ރާއްޖޭގެ ބޭއްވޭ އެންމެ ފުރިހަމަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތް، ވިސިޓް މޯލްޑިވްސް ޕްރޯގެ ތިންވަނަ އިވެންޓުގެ ވާދަވެރި ބައިތައް ނިމިއްޖެއެވެ. ނިންމުމުގެ ރަސްމިއްޔާތަށް އިންތިޒާރެއް ކުރަން ދެން އޮތް އިރު، އެ އިވެންޓުވެސް މިއަދު ހަވީރު އޮންނާނެއެވެ. ސަގާފީ ކުލަގަދަ ހަރަކާތަކުން ފެށި ވިސިޓް މޯލްޑިވްސް ޕްރޯގެ ވާދަވެރިކަން ބޮޑެވެ. ހީޓުތައް ފޯރިގަދައެވެ. އައިބީސީ ވޯލްޑް ޓުއާ އިވެންޓުގެ މިސްރާބު ބަދަލުކޮށްލައި، ރާއްޖޭގެ ރާޅުތައް ކުޅުނީ "ގޭމް ޗޭންޖާ"އެއްގެ ދައުރެވެ. ރޭންކިންނަށް ބަދަލުތައްވެސް އައިސް، މުޅި ޓުއާއަށް އިތުރު ފޯރިއެއް ރާއްޖޭގެ އިވެންޓުން އައިސްފިއެވެ.

ހިތްގައިމު ގްރެފިކްސް ޕޯސްޓްތަކާއި ފޯރިގަދަ ޓްރައިލާއަކުން އިއުލާނުކުރި ވިސިޓް މޯލްޑިވްސް ޕްރޯ 2024 ނިމިގެން ދިޔައީ އެތައް ހިތްގައިމު މަންޒަރުތަކަކުންނެވެ. ރާއްޖޭގެ ހިތްގައިމު މާހައުލު، އުފާވެރި މިޒާޖުގެ އެތައް ބަޔަކު ބައިނަލްއަގުވާމީ ޗެމްޕިއަނުންނަށް ކީ މަރުހަބާއާއެކު ރާޅުގަނޑު ފެނުނީ ދިރުން ލިބިފައި އޮތްތަނެވެ. އެ ފުރިހަމަކަމުގެ ފަހަތުގައި އެތައް ބައެއްގެ ހިއްސާވެއެވެ. ހާއްސަކޮށް، އެމްބީބީއޭގެ ރައީސް، ހަސަން ނިޒާމާއި އޭނާގެ ޓީމުގެ މަސައްކަތެވެ. ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) އިން ފެށިގެން ގޮސް، މުޅި ޓީމު އެކުލެވޭހެންނެވެ. މިއީ އަނެއްކާވެސް ތަފާތު އަދި ފުރިހަމަ ތަޖުރިބާއެކެވެ. މުޅި ރާޅުގަނޑު، މުބާރާތަށް ތައްޔާރުވެފައި އޮތީ އެންމެ މަތީ ފެންވަރަށެވެ. ހަމަ އެތައް ބައެއްގެ ބުރަ މަސައްކަތުންނެވެ.

"މުބާރާތް ފުރަތަމަ ދުވަހު ޖައްސައިގެން ފައިނަލް ދުވަހާ ހަމައަށް ހަމަ ވަރަށް ފޯރީގައި މި ނިންމާލެވުނީ. އެސޯސިއޭޝަންގެ ފަރާތުން ހާސިލުކުރަން ބޭނުންވި ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ހާސިލުވި. މިއީ ވަރަށް ބޮޑެތި ތަޖުރިބާތަކެއް އެކި ގޮތްގޮތުން ކުރެވިގެން މި ދިޔައީ. އެގޮތުން އަޅުގަނޑުމެންގެ އެތުލީޓުންނަށް ދުނިޔޭގެ ޗެމްޕިއަނުންނާ ވާދަކޮށްލަން ފުރުސަތު ލިބި، އެ ތަޖުރިބާކޮށްލަން ފުރުސަތު ލިބުނު. އަދި އޭގެ އިތުރުން ދުނިޔޭގެ އެއް ނަމްބަރު އެތުލީޓުންގެ ހުނަރު ހަމަ ލޮލަށް ބަލާލަން ފުރުސަތު ލިބިގެން މި ދިޔައީ،" ހީޓްތަކަށްފަހު އިއްޔެ ނިޒާމް "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

އެސޯސިއޭޝަންގެ ރައީސް ނިޒާމް ފާހަގަކުރެއްވީ މިއަދު ހެނދުނު އޮންނަ ބޮޑީބޯޑިން ކްލަނިކުވެސް މުބާރާތުގެ ތެރެއިން ކުރިއަށް ގެންދެވުމަކީ އަރަމުން އަންނަ އެތުލީޓުންނަށް ރަނގަޅު ފިލާވަޅުތަކެއް ލިއްބައިދޭނެ ކަމަކަށް ވާނެ ކަމަށެވެ. ހާއްސަކޮށް ދުނިޔޭގެ މަގުބޫލު އެތުލީޓުންގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، އެތުލީޓުންގެ ވާހަކަތަކުން ޖީލެއް ހިތްވަރު ހޯދުން އެއީ "ހުދުފޮނު ކްލިނިކް"ގެ ބޭނުމެއް ކަމަށްވެސް ނިޒާމް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯގެ ތެރެއިން ފެނުނު ތަފާތު އެއް ކަމަކީ، ދިވެހީންގެ ހުނަރުވެރިކަމަށް، ދިވެހީންގެ ވިސްނުންތަކަށް ޖާގަ ދީގެން މުބާރާތުގެ ހުރިހާ ކަމެއް އިންތިޒާމުކުރުމެވެ. 100 އެއްހާ މީހުން ވިސިޓް މޯލްޑިވްސް އިވެންޓް ތެރެއިން އެކިއެކި މަސައްކަތުގައި ހަރަކާތްތެރިވެފައިވާ އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 97 ޕަސެންޓްގެ މީހުންނަކީ ހަމަ ދިވެހީންނެވެ. އެމްބީބީއޭއިން ދިވެހީންނަށް ކުރީ ހާއްސަ އިތުބާރެކެވެ.

ފޮޓޯ ނެގުމާއި، ވީޑިއޯގްރަފީގެ އިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގުމުގައިވެސް އަދި މުބާރާތުގެ ފަނޑިޔާރުކަން ކުރުމާއި ފުރިހަމަ ލައިވް ސްޓްރީމެއް ގެނެސްދޭންވެސް ހަމަ މަސައްކަތް ކުރީ ދިވެހި ފަންނުވެރިންނެވެ. އެ ފަންނުވެރިކަމުގެ ހިތްގައިމުކަން އައިބީސީންވެސް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި މުބާރާތުގެ އެކިއެކި ވަނަތަކަށް ދޭ ޓްރޮފީގެ ޑިޒައިނުންވެސް ދިވެހީންގެ ހާއްސަ މަސައްކަތްތެރިކަން ފާހަގަކޮށްލެވެއެވެ.

"މިފަހަރުގެ މުބާރާތުގައި ބައިނަލްއަގުވާމީ ފަނޑިޔާރުންގެ ޕެނަލްގައި ރާއްޖޭގެ ފަނޑިޔާރުން ހިމެނިގެން، އެ ފަނޑިޔާރުންނަށްވެސް މިއީ ލިބުނު ވަރަށް ބޮޑު ފުރުސަތެއް. އޭގެ އިތުރުންވެސް ދިވެހީންގެ އެތައް ފަންނުވެރިންނަކަށް މުބާރާތުން ރަނގަޅު ޕްލެޓްފޯމެއް ގާއިމުކޮށްދެވިއްޖެ. އެގޮތުން ފަނޑިޔާރުންގެ އިތުރުން ފޮޓޯ، ވީޑިއޯ ހައިލައިޓްސް ހެދުން، އަދި ލައިވް ކުރުމުގައިވެސް ހަމަ ހުސް ދިވެހީން މި ބޭނުންކުރީ. އެ މަސައްކަތްތަކަށް އައިބީސީގެ ފަރާތުން ވަޑައިގަތް އިސް ބޭފުޅުންގެ ފީޑްބެކް ވަރަށް ފުރިހަމަ ހަގީގަތުގައި. ދިވެހި ރާއްޖޭގެ ފަންނުވެރިންގެ ކެޕޭސިޓީ ވަރަށް ރަނގަޅަށް ތަޖުރިބާކޮށްލެވުނު މުބާރާތެއް މިއީ،" ނިޒާމް އިތުރަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ނިޒާމް ވަނީ ކޭޓަރިންނުން ފެށިގެން ގޮސް، މީޑިއާގެ އިތުރުން އެ ސަރަހައްދުގައި ބެހެއްޓިފައިވާ ޖިމުގައި ތިބި އެންމެންނަށްވެސް ވަރަށް ރަނގަޅު ތަޖުރިބާއަކަށް މި މުބާރާތް ވެގެން ދިޔަކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިއީ ނިޒާމް އެމްބީބީއޭއަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ވިސިޓް މޯލްޑިވްސް ޕްރޯއާ އޭނާ ކުރިމަތިލެއްވި ފުރަތަމަ ފަހަރެވެ. މި މުބާރާތަށް ކުރީގެ މުބާރާތްތަކުގެ ތަޖުރިބާ، އޭރު އެކުގައި އުޅުނު އެންމެންގެ ފަރާތުން ހޯދައި، މުބާރާތަށް ތައްޔާރުވީ އެ ތަޖުރިބާގެ އަލީގައެވެ. މިދިޔަ އަހަރުގައި ރާޅު ބޮޑުވެ، އުދައެރުމުގެ ކަންކަން ދިމާވެ އުނދަގޫތައް ކުރިމަތިވެފައިވާ އިރު، މިފަހަރު ޖުމުލަ ހައްލެއް އެކަމަށް ހޯދިއެވެ. ބިނާކުރި ބޮޑު ޕްލެޓްފޯމް މައްޗަށް ހިއްލާލައި، އެކަންވެސް ހައްލުކުރީ ވިސްނުންތެރިކަމާއެކުގައެވެ.

"އަޅުގަނޑުމެން މި މުބާރާތަށް މި ބިނާކުރި ސްޓޭޑިއަމް، މިއީ ވަގުތީ ސްޓޭޑިއަމެއް ހަގީގަތުގައި މި ބިނާކުރެވުނީ. ކުރީގެ ތަޖުރިބާއަށް ވިސްނައި، އެ ސްޓޭޑިއަމް މައްޗަށް ހިއްލައިވެސް ލާފައި މިފަހަރު ހުންނާނެ. އެހެން ގޮސް ޓެކްނިކަލީ ދިމާވެދާނެ ހުރިހާ ހާލަތަކަށް ވިސްނައިގެން މިކަން މިކުރީ. ވަރަށް ތައްޔާރުވެގެން މި މުބާރާތް މި ކުރިއަށް ގެންދިޔައީ. ވަރަށް ކުދިކުދި ކަންކަން ފިޔަވައި އެހެން ހުރިހާ ކަމެއް ދިޔައީ ފުރިހަމަކޮށް،" ނިޒާމް ވިދާޅުވިއެވެ.

ނިޒާމްގެ ނަޒަރުގައި މިފަހަރުގެ މުބާރާތްވެސް އައިބީސީއަށް ފުރިހަމައެވެ. މި މުބާރާތަށް މިހާރުވެސް ހިތްހަމަޖެހި، އައިބީސީން އެކަން ފާހަގަކޮށްފައިވެސްވެއެވެ. އެހެންކަމުން ނިޒާމާއި އެކްސްކޯއިން ކުރީ ބުރަ، އަގުހުރި މަސައްކަތެކެވެ. އޭނާ ވަނީ ސެޓަޕް ހެދުމުން ފެށިގެން ގޮސް، ފަރުދާގެ ފަހަތުގައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވި އެކްސްކޯ މެމްބަރުންނަށް ވަކިން ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.

އޭގެ އިތުރުންވެސް ނިޒާމް ވަނީ ކުޅިވަރާ ބެހޭ ވުޒާރާއި، މިނިސްޓަރު އަބްދުﷲ ރާފިއުއާއި، އިސްވެރިންނަށްވެސް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑީބޯޑިންނަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައިވެސް ނިޒާމް ޝުކުރު އަދާކުރެއްވިއެވެ. އެއާއެކު ހުރިހާ ސްޕޮންސަރުންނާއި ޕާޓްނަރުން ދެއްވާ އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ. ނިޒާމް ވިދާޅުވީ އެމްބީބީއޭ މިއަދާ ހަމައަށް ގެނެސްދިނުމުގައި އެތައް ބައެއްގެ ހިއްސާ ބޮޑު ކަމަށާއި، އެ މަސައްކަތަށް ޝުކުރު ދަންނަވާ ހާލު، ރާއްޖޭގެ ބޮޑީބޯޑިންގެ ކުރިމަގަށް، އެތުލީޓުންގެ ކުރިމަގަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާނެ ކަމަށެވެ.