ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ މޯލްޑިވްސް ޕްރޯ 2026 ގެ ރަސްމީ ޕޯސްޓަރު މިއަދު ދައްކާލައިފިއެވެ.

ހެންވޭރު ބޯޅަ ގޭގައި ބޭއްވި އިވެންޓްގައި މިއަހަރުގެ މޯލްޑިވްސް ޕްރޯ އިވެންޓް ރަސްމީކޮށް އިއުލާނު ކޮށްދެއްވާ، ޕޯސްޓަރު ދައްކާލެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ)ގެ ރައީސް ހުސައިން ނިޒާމް (ނިޒޯ)އެވެ. މިއަދުގެ އިވެންޓްގައި މިނިސްޓްރީގެ އިތުރު އިސް ވެރިންނާއި ބޮޑީބޯޑިން އެސޯސިއޭޝަނުގެ އެކްސްކޯގައި ހިމަނޭ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އަދި މިއަހަރު މުބާރާތް ހޯސްޓް ކުރާ ކ. ތުލުސްދޫ ކައުންސިލުންވެސް އިވެންޓްގައި ބައިވެރިވެފައިވެއެވެ.

އެމްބީބީއޭއިން ބުނެފައި ވަނީ މޯލްޑިވްސް ޕްރޯ އިވެންޓް، މިއަހަރު އޮގަސްޓް 12 އިން 21 އަށް މާލެ އަތޮޅު ތުލުސްދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ފަހަރު ރާއްޖޭގައި އޮންނަ ވޯލްޑް ޓުއާ އިވެންޓްގައި ފިރިހެން ރައިސިން ސީރީސް ޑިވިޝަނާއި އަންހެން ޕްރައިމް ސީރީސް ޑިވިޝަންގެ އިތުރުން ފިރިހެން ޖޫނިއާގެ ރައިސިން ސީރީސް ޑިވިޝަން ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

މޯލްޑިވްސް ޕްރޯ 2026 ގެ ރަސްމީ ޕޯސްޓަރު ދައްކާލުމުގެ ތެރެއިން --- ފޮޓޯ/ ސްޕޯޓްސް މިނިސްޓަރު

ރައިސިން ސީރީސް އިވެންޓްގެ ޗެމްޕިއަނަށް 20،000 ޑޮލަރު ކަނޑައަޅާފައިވާ އިރު، އެއީ ވޯލްޑް ރޭންކިންނަށް 2000 ޕޮއިންޓަށް ކުރިއަށްދާ ޑިވިޝަނެވެ. އަންހެން ޕްރައިމް ސީރީސް އިވެންޓްގެ ޗެމްޕިއަނަށް 25،000 ޑޮލަރު ހުށަހަޅާފައިވާ އިރު، އެ އިވެންޓުން 3500 ޕޮއިންޓް ލިބޭނެއެވެ. ޖޫނިއާ ޗެމްޕިއަނަށް ހުށަހަޅާފައި ވަނީ 2500 ޑޮލަރެވެ. އެ އިވެންޓުން ލިބޭނީ 500 ޕޮއިންޓެވެ.

މިއަދުގެ އިވެންޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ މުބާރާތް މާލެއިން ބޭރަށް ދިޔުމަކީ މުހިއްމު ކަމެއް ހާސިލްވާނެ ކަމެއް ކަމަށެވެ. އަދި ދުނިޔޭ ފެންވަރުގެ އިވެންޓެއް ރާއްޖޭގައި ހޯސްޓް ކުރަން ލިބުމަކީ ބޮޑު ފަހުރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ތުލުސްދުއަކީ ރާޅުގެ މަންޒިލެއްގެ ގޮތުގައި އަބަދުވެސް ފާހަގަވާ މަންޒިލެއް ކަމަށެވެ.

"ތުލުސްދުއަކީ އަބަދުވެސް ރާޅުގެ މަންޒިލެއް ގޮތުގައި ފާހަގަވެފައި އޮންނަ ތަނެއް. މީގެ ކުރިންވެސް މުބާރާތް ވަރަށް ފޯރިއާއެކު ބޭއްވިފައި އެބަހުރި. އިންތިޒާމުތައްވެސް ވަރަށް ފުރިހަމައަށް ގޮސްފައިވާކަން ފާހަގަކޮށް ތުލުސްދޫގެ ރައްޔިތުންނާއި ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިކަން އެންމެ ފުރިހަމަކޮށް މި ގެންދެވެނީ އެމްބީބީއޭގެ އެހީތެރިކަމާއެކުގައި. އެބޭފުޅުންނަކީ ކަމެއް ކުރައްވަން ފެއްޓެވިއްޔާ އެކަމެއް ވަރަށް ރަނގަޅަށް ކުރައްވާ ބައެއް،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާފިއު ވިދާޅުވީ މާލޭގެ ސާފް ސްޓޭޑިއަމް ނުނިމި އޮއްވާވެސް މުބާރާތް ރާއްޖޭގެ އެހެން މަންޒިލަކަށް ގެންގޮސް، އިވެންޓް ބާއްވަން ނިންމާފައި ވަނީ މޯލްޑިވްސް ޕްރޯގެ ފައިދާ މުސްތަގުބަލަށް ބޮޑުކަމުން ކަމަށެވެ.

މޯލްޑިވްސް ޕްރޯ 2026 ގެ ރަސްމީ ޕޯސްޓަރު ދައްކާލުމުގެ ތެރެއިން ރާފިއު ވާހަކަ ދައްކަވަނީ --- ފޮޓޯ/ ސްޕޯޓްސް މިނިސްޓަރު

އެމްބީބީއޭގެ ރައީސް ނިޒާމް މިއަދު ވިދާޅުވީ މެދުކެނޑުމަކަށްފަހު ވޯލްޑް ޓުއާ އިވެންޓް ރާއްޖެއަށް އަލުން އަނބުރާ ގެނެވުނީ މިނިސްޓަރީއާއެކު ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކަކާ އެކުގައި ކަމަށެވެ. ނިޒާމް ވިދާޅުވީ މިފަހަރު މުބާރާތް ރާއްޖެއަށް އަލުން ގެންނަން ނިންމީ ސީދާ މިނިސްޓަރު ރާފިއުގެ އިސް ނެންގެވުމުގެ މަތިން ކަމަށެވެ. އަދި މިނިސްޓްރީގެ ބައިވެރިވުމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ނިޒާމް ފާހަގަކުރެއްވިއެވެ.

ނިޒާމް ވިދާޅުވީ މީގެ ކުރިން ރާޅުގަނޑު ސަރަހައްދުގައި މުބާރާތް ކުރިއަށް ގެންގޮސް، މިފަހަރު ތުލުސްދޫގައި މުބާރާތް ބޭއްވިގެން ދިޔުން ވެގެންދާނީ ތުލުސްދޫގެ ފަތުރުވެރިކަމުގައި ހިމެނޭ ރާޅާ އެޅުމުގެ ސެގްމަންޓަށް ލިބޭ އިތުރު ކުރިއެރުމަކަށް ކަމަށެވެ. އަދި މުބާރާތުގެ ތެރެއިން ގިނަ ކަންތައްތަކެއް ތުލުސްދޫއަށް ހާސިލުވާނެ ކަމަށް ނިޒާމް ވިދާޅުވި އިރު، އޭނާ އިތުރަށް ފާހަގަކުރެއްވީ ވޯލްޑް ޓުއާ އިވެންޓުން ރާއްޖޭގެ ރީތިކަން ބޭރު ދުނިޔެއަށް ދައްކާލަން ފުރުސަތު ލިބޭނެ ކަމަށެވެ.

މިއަދުގެ އިވެންޓްގައި ދައްކާލި ޕޯސްޓަރުން ދައްކައިދެނީ ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު ކަމެވެ. އަދި އެ ޕޯސްޓް ފެނިގެން ދިޔައީ ހިތްގައިމު ކުލަކުލައިގެ ވަރަށް ޝައުގުވެރި ޕޯސްޓަރެއްގެ ގޮތުގައެވެ. އެ ޕޯސްޓަރުން ރާއްޖޭގެ މާހައުލުގެ އުފާވެރިކަންވެސް ފެނިގެން ގޮސްފައިވެއެވެ.

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ވޯލްޑް ޓުއާ އިވެންޓް ތެރެއިން ރާއްޖޭގައި މީގެ ކުރިންވެސް ދެ ފަހަރު ވަނީ މޯލްޑިވްސް ޕްރޯ އިވެންޓް ބާއްވައިފައެވެ. އެއީ 2023 އަދި 2024 ވަނަ އަހަރުއެވެ. އެ ދެފަހަރުވެސް ރާއްޖޭގެ އިންތިޒާމުތައް ފެނުނީ ފުރިހަމަ ކޮށެވެ. އެންމެފަހުން ބޭއްވި 2024 ވަނަ އަހަރު މުބާރާތުގެ ލޯކަލް މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.