ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ޖަލްސާތަކުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުން ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި ކަމަށެވެ.
އިގުތިސޯދީ ގޮތުން ދަތި މި ދަނޑިވަޅުގައި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް އެ މުވައްޒަފުންގެ އާއިލާގެ އާމްދަނީ ހުއްޓުވާލައި ހާލުގައި ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުންޏެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ގިނަ ރައްޔިތުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއް ފަހަރާ ވަޒީފާތަކުން ކަނޑަމުންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކުށްވެރިކުރަމެވެ. އަދި އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ..،" އެމްޑީޕީން ބުންޏެވެ.
ވަޒީފާތަކުން ވަކިކުރަމުންދާ ފަރާތްތަކުގެ ހައްގުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގައި އެމްޑީޕީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް އެ ޕާޓީން ބުންޏެވެ.
"މިފަދައިން ރައީސް މުއިއްޒުގެ ސަރުކާރުން މިކަން މިކުރަނީ ރިޔާސީ އިންތިހާބުގައި ތަކުރާރުކޮށް އެތައް ކެމްޕެއިން ޖަލްސާތަކުގައި އެކި ރަށްރަށުގައި ރައްޔިތުންނާ ބައްދަލުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުުކުރާނެ ކަމަށް ވިދާޅުވެ އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އެރުވުމަށްފަހުކަން ވެސް ފާހަގަކުރަމެވެ..،" އެ ޕާޓީން ބުންޏެވެ.
ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ އިރު، ސަރުކާރުން ދަނީ ސިޔާސީ މަގާމުތަކަށް ގިނަބަޔަކު އައްޔަންކުރަމުން ކަމަށް އެމްޑީޕީން ބުންޏެވެ. ސަރުކާރުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށްފައި ކަމަށާއި ނަމަވެސް އެ އަދަދު 2،000 އާ ގާތްކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން އެމްޑީޕީން ބުނީ ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިންގައި ރައްޔިތުންނަށް ވީ ވައުދުތަކަކީ ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި ހެދި ދޮގުތަކެއްކަން މިހާރު ސާބިތުވަމުންދާ ކަމަށެވެ. އެގޮތުން މަހުގެ އަގު 20 ރުފިޔާގައި ހިފެހެއްޓުމާއި، އަށް މަހުން ފުށިދިއްގަރުފަޅު ހިއްކުމާއި، އެކަނިވެރި މައިންނަށް ދޭ އެލަވަންސް 12،000 ރުފިޔާއަށް ބޮޑުކުރުމާއި، ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ ގިނަނުކުރުމުގެ ވައުދާ، ރައީސް ސޯލިހުގެ ސަރުކާރުން ފްލެޓް ދިން ފަރާތްތަކަށް ފްލެޓް ހަވާލުކުރާނެ ކަމަށްވި ވައުދުތައް އެމްޑީޕީން ފާހަގަކުރިވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު