ގާނޫނުއަސާސީ އިސްލާހު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މިހާރު ލިބިފައިވާ ހުރިހާ ބާރުތަކެއް އެގޮތުގައި އޮތުން ރަނގަޅުނޫން ކަމަށާއި އެކަމަށް ބަދަލު އަންނަން ޖެހޭ ކަމަށް ގާނޫނުއަސާސީ އިސްލާހުކުރި ހާއްސަ މަޖިލީހުގެ ރައީސް އަދި މާމިގިލީ ދާއިރާގެ މިހާރުގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފެށީ 2004 ވަނަ އަހަރުއެވެ. އެ މަސައްކަތް ނިންމާލުމަށްފަހު އެ ގާނޫނުއަސާސީ ތަސްދީގުކޮށްފައި ވަނީ 7 އޯގަސްޓް 2008ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމެވެ.
ރައީސް މައުމޫނަށް ސިޔާސީ ގޮތުން ކުރިމަތިވެވޑައިގެންނެވި ޕްރެޝަރުތަކާ ގުޅިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޑިމޮކްރެޓިކް ނިޒާމަށް ބަދަލުކުރުމަށްޓަކައި އެ މަނިކުފާނު އިއުލާން ކުރެއްވީ އިސްލާހީ އެޖެންޑާގެ ދަށުން، އޭރު އޮތް ނޫ ގާނޫނުއަސާސީ އިސްލާހުކުރަން އެއްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރެއްގެ ގޮތުން އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ގާސިމެވެ. އޭރު ގާނޫނުއަސާސީގައި އޮންނަ ގޮތުން ގާނޫނުއަސާސީން އިސްލާހުކުރަން ރައްޔިތުންގެ ހާއްްސަ މަޖިލިސް އެއްކުރަންޖެހެއެވެ. އެ ނޫން ގޮތަކަށް ގާނޫނުއަސާސީއަށް ބަދަލެއް ނުގެނެވޭނެއެވެ.
ނަމަވެސް އެންމެފަހުން ބޭއްވި ހާއްސަ މަޖިލީހުން ފާސްކުރި ފެހި ގާނޫނުއަސާސީގައި ފަސޭހައިން ގާނޫނުއަސާސީ އިސްލާހުކުރުމުގެ ހުރިހާ ބާރެއް ވަނީ އޭރަކު އޮންނަ ރައްޔިތުންގެ މަޖިލީހަށް ދީފައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ގާނޫނުއަސާސީއަށް އިސްލާހު ގެވެނޭނެ ކަމަށް މިހާރު އޮތް ގާނޫނުއަސާސީގައި ވަނީ ކަނޑައަޅައިފައެވެ.
ފެހި ގާނޫނުއަސާސީއަށް އަމަލުކުރަންފެށިތާ މިއަދަށް 16 އަހަރުވެފައިވާއިރު، އެކަން ފާހަކަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ހާއްސަ މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކުރިއިރު އެހާ ފަސޭހައިން ގާނޫނުއަސާސީ ބަދަލު ކުރެވޭނެ ގޮތެއް ނޯންނަ ކަމަށެވެ.
"ގާނޫނަކަށް ބަދަލުގެނެވޭ ގޮތަށް، ގާނޫނުއަސާސީއާ ނުކުޅެވޭ ގޮތަށް އޭރު އޮންނަނީ. އާދެ ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކޮށްގެން އެކަން ކުރެވެނީ، އެގޮތަށް އެކަން އޮތުމުގެ މުހިންމުކަން އަޅުގަނޑުގެ ހަނދާނަން އަންނަނީ. އެހެންނޫނިއްޔާ ވަރަށް ފަސޭހައިން 75 ޕަސެންޓުން މަޖިލީހުގައި ތިބި މެންބަރުންގެ އަދަދުން ލިބޭ ވޯޓަކުން ގާނޫނުއަސާސީ ބަދަލުކުރެވޭ ކަމަށްވާނަމަ އޭގައި ހުރި ނުރަނގަޅު ކަންތައްތަކެއްވެސް އަތުވެދާނެ ކަމާމެދު ވިސްނާލަން ޖެހޭނެ،" ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހާއްސަ މަޖިލިސް އެއްކޮށްގެން ގާނޫނުއަސާސީ އިސްލާހުކުރާ ގޮތަށް އޮތުމުން އެކަންކުރުމަށްޓަކައި އަޅަން އޮތް ފިޔަވަޅުތަކާއި ގިރާކުރަން ހުރި ހަރުފަތްތައް ގިނަކަމުން އެހާ ފަސޭހައިން އެކަން ނުކުރެވޭނެ ކަމަށެވެ.
"ގާނޫނުއަސާސީ އިސްލާހު ކުރުމަށްޓަކައި މަޖިލީހަށް މިހާރު ލިބިފައިވާ ހުރިހާ ބާރުތަކެއް އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެވެސް ކަހަލަ މެކޭނިޒަމެއް އެބަ ލާންޖެހޭ،" ގާސިމް ވިދާޅުވިއެވެ.
އެހާ ފަސޭހައިން ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު މަޖިލީހަށް އޮތުމުން ދިމާވެދާނެ މައްސަލަތައް ފާހަގަކުރައްވައި ގާސިމު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ލިބިގެން އަންނަ ބޭފުޅަކަށް ގާނޫނުއަސާސީ މުޅިން ބަދަލުކޮށްލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެގޮތަށް މަޖިލީހުގެ 75 ޕަސެންޓް މެޖޯރިޓީ ލިބުމުން ގާނޫނުއަސާސީ މުޅީން ބަދަލުކޮށްލުން ނުވަތަ ބަދަލުތަކެއްް ގެންނައިރު، އެ ބަދަލުތަކަކީ ރައްޔިތުންގެ މެޖޯރިޓީ ބޭނުންނުވާ ގޮތް ކަމަށްވެސް ވެދާނެ ކަމަށާއި އެެހެންކަމުން ކުރިން އޮތް އުސޫލުގެ މުހިންމުކަމުގެ މައްޗަށް ވިސްނާލުން ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ.
"އެހާ ފަސޭހަ މެކޭނިޒަމެއް އޮތުމަކީ ކަނޑައެޅިގެން ބައެއްގެ ވިސްނުމަށް އަންނަ ހިޔާލާތެއްގެ ސަބަބުން، ގާނޫނުއަސާސީގައި ހުރި ފަންޑަމެންޓަލް ރައިޓްސްތަކެއްވެސް ނުވަތަ އަޅުގަނޑުމެންގެ އިސްލާމް ދީނުގައި ކަނޑައަޅާފައި ހުރި އަދި ގާނޫނުއަސާސީގެ ނުވަވަނަ މާއްދާއާއި 10 ވަނަ މާއްދާގެ އަކުރުތަކާ އެކީ ހުރި ކަންތައްތަކެށްވެސް ބަދަލުތަކެއް ގެނެސްފާނެތީ، އޭގެ ތެރޭގައި ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި މި ބުނަނީ އަޅުގަނޑުމެންނަކީ އިސްލާމުންނޭ، އަޅުގަނޑުމެންގެ ދީނަކީ އިސްލާމް ދީނޭ އިސްލާމް ދީނާ ހިލާފު އެއްވެސް ގާނޫނެއް ހަދައިގެން ނުވާނެއޭ،" ގާސިމު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހަށް ލިބިދޭ ބާރުގެ ދަށުން މިހާތަނަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހުތަކަށް ވެގެންދިޔަ ގޮތްވެސް ގާސިމު ފާހަގަކުރެއްވިއެވެ. އެގޮތުން އެގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ކުރިން އޮތް ގޮތަށް އަނެއްކާ ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ގާނޫނުއަސާސީ ބަދަލު ކުރެވުނު، އިސްލާހުތަކެއްވެސް ގެނެވުނު، ގެނައުމަށްފަހުގައި އަލުން އެކަންތައްތައް ރުޖޫއަވެސް ވެއްޖެ، އެހެން ނަމަވެސް ގެނައި އެއް އިސްލާހު އެބަ އޮވޭ ބަދަލުކުރި ގޮތަށް، އެއީ ކައުންސިލްތަކުގެ އިންތިހާބު ތިން އަހަރު ދުވަހަށް އޮވެފައި، މިހާރު ފަސް އަހަރުގެ މުއްދަތަށް ކުރި އިސްލާހު، އެހެން އިސްލާހުތައް އަސްލު ނިންމި ގޮތަށް މިހާރުވެސް މި އޮތީ، އެހެންވީމާ 16 އަހަރު ދުވަހުގެ ތެރޭގައި އެންމެ އިސްލާހެއް ގާނޫނުއަސާސީއަށް މިއައީ،"
ގާސިމް ވިދާޅުވީ ފެހި ގާނޫނުއަސާސީއަށް 16 އަހަރު ވެފައިވާއިރު، މިއަދަކީ ފަންޑަމެންޓަލް ރައިޓްސް ލިބި، ބާރުތައް ވަކިކުރެވި، ޑިމޮކްރެޓިކް އުސޫލުތަކަށް މަގުފަހި ވެގެންދިޔަ ގާނޫނުއަސާސީ އޭރުގެ ރައީސް މައުމޫން ތަސްދީގު ކުރެއްވި ދުވަސްކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި އެ މަސައްކަތްތަކުގައި ބައިވެރިވި ހާއްސަ މަޖިލީހުގެ މަސައްކަތްތަކުގައި އުޅުއްވި ހުރިހާ ފަރާތްތަކަކާއި ހާއްސަ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ގާސިމު ވަނީ ޝުުކުރު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު