އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށްއޮތް ފަސް ދުވަހަށް ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ، ރާއްޖޭގެ ބޮޑޮބަޔަކަށް ގުގުރުމާއެކު، ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު އާންމުކުރި މޫސުމާ ބެހޭ ހަބަރުގައި ބުނީ ކުރިއަށްއޮތް ފަސް ދުވަހު ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

"ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯއްދަވައިގެން ދަތުރުކުރުމަށް ދަންނަވަމެވެ..،" މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭއިން ވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ބަލައި ތައްޔާރުވެ, ގޭގެ ދޮރުމަތީ ވެލިބަސްތާ ޖެހުމަށް އިލްތިމާސްކޮށްފައެވެ. އަދި ގެއަށް ފެން ވަދެއްޖެ ނަމަ، ގެއްލުން ލިބޭނެ ތަކެތި އުސްތަނަކަށް ނުވަތަ ފެނުގެ އަސަރު ނުކުރާނެ ތަނަކަށް ބަދަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ބޭނުން ނުކުރާ ވަގުތުތަކުގައި ކަރަންޓު ސާމާނު ނިއްވާފައި ބެހެއްޓުމަށް ވެސް އިލްތިމާސްކުރިއެވެ.

ވިއްސާރަވެ ވައިގަދަވާ އިރު, ގޭގެ ފުޅާޅު އެއްލާލައިގެން ގޮސްދާނެތީ ކުރިއާލައި ފުރާޅު ވަޔާ އެއްލައިނުލާނެ ގޮތަކަށް ހަދައި, ގަދަވައިގައި އެއްލައިލަފާނެ އެހެން ތަކެތި ވެސް ބަނދެ ރައްކާތެރިކުރަން އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި ދަތުރު ފެށުމުގެ ކުރިން މުއާސަލާތީ ނިޒާމު ފުރިހަމަވެފައިވޭތޯ ބެލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެންޑީއެމްއޭ އިން ވަނީ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުމަށް އިލްތިމާސްކޮށްފައެވެެ.