ރާއްޖޭގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ފިރިހެން އޯޕަން ޑިވިޝަނުގެ ޗެމްޕިއަންކަން ދުނިޔޭގެ އެއްވަނަ ރޭންކްގައި އޮތް އަރްމިޑޭ ސޮލިވެރެސް ހޯދައިފިއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯގެ ފޯރިގަދަ ހީޓުތައް ހޮނިހިރު ދުވަހުން ފެށިގެން ރާޅުގަނޑުގައި ކުރިއަށްދާ އިރު، މުބާރާތުގެ ފޯރިގަދަ ފައިނަލް ހީޓުތައް މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ. އެންމެ ފަހު ފައިނަލެއްގެ ގޮތުގައި މިއަދު ހީޓުތައް ނިންމާލީ ފިރިހެން ޑިވިޝަނުގެ ފައިނަލުންނެވެ. އެ ފައިނަލުގައި ދުނިޔޭގެ އެއްވަނަ ރޭންކްގައި އޮތް ކެނަރީ އައިލެންޑްގެ އަރްމިޑޭއާއި ރެކޯޑު ޗެމްޕިއަން ހަވާއީގެ ޑޭވް ހަބާޑެވެ.
ފައިނަލް ހީޓުގައި ފުރަތަމަ ވަރުގަދަ ރާޅެއް އަޅައި ލީޑު ނެގީ ހަބާޑެވެ. އެއީ 6.00 އެއްގެ ސްކޯއެއް ލިބުނު ރާޅެކެވެ. އެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އަރްމިޑޭ ވަނީ ރަނގަޅު ކޮމްބިނޭޝަން މޫވްއަކާއެކު 8،00 ޕޮއިންޓްގެ ރާޅެއް އަޅާފައެވެ. އޭގެފަހުން ހިތްވަރުކޮށް، 7.50 ގެ ރާޅަކާއެކު ޑޭވް ޖުމުލަ، 13.5 ގެ ސްކޯއެއް ހަމަކުރިތަނާ އަރްމިޑޭ ވަނީ 5.75ގެ ރާޅަކާއެކު 13.75 ގެ ޖުމުލައެއް ހަމަކޮށް ރާއްޖޭގެ ޓައިޓަލް ޔަގީންކޮށްފައެވެ.
އަރްމިޑޭ މިހާރު ދުނިޔޭގެ ރޭންކްގެ އެއްވަނައިގައި އޮތީ ތަފާތު ބޮޑުކޮށެވެ. 8848 ގެ ސްކޯއަކާއެކު އޭނާ ދުނިޔޭގެ ރޭންކިން ލީޑު ކުރަމުންދާ އިރު، ދެން އަރްމިޑޭއަށް އޮތީ ސިންޓްރާ މުބާރާތެވެ.
ވިސިޓް މޯލްޑިވްސް 2024 މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރިއެވެ. މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި ހަރަކާތްތެރިވީ "ވަން ސްޕޯޓްސް" އެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ