭ ސޮލިވޭރެސް އަކޫޔޯއާ ދެކޮޅަށެވެ. އަދި ނޫހާއި ކުޑަ އައްޔަ ޖެހުނީ އެއް ހީޓެއްގައެވެ.

އަންހެން ޕްރައިމް ސީރީސްވެސް ކުއާޓާއަށް ހަމައަށް ގޮސްފައިވާ އިރު، ދެން ހީޓްތައް ކުރިއަށްދާނެ ކަމަށް ބެލެވެނީ އަންގާރަ ދުވަހުގައެވެ. އެއީ ރާޅަށް ބެލުމަށްފަހުއެވެ. މާދަމާވެސް ރާޅު ލިބޭނަމަ ހީޓްތައް ކުރިއަށްދާނެއެވެ.