މާލޭގެ ގްރޫޕަކުން ގޮސް އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު މީހުން ދަށު ކޯޓުން ސަލާމަތްވި މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި ފަށައިފިއެވެ.
އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ހިންގި މާރާމާރީގައެވެ.
އަނަސް މަރާލި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޖުވެނައިލް ކޯޓުގައި އެ ކުއްޖާގެ މައްޗަށް އޭރު ކުރި ދައުވާ ސާބިތުނުވާ ކަމަށް 2021 ވަނަ އަހަރު ހުކުމް ކުރުމުން ދައުލަތުން ހަމަ އެ އަހަރު އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން ހުކުމް ކުރީ އެއް ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.
އޭގެ އިތުރުން އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ ތިން މީހެއްގެ މައްޗަށް ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ، އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ، މާލެ އާއި އަހުމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ އަދި އުސްމާން ޝަރީފް، މ. ދިމިޝްގު، މާލެއެވެ.
މީގެ އިތުރުން ނައިހު އަބްދުﷲ، ނަންނާރިގެ، ލ. ގަން ތުނޑީ އާއި ހަސަން މަހްފޫޒް، ވެސްޓަންވިލާ، ސ. ފޭދޫ އާއި ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746، މާލެ އަދި މުހައްމަދު ޝާޒް، ގުލްފާމުގެ، ތ. ކިނބިދޫގެ މައްޗަށް އެ މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ހައި ކޯޓުން މިއަދު އިސްތިއުނާފު ޝަރީއަތް ފެށި އިރު، ދައުވާ ލިބޭ މީހުންގެ ތެރެއިން ބައެއް މީހުން ވަކީލުން ހަމަޖައްސާފައި ނެތުމުން، އެކަމަށް ހަފުތާއެއްގެ މުއްދަތެއް ދިނުމަށް އެ މީހުން އެދުމުން، ފަނޑިޔާރުންގެ ބެންޗުން އެކަމަށް ފުރުސަތު ދެއްވިއެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ވަކީލުން ނެތަސް، މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ބެންޗުން ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި ގޮތުގައި ދައުވާލިބޭ މީހުން ބަންދުކުރަން ދައުލަތުން އެދިފައިވެއެވެ. ނަމަވެސް ވަކީލުން ހަމަޖައްސަން ފުރުސަތު ދީފައިވާތީ އެކަމާ ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވިއެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު