މިއަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯއަށް ނުކުތް އިރު، އެންމެ ވާދަވެރިކޮށް އޮތީ އަންހެން ޑިވިޝަނެވެ. އެ ޑިވިޝަނުގެ ދުނިޔޭގެ ޗެމްޕިއަންކަން ރާއްޖޭގައި ޔަގީންކުރަން ދުނިޔޭ ރޭންކިން އެއްވަނައިގައި އޮތް ބްރެޒިލްގެ މަރިއާ ވިއޭނާއަށް ފުރުސަތުވެސް އޮތެވެ. އެ ތާރީހީ ވަގުތުކޮޅަށް ދިވެހީންނަށް އިންތިޒާރުކުރެވުނު ނަމަވެސް، ވިއާނާއަށް އެކަން ހާސިލު ނުވެ، ކަޓައިގެން ދިޔައީ ހިތްދަތިކޮށެވެ. އަންހެން ޑިވިޝަންގެ ފަސްވަނަ ބުރުގައި ވިއާނާ ކަޓައިގެން ދިޔައީ އެލެކްސެންޑްރާ ރިންޑާ އަދި ދެކުނު އެފްރިކާގެ ޕަމޭލާ ބޯރެންއާ އެއް ހީޓެއްގައި ވާދަކޮށްގެންނެވެ. ކުއާޓާ ފައިނަލަށްވެސް ނުދެވިއެވެ.
އެ ހިސާބުން މިފަހަރުގެ ރާއްޖޭގެ އިވެންޓުން ދުނިޔޭގެ ޗެމްޕިއަނެއް ކަނޑައެޅިގެން ދާތަން ނުފެނުނު ނަމަވެސް، އަންހެން ޑިވިޝަނުގެ ދުނިޔޭ ޗެމްޕިއަންކަމަށް ފުރުސަތު ހުޅުވިގެން ދިޔައެވެ. ޖަޕާނުގެ ސާރީ އޮހާރާ މުބާރާތުގެ ތެރެއިން "ވަން ސްޕޯޓްސް"އަށް ބުނެފައިވަނީ ޖެހިޖެހިގެން ދެވަނަ ތަށްޓެއް ހޯދަން އޭނާ އަދިވެސް އުންމީދުގައި ހުރި ކަމަށެވެ. އެ އުންމީދުގައި އޭނާ ފައިނަލަށްވެސް ދިޔައެވެ. އިއްޔެގެ ފައިނަލްގެ ކުރިން ސާރީ އޮހާރާ އޮތީ ރޭންކިން 10 ވަނައިގައެވެ. 3000 ޕޮއިންޓާއެކުގައެވެ. އަދި ވިސިޓް މޯލްޑިވްސް ޕްރޯގެ ޗެމްޕިއަންކަން އިއްޔެ ހޯދި ނަމީކާ ޔަމަޝީތާ ފައިނަލުގެ ކުރިން އޮތީ ހަވަނައިގައެވެ. އެއީ 3383 ޕޮއިންޓާއެކުގައެވެ.
ދުނިޔޭގެ އެއްވަނައިގައި މިވަގުތު އޮތް ވިއާނާ 4845 ޕޮއިންޓާއެކު މިހާރު އޮތް އިރު، ދެވަނައިގައި އޮތީ މިފަހަރު އިވެންޓުން ފަސްވަނަ ބުރުގައި ކަޓައިގެން ދިޔަ ދުނިޔޭގެ ޖޫނިއާ ޗެމްޕިއަން ލޫނާ ހާޑްމަންއެވެ. ލޫނާއަށް 4770 ޕޮއިންޓް ލިބިފައިވާ އިރު، ކުއްލިއަކަށް މައްޗަށް ޖެހިލާފައިވަނީ ޖަޕާނުގެ ސާރީ އޮހާރާއާއި ޗެމްޕިއަން ޔަމަޝީތާއެވެ.
ސާރީ އޮހާރާ ތިންވަނައިގައި 4290 ޕޮއިންޓާއެކު މިހާރު އޮތް އިރު، ޔަމަޝީތާ ހަތަރު ވަނައަށް އެރީ 4245 ޕޮއިންޓާއެކުގައެވެ. ވޯލްޑް ޓުއާގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަމަށް ހަތަރު އިވެންޓެއްގެ ޕޮއިންޓް ގުނާ އިރު، ދެން ބާކީ އޮތީ ޕޯޗުގަލްގެ ސިންޓްރާ ބޮޑީބޯޑް ޕްރޯ ފެސްޓެވެ. އެ އިވެންޓަކީ އަންހެން ޗެމްޕިއަންކަން ޔަގީނުންވެސް ކަނޑައެޅޭނެ މުބާރާތެވެ.
ރާއްޖޭގައި އަންހެން ޗެމްޕިއަނެއް ކަނޑައެޅިގެން ނުދިޔަ ނަމަވެސް، ރާއްޖޭގެ އިވެންޓާއެކު "ގޭމް ޗޭންޖް" ވެގެން ގޮސްފިއެވެ. ރާއްޖޭގެ އިވެންޓަކީ "ސަޕްރައިޒިން" އިވެންޓެއްގެ ގޮތުގައި ގިނަ އެތުލީޓުން ފާހަގަކުރާ ސަބަބަކީ އެއީއެވެ. ރާއްޖޭގެ އިވެންޓަކީ ވޯލްޑް ޓުއާ އެތުލީޓުންގެ ފެންވަރު ރަނގަޅަށް ޓެސްޓް ކޮށްލާ ޓަފް އިވެންޓަކަށް މިހާރު ވެއްޖެއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ