ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލް ގަންނަން ފައިސާ ދެއްކި ފަރާތްތަކުން އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ އާންމުންނަށް ސައިކަލު ވިއްކާ ކަމަށްބުނެ ކިންގްސްޓަންއިން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
"އެހެންކަމުން، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ އިތުރު އެއްވެސް ފަރާތެއްވާ ނަމަ، މި ހިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ..،" ފުލުހުން ބުންޏެވެ.
ކިންގްސްޓަން ކުންފުނިން ސައިކަލު ގަތުމަށް ފައިސާ ދެއްކި ބައެއް މީހުން ވަނީ ފައިސާ ދެއްކިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ސައިކަލު ލިބިފައިނުވާތީ ކިންގްސްޓަން އޮފީސް ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ.
ނުރުހުން ފާޅުކުރި ފަރާތްތަކުން އެ ކުންފުނީގެ އެއް ހިއްސާދާރު ކައިރީގައި ބުނަމުންދިޔައީ ސައިކަލު ހަވާލުކުރުމަށް ނުވަތަ ސައިކަލް ގަތުމަށް ދިން ފައިސާ އަނބުރާ ހަވާލުކުރުމަށެވެ. ނަމަވެސް އެ ކުންފުނީގެ ހިއްސާދާރު ބުނެފައިވަނީ ސައިކަލު ހަވާލުކުރުމަށް ނުވަތަ ފައިސާ ހަވާލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު