ރާއްޖެއަށް މިހާރުކުރަމުން މިދަނީ ހުޅަނގު މޫސުުމުގެ ވިއްސާރަކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރައިގެ އަސަރުކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީސް އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ކުރިޔަށް އޮތް ދެތިން ދުވަހަށް ބަލާއިރުގައި އެހާ ކަނޑުގަދަވާނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށާއި ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ދެކުނާއި މެދުރާއްޖެތެރެއަށް ވިއްސާރަކޮށްދައްކާ ކަމަށެވެ.
"ކުރިޔަށް އޮތް ތިން ދުވަހަށް ބަލާއިރު އުތުރަށް ކޮންމެވެސް ވަރަކަށް ކެރި އެބައުޅޭ. އެވްރެޖްކޮށް މިއަދު ވައިވެސް ބާރުކޮށް އުޅޭނީ. 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ހުރިހާ ސަރަހައްދުތަކަށްވެސް ވައި ޖެހޭނެ" އޮފިޝަލު ވިދާޅުވިއެވެ.
އޭގެ އިތުރުން އޮފިޝަލު ވިދާޅުވީ އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގާއި ހުޅަނގު އުތުރުން ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
" އާދިއްތަ ދުވަހުންފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަކޮށް އުޅެނީ. ރާޅުގެ އުސްމިން އުޅޭނީ ގާތްގަނޑަކަށް ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު" އޮފިޝަލު ވިދާޅުވިއެވެ.
މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދުގެ ހެނދުނު 8:30 އިން 14:30 އަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ. އަދި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ދަގަވާނެ ކަމަށް ލަފާކޮށްފައެވެ.
މޫސުމާބެހޭ އިދާރާއިން ފާއިތުވި 24 ގަޑިއިރު ވާރޭ އެންމެ ގިނައިން ވެހުނު ކަމަށް ރެކޯޑު ކޮށްފައިވަނީ ހުޅުމާލެ އަށެވެ. އެއީ 118.3 މިލިލީޓަރުގެ ވާރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު