ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭކަމަށް މަޖިލިސް ގަވާއިދު ބުނާ، މައުލޫމާތުތައް ނުދީގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތިން ބިލެއްގެ މަސައްކަތް ކުރިއަށް ނުގެންދެވި އެބައޮތްކަމަށް އެ ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މާލިއްޔަތު ކޮމިޓީގައި މިއަދު އޮތީ، ދައުލަތުގެ މާލިއްޔަތާބެހޭ ބިލްތަކުގެ ތެެރެއިން ދައުލަތުގެ ފިޒިކަލް ޒިންމާގެ ބިލްގެ މަަސައްކަތް ކުރިއަށް ގެންދިއުމެވެ.
ކޮމިޓީގެ ބައްދަލުވުން ފެއްޓެވުމަށްފަހު މާމިލިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް ވިދާޅުވީ، ކޮމިޓީގައި އޮތް ތިން ބިލަށް ކޮމެންޓް ކުރުމަށް ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ފޮނުވި ނަމަވެސް އެ މައުލޫމާތު އަދި ކޮމިޓީއަށް ފޮނުވާފައި ނުވާކަމަށް އިދާރީ މޭޒުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެއަށްފަހު އެ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރުމަށް އިދާރީ ބެފުޅުންނަށް ފުރުސަތު ދެއްވިއެވެ.
އެކަމާ ގުޅިގެން އިދާރީ މޭޒުން ވާހަކަދެއްކި މުވައްޒަފު ވިދާޅުވީ، އެބިލްގައި ހުރި ކަންބޮޑުވުންތަކަށް ކޮމެންޓް ކުރުމަށް އިތުރު ފުރުސަތު ދެއްވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެދިވަޑައިގެންފައިވާ ކަމަށެވެ. އެބިލާމެދު ބައެއް ކޮމެންޓްތައް ބަދލުވެފައިވާ ކަމަށާއި، ސެންޓްރަލް ބޭންކު (އެމްއެމްއޭ) އިން ބިލަަށް ފޮނުވާ ކޮމެންޓަތަކަށްވެސް މިހާރު ބަދަލު އައިސްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ކޮމެޓީގައި އޮތް ތިން ބިލްގެ ތެރެއިން ފިޒިކަލް ޒިންމާގެ ބިލްގެ މަސައްކަތް މިމަހު 13 އަށް ނިންމަން ސުންގަޑި ކަނޑައަޅައި މަޖިލިސް ތަޅުމަށް އަންގާފައިވާކަމަށެވެ. ނަމަވެސް ސަރުކާރުގެ އިދާރާތަކުން ލިބެންޖެހޭ މައުލޫމާތު ނުލިބި މިއަދަށް މިވީ ހަތްދުވަސް ކަންވެސް ގާސިމް ފާހަގަ ކުރެއްވިއެވެ. އެގޮތަށް އިދާރާތަކުން މައުލޫމާތު ނުލިބިގެން ތިން ބިލެއްގެ މަސައްކަތް ކޮމިޓީގައި ކުރިއަށް ނުގެންދެވި އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ކޮމެޓީގެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމެވުމަށް ގާސިމް މެންބަރުންނަށް ފުރުސަތު ދެއްވިއެވެ.
ހުޅުމޭލެ ދެކުނު ދާއިރާގެ މެންބަރު ޑރ، އަހްމަދު ޝަމްހީދު ވިދާޅުވީ، އެ ކޮމެންޓްތައް ނުލިބުނަސް ބިލުގެ މަސައްކަތް ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެއަށްފަހު އެ އިދާރާތަކުގެ ކޮމެންޓްތައް ލިބުމުން އެ ކޮމެންޓްތަކަށް ބަލައި، ބިލުގައި ހިމެނޭ އެ މާއްދާއަކަށް ފަހުން ބަދަލުގެނަސް ބިލް ނިންމާލެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭރުން ކޮމެޓީގެ ވަގުތުވެސް ސަލާމަތް ކުރެވޭނެ ކަމަށެވެ.
ނަމަވެސް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ، އެ އިދާރާތަކުގެ ކޮމެންޓްތައް ލިބުމުން އެ ކޮމެންޓްތަކާއެކު މުޅި ބިލުގެ މަސައްކަތް އަންނަ ހޯމަ ދުވަހު އެކީ އެއްފަހަރާ ފެށުން މުހިއްމު ކަމަށެވެ.
އެ ދެބޭފުޅުންގެ ހުށަހެޅުއްވުމުގެ ތެރެއިން ތާއީދު ލިބުނީ ގަފޫރުގެ ހުށަހެޅުއްވުމަށެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމެޓީން ވަނީ އެގޮތަށް ކުރިއަށް ދިއުމަށް ފާސްކޮށްފައެވެ. އެހިސާބުން ކޮމިޓީ ބައްދަލުވުން ވަނީ ނިންމާލައިފައެވެ.
ދައުލަތުގެ ފިޒިކަލް ޒިންމާގެ ބިލްގެ އިތުރުން ކުރިއަށް ނުގެންދެވި މާލިއްޔަތު ކޮމިޓީގައި ދެން އޮތީ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު