ރާއްޖޭގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ޖޫނިއާ ބައިގެ ސެމީ ފައިނަލް ހީޓްތަކަށް ތައްޔާރު ވެއްޖެއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯގެ ފޯރިގަދަ ހީޓުތައް ހޮނިހިރު ދުވަހުން ފެށިގެން ރާޅުގަނޑުގައި ކުރިއަށްދާ އިރު، މިއަދުވެސް ހެނދުނު ހީޓްތައް ފެށިއެވެ. މިއަދުގެ ރާޅު ހުރިގޮތުން އެތުލީޓުންނަށް ޗެލެންޖިން ދުވަހަކަށްވެފައިވާ އިރު، ޖޫނިއާ ބައިގައި މިއަދު ފުރަތަމަ އޮތީ ފަސްވަނަ ބުރުގެ ހަތަރު ހީޓެވެ. އެ ހީޓުތަކުން ކޮންމެ ހީޓަކުން ދެ އެތުލީޓުން ކުއާޓާ ފައިނަލަށް ދާގޮތަށް އޮތް އިރު، ހީޓުތަކުގައި ވަރުގަދަ ކުރިމަތިލުންތަކެއް ފެނުނެވެ.
ފުރަތަމަ ހީޓުގެ އެއްވަނަ ބްރެޒިލްގެ ގުއިލާމޭ މޮންޓެނެގްރޯ ހޯދީ 13.25 ގެ ނަތީޖާއަކުންނެވެ. އެ ހީޓްގެ ދެވަނައިގައި ކުއާޓާއަށް ދިޔައީ ޖޭ ޓެއިލާއެވެ. ތިންވަނައިގައި ނިންމާލީ މޮރޮކޯގެ އަބްދީ މުހައްމަދެވެ. ދެވަނަ ހީޓުގައި އީތަން ޕެރޭޒާއި ހޫގޯ ނައުޑޭ ވިދާލިއެވެ. އީތަން 11 ގެ ސްކޯއެއް ހޯދި އިރު، ނައުޑޭ ވަނީ 11.5 ގެ ސްކޯއަކާއެކު ކުއާޓާއަށް ގޮސްފައެވެ. ހީޓުން ކެޓީ މިވަގުތު ދުނިޔޭ ފިރިހެން ޖޫނިއާ ރޭންކިންގެ އެލެކްސެންޑްރޭ މޮންޓެސްއެވެ.
ތިންވަނަ ހީޓުގައި މިދިޔަ އަހަރު ވިސިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ޗެމްޕިއަން ހޯހޭ ހެނާންޑޭޒް ވާދަކޮށް، އޭނާ ވަނީ ހަނިގޮތަކަށް ކަޓައިފައެވެ. އެ ހީޓުން އޭނާއަށް 11.65 ގެ ސްކޯއެއް ހޯދުނު އިރު، އެއްވަނައަށް ދިޔަ ޗިލީގެ މިކޭލޭ އަރިއާގަދާ ވަނީ 13.5ގެ ސްކޯއެއް ހޯދައިފައެވެ. އަރިއާގަދާ އަކީ މިވަގުތު ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ދެވަނައެވެ. އެ ހީޓުން ދެވަނައިގައި ކުއާޓާއަށް ދިޔައީ މިލޯ ލައުޓިއޭއެވެ. އެއީ 12.2 ގެ ސްކޯއަކާއެކުގައެވެ.
ފަސްވަނަ ބުރުގެ ހަތަރުވަނަ ހީޓް ފޯރިގަދަކޮށް ފެނުނު އިރު، އެ ހީޓުން ކެޓީ، ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ހަތަރު ވަނައިގައި އޮތް މިޝީލް ޔަންސީއެވެ. އެއީ 10.95 ގެ ސްކޯއަކުންނެވެ. އެ ހީޓްގެ އެއްވަނަ ހޫގޯ މެޑީނާ ހޯދީ 14 ޕޮއިންޓާއެކުގައެވެ. ހީޓްގެ ދެވަނަ ހޯދި، އުމުރުން އެންމެ 13 އަހަރުގެ ވިސެންޓޭ ކަމްޕޯސް 11.5 ގެ ސްކޯއެއް ހޯދި އިރު، އޭނާ ކުރިއަށް ޖެހިލީ ފަހު ސިކުންތުގައި އެޅި ރާޅަކުންނެވެ.
އެ ބުރަށްފަހު މިއަދު ވަނީ ޖޫނިއާ ކުއާޓާގެ ހަތަރު ހީޓްވެސް ނިންމާލައިފައެވެ. ކުއާޓާގެ ފުރަތަމަ ހީޓުގައި ދުނިޔޭ ރޭންކިންގެ ފަސްވަނައިގައި އޮތް ގުއިލޭމޭ ނުކުތީ އީތަން ޕެރޭޒާ ދެކޮޅަށެވެ. އެ ހީޓް އީތަން ގެންދިޔައީ 9.6 ގެ ސްކޯއަކުންނެވެ. ގުއިލޭމޭ ބަލިވީ 8.5 ގެ ސްކޯއަކާ އެކުގައެވެ. ކުއާޓާގެ ދެވަނަ ހީޓް ފެނުނީ ތަފާތު ވާދަވެރިކޮށެވެ. އެ ހީޓުގައި ނައުޑޭއާއި ޓެއިލާ ވާދަކޮށް، ހީޓުގެ އެންމެ ފަހު ރާޅާ ހަމައަށް ޓައިލާ އޮތީ 12.5 ގެ ސްކޯއަކާއެކު ހަމަޖެހިލައިގެންނެވެ. އެންމެ ފަހު ރާޅުގައި އަޅާލައި ނައުޑޭ ވަނީ ޖުމުލަ 12.4 ގެ ސްކޯއެއް ހަދައިފައެވެ. ޓެއިލާ ސަލާމަތްވީ ޕޮއިންޓެއްގެ ފަރަގުންނެވެ.
ދެން ޖެހުނު ހީޓުގައި 13 އަހަރުގެ ކަމްޕޯސް ކެޓީވެސް ހިތްދަތިކޮށެވެ. ސްކޯ 11.75 އިން އެއްވަރުވުމުން އަރިއަގަދާއަށް ސެމީއަށް ދެވުނީ 6.5 ގެ ސްކޯގެ ރާޅެއް އެޅިފައި އޮތުމުން، އެންމެ ބޮޑު ސްކޯއެއް އެއް ރާޅެއްގައި ކޮށްފައި އޮތީ އޭނާ ކަމަށްވާތީއެވެ.
ކުއާޓާ ފައިނަލް އެންމެ ފަހު ހީޓުގައި ފްރާންސްގެ މިލޯ ވަނީ 12.25 ގެ ސްކޯއެއް ހޯދައިފައެވެ. އޭނާއާ ވާދަކުރި މެޑީނާއަށް ލިބުނީ 10.25 ގެ ސްކޯއެކެވެ.
މާދަމާ ޖޫނިއާ ސެމީއާއި ފައިނަލްވެސް އޮންނާނެއެވެ. ސެމީގައި އީތަން ޓެއިލާއާ ދެކޮޅަށް ނުކުންނަ އިރު، އަރައިގަދާ ނުކުންނާނީ މިލޯއާ ދެކޮޅަށެވެ.
ވިސިޓް މޯލްޑިވްސް 2024 މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ