ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އައްޔަންކުރައްވައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ، އެ މަގާމަށް އާދަމް ހަލީމް އައްޔަން ކުރެއްވީ، މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

އާދަމް ހަލީމަކީ އަބްދުއްރަހީމް ނިސްބަތްވާ ލ. އަތޮޅުގެ މުންޑުއަށް އުފަން ބޭފުޅެކެވެ.

ނޫސްވެރިކަމުގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި އާދަމް ހަލީމް ނޫސްވެރިކަން ފެއްޓެވީ އޭރު އޮތް "އާފަތިސް" ނޫހުންނެވެ.

އެއަށްފަހު ހަވީރު ނޫހާއި، ސަން މީޑިއާ އާއި ވީނިއުސް އަދި އަވަސް ނިއުސްގައިވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އެންމެ ފަހުން އޭނާ ހުންނެވީ "ދަ މިރާ"ގެ ނަމުގައި މި ފަހުން އޭނާ އުފެއްދެވި އަމިއްލަ ނޫހުގައެވެ.

ނޫސްވެރިކަމުގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމާއި ރަން ގަލަން އާދަމް ހަލީމަށް ވަނީ ލިބިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނުގެ ރަސްމީ ގެކޮޅު މުރައިދޫގެއަށް، ބަދަލުވެވަޑައިގަތީ މިދިޔަ ޖުލައި 26 ގައެވެ.