ރާއްޖޭގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ފިރިހެން އޯޕަން ޑިވިޝަނުގެ ފައިނަލަށް، ދުނިޔޭގެ އެންމެ ލެޖެންޑަރީ އެއް ބޮޑީބޯޑަރު ޑޭވް ހުބާޑާއި މި ވަގުތު ދުނިޔޭ ރޭންކިންގެ އެއްވަނައިގައި އޮތް އަރްމިޑޭ ސޮލިވެރެސް ދަތުރުކޮށްފިއެވެ.

ވިސިޓް މޯލްޑިވްސް ޕްރޯގެ ފޯރިގަދަ ހީޓުތައް ހޮނިހިރު ދުވަހުން ފެށިގެން ރާޅުގަނޑުގައި ކުރިއަށްދާއިރު، މިއަދާ ހަމައަށް އޮތީ އެންމެ ފޯރިގަދަ ހީޓުތަކަށް އައިސްފައެވެ. އެއީ ކުއާޓާގެ ހީޓްތަކާއި ސެމީ ފައިނަލް އަދި ފައިނަލްގެ ހީޓްތަކަށެވެ.

ފުރަތަމަ ފިިރިހެން ކުއާޓާ ހީޓްތައް މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، އެންމެ ފުރަތަމަ ހީޓްގައި 2022 ވަނަ އަހަރު ވިސިޓް މޯލްޑިވްސް ޕްރޯގެ ޗެމްޕިއަން ހުބާޑް ނުކުތީ ޖަޕާނުގެ ހަޔަޓޯ އެނޮކިޑޯއާ ދެކޮޅަށެވެ. އެ ހީޓްގައި ހަބާޑް ވަނީ 14.25ގެ ސްކޯއެއް ހޯދައިފައެވެ. އެނޮކިޑޯއަށް ހޯދުނީ 11.75ގެ ސްކޯއެކެވެ.

ކުއާޓާގެ ދެވަނަ ހީޓްގައި މިއަދު ފްރާންސްގެ މަކްޒީމް ކަސްޓީއޯއާއި ބްރެޒިލްގެ ގެބްރިއަލް ބްރާގާ ވާދަކޮށް، އެ ހީޓް 12.35ގެ ސްކޯ އަކާއެކު ކާމިޔާބު ކުރީ ދުނިޔޭ ރޭންކިންގެ ދެވަނައިގައި މި ވަގުތު އޮތް ބްރާގާއެވެ. ކަސްޓީއޯއަށް ހޯދުނީ 10.25ގެ ސްކޯއެކެވެ.

ފިރިހެން ކުއާޓާ ފައިނަލްގެ ތިންވަނަ ހީޓުގައި ދުނިޔޭގެ ތިންވަނައިގައި އޮތް ދެކުނު އެފްރިކާގެ ޓްރިސްޓަން ރޮބާޓްސް ނުކުތީ މި ވަގުތު އެއްވަނައިގައި ރޭންކް ކުރެވިފައި އޮތް އަރްމިޑޭ ސޮލިވިއެރެސްއާ ދެކޮޅަށެވެ. އެ ހީޓް އަރްމިޑޭ ކާމިޔާބުކުރީ 14.5ގެ ސްކޯއަކުންނެވެ. ޓްރިސްޓަންއަށް ހޯދުނީ 14.25ގެ ސްކޯއެކެވެ.

ކުއާޓާ ފައިނަލްގެ ފަހު ހީޓް މިދިޔަ އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯގެ ޗެމްޕިއަން ޕިއޭ ލުއީ ކޮސްޓެސް ކާމިޔާބުކުރި އިރު، އޭނާގެ ސްކޯއަކީ 14.25 އެވެ. އެ ހީޓްގައި އޫރީ ވަލަޑާއޯއަށް ހެދުނީ 13.8ގެ ސްކޯއެކެވެ.

ފިރިހެން ސެމީ ފައިނަލް ހީޓްތައްވެސް ނިމިފައިވާ އިރު، ހަބާޑް ފައިނަލަށް ދިޔައީ ބްރާގާ ބަލިކޮށްފައެވެ. ފޯރިގަދަކޮށް ފެނުނު ހީޓްގައި ހަބާޑް ލީޑަށް އެރީވެސް ހީޓް ނިމެން ދަނިކޮށެވެ. އޭނާ ވަނީ ޖުމުލަ 15.4ގެ ސްކޯއެއް ހޯދައިފައެވެ. ގާތުން ވާދަކުރި ބްރާގާއަށް ލިބުނީ 15ގެ ސްކޯއެކެވެ.

ސެމީ ފައިނަލް ދެވަނަ ހީޓްގައި އަރްމިޑޭ ފެނުނީ މާބޮޑަށްވެސް ތަފާތު ރޫހެއްގައެވެ. 8.70 އަދި 8.75ގެ ދެ ރާޅު އަޅާ އަރްމިޑޭ ފައިނަލް ޔަގީންކުރީ 17.25ގެ ސްކޯއަކުންނެވެ. ސެމީގައި ދެން ވާދަކުރި ޕިއޭއަށް ހޯދުނީ 13.35ގެ ސްކޯއެކެވެ.

ވިސިޓް މޯލްޑިވްސް ޕްރޯގެ ފައިނަލް ހީޓްތައްވެސް މިއަދު އޮންނާނެއެވެ.