ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ އިންޑިއާ މީހުންނާއި ސެލެބްރިޓީން ރާއްޖެ ގެންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވިއެވެ.

ރާއްޖެއަކީ، އިންޑިއާގެ ސެލެބްރިޓީންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ބޮލީވުޑްގެ އެތައް ތަރިންނެއް މީގެ ކުރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. ބައެއް ތަރިން ވަނީ ތަކުރާރުކޮށް ރާއްޖެ ޒިޔާރަތްކޮށްފައެވެ.

އިންޑިއާގައި ބޭއްވި ރޯޑް ޝޯއާ ގުޅޭ މައުލޫމާތު ދިނުމަށް އެމްއެމްޕީއާރްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ފައިސަލް ވިދާޅުވީ، އިންޑިއާގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ރޯޑްޝޯގެ ތެރެއިން އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާއި ސިވިލް އޭވިއޭޝަން މިނިސްޓަރާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތް ކަމަށެވެ. އެގޮތުން ރާއްޖެ އަންނަ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާއި ރާއްޖެއަށް އިންވެސްޓްމަންޓު ގެނައުމާ ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަމާޒަކީ މި އަހަރު ނިމެންވާއިރަށް އިންޑިއާއަކީ ރާއްޖޭގެ ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މަންޒިލަށް ހެދުން ކަމަށެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 71،000 އެއްހާ އިންޑިއާ ފަތުރުވެރިންނެވެ.

މިނިސްޓަރު ވިދާޅުވީ، މި އަހަރު އިންޑިއާގައި އިންވެސްޓްމެންޓް ފޯރަމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ފޯރަމްގެ މައިގަނޑު އަމާޒަކީ ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓު ތަރައްގީކޮށް ނިމެންވާއިރަށް އެ ސަރަހައްދަށް މަތީފަންތީގެ ދެތިން ރިސޯޓު ގެނައުން ކަމަށެވެ.

"އޭގެ އިތުރުން އަދި އިންފްލުއެންޒާސް އަދި ސެލެބްރިޓީސް ރާއްޖެ ގެނެވި އެ މަސައްކަތްވެސް ވަރަށް ފުޅާ ދާއިރާއެއްގައި އެބަ ކުރިއަށްދޭ. އަޅުގަނޑުމެން ވާހަކަ ދައްކާ ބައެއް ސެލެބްރިޓީން، އިންފްލުއެންޒާސް އަކީ 40 މިލިއަން، 50 މިލިއަން، 60 މިލިއަން ފޮލޯވާސް ތިބި މީހުން. އެހެންވީމާ މި މީހުން ރާއްޖެ ގެނެވި އެ ކުރެވޭ މަސައްކަތުންވެސް އިންޑިއަން އެރައިވަލްއަށް އަސަރުތަކެއް ކުރާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަންނަ ހަފުތާގެ ތެރޭގައި އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށާއި އެކަމުންވެސް ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ރަނގަޅުވާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އަމާޒަކީ މި ފަސް އަހަރު ނިމޭއިރު އިންޑިއާއިން އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.