ރާއްޖޭގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ޖޫނިއާ ޗެމްޕިއަންކަން އޮސްޓްރޭލިއާގެ ޖޭ ޓެއިލާ ހޯދައިފިއެވެ.
ރާޅުގަނޑުގައި ހޮނިހިރު ދުވަހު ފެށި ވިސިޓް މޯލްޑިވްސް ޕްރޯގެ ފައިނަލް އިވެންޓްތައް މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، ފިރިހެން ޖޫނިއާ ފައިނަލަށް ނުކުތް ޓެއިލާއަކީ ފައިނަލަށް ފެވަރިޓެއްވެސް ނޫނެވެ. މާ ގިނައި ޓުއާ އިވެންޓުތަކެއްގައި މިއަހަރު އަޅާފައި ނުވި ނަމަވެސް، އޮސްޓްރޭލިއާގެ ޖޫނިއާ ޗެމްޕިއަންކަން އޭނާ މިއަހަރު ހޯދާފައިވެއެވެ. އަނެއްކޮޅުން އޭނާއާ ދެކޮޅަށް ނުކުތީ މިއަހަރު ޖޫނިއާ ވޯލްޑް ޗެމްޕިއަންކަމަށް ވާދަކުރަމުންދާ ރޭންކިން ދެވަނައިގައި އޮތް ޗިލީގެ މިކޭލޭ އަރައިގަދާއެވެ.
ފައިނަލުގެ ކުރީކޮޅުގައި އަރައިގަދޭއަށް މާ ރަނގަޅު ސްކޯތަކެއް ހެދިފައެއް ނުވެއެވެ. 3.30 ގެ ރާޅަކާއެކު ހީޓްގެ ފަހުކޮޅަށް ދިޔައިރުވެސް އޭނާއަށް ސްކޯ ރަނގަޅު ނުކުރެވި އުޅެނިކޮށް ޓެއިލާ ވަނީ 6 ޕޮއިންޓުގެ ރާޅެއްގެ އިތުރުން ވަރުގަދަ 8 ޕޮއިންޓުގެ ރާޅެއް އަޅައި، 14 އަށް ޖުމުލު ސްކޯ އަރުވައިފައެވެ. އަރައިގަދާއަށް ފަހުންވެސް އެޅުނީ 5.65 ގެ ސްކޯއެއް ލިބުނު ރާޅެއްގައެވެ. އޭނާއަށް ޖުމުލަ ހޯދުނީ 8.95 ގެ ސްކޯއެކެވެ.
ވިސިޓް މޯލްޑިވްސް 2024 މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރިއެވެ. މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި ހަރަކާތްތެރިވީ "ވަން ސްޕޯޓްސް" އެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ