ރާއްޖޭގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ އަންހެން ޑިވިޝަނަށް، މިފަހަރުގެ ވޯލްޑް ޓުއާ ކާމިޔާބުކޮށް، ދުނިޔޭގެ ތަށި ރާއްޖޭގައި ހޯދަން ނުކުތް ބްރެޒިލްގެ މައިރާ ވިއާނާ ކަޓައިފިއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯގެ ފޯރިގަދަ ހީޓުތައް ހޮނިހިރު ދުވަހުން ފެށިގެން ރާޅުގަނޑުގައި ކުރިއަށްދާ އިރު، މިއަދުވެސް ހެނދުނު ހީޓްތައް ފެށިއެވެ. މިއަދުގެ ރާޅު ހުރިގޮތުން އެތުލީޓުންނަށް ޗެލެންޖިން ދުވަހަކަށްވެފައިވާ އިރު، އަންހެން އޯޕަން ޑިވިޝަންގެ ފަސްވަނަ ބުރުގައި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ވަނީ ފެނިގެން ގޮސްފައެވެ.
އަންހެން ފަސްވަނަ ބުރުގައި ހަތަރު ހީޓް ކުރިއަށް ގެންގޮސްފައިވާ އިރު، ހީޓެއްގައި ތިން އެތުލީޓުން ވާދަކުރިއެވެ. އެހެންކަމުން ފަނޑިޔާރުން ވަނީ ހީޓަކަށް 30 މިނެޓް ދީފައެވެ. އޭގެ ތެރެއިން ކުއާޓާއަށް ފުރުސަތު ލިބޭ ގޮތަށް އޮތީ އެންމެ މޮޅު ދެ އެތުލީޓުންނަށެވެ.
ފުރަތަމަ ހީޓުގައި ތަޖުރިބާކާރު ބްރެޒިލްގެ ނޭމަރާ ކާވާލިއޯއާއެކު ދެން ވާދަކުރީ ޖަޕާނުގެ ސާރާ އަބީކޯއާއި ނަމިކާ ޔަމަޝީތާއެވެ. އެ ހީޓް ނަމިކާ 12.5 ގެ ސްކޯއަކުން ކާމިޔާބުކުރި އިރު، ދެވަނަގައި ދިޔައީ 11.2 ގެ ސްކޯއެއް ހޯދި ނޭމަރާއެވެ. ކެޓީ ސާރާއެވެ.
ދެން ޖެހިގައި އައި ހީޓުގައި މިވަގުތު ދުނިޔޭގެ އަންހެން ރޭންކިން އެއްވަނައިގައި އޮތް މައިރާ ވިއާނާއާއި އެލެކްސެންޑްރާ ރިންޑާ އަދި ދެކުނު އެފްރިކާގެ ޕަމޭލާ ބޯރެން ވާދަކުރި އިރު، އެ ހީޓް ޕަމޭލާ ގެންދިޔައީ 13 ގެ ސްކޯއަކުންނެވެ. ދެވަނައަށް ދިޔަ ރިންޑާ 11.5 އެއް ހޯދި އިރު، ރާއްޖޭގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދަން ނުކުތް ވިއާނާއަށް ލިބުނީ 11 ގެ ސްކޯއެކެވެ.
އަންހެން ފަސްވަނަ ބުރުގެ ހީޓް ތިނެއްގައި ފެނުނީ ޗެމްޕިއަނުންނެވެ. އެންމެފަހުގެ ވިސިޓް މޯލްޑިވްސް ޗެމްޕިއަން ތެރޭސާ މިރާންޑާއާއެކު އެ ހީޓުގައި ދެން ވާދަކުރީ މިދިޔަ އަހަރު އައިބީސީ ވޯލްޑް ޓުއާގެ އަންހެން ޗެމްޕިއަން، ޖަޕާނުގެ ސާރީ އޮހާރާ އަދި މިއަހަރު އަންހެން ޖޫނިއާ ޗެމްޕިއަން އަދި ސީނިއާ ރޭންކިން ދެވަނައިގައި އޮތް ބްރެޒިލްގެ ލޫނާ ހާޑްމަންއެވެ.
އެ ހީޓް އޮހާރާ ގެންދިޔައީ 13.6 ގެ ސްކޯއަކުންނެވެ. ތެރޭސާ ދެވަނަ ހޯދީ 12.25 ގެ ސްކޯއަކުންނެވެ. ހީޓަށްފަހު ވަރަށް ބޮޑަށް ދެރަވެ ރޮވިފައިހުރި ލޫނާއަށް ލިބުނީ 11 ގެ ސްކޯއެކެވެ.
އަންހެން ފަސްވަނަ ބުރުގެ ފަހު ހީޓުގައި ޒުވާން ތަރި ލުއާނާ ޑޯރާޑޯ ވަނީ 11.15 ގެ ސްކޯއަކުން ހީޓް ކާމިޔާބުކޮށްފައެވެ. ދެވަނައިގައި ކުއާޓާއަށް ދިޔައީ ތެރޭސާ ޕަޑްރޭލާއެވެ. އެއީ 10.25 ގެ ސްކޯއަކުންނެވެ. ހީޓުގެ ފުލަށް ގޮސް ކެޓީ ޖޮއާނާ ޝެންކަރެވެ. އެ ހީޓުގައި ވާދަކުރި ތިން އެތުލީޓުންނަކީވެސް ޕޯޗުގަލްގެ ތިން އެތުލީޓުންނެވެ.
ވިސިޓް މޯލްޑިވްސް 2024 މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ. އަންހެން ޑިވިޝަންގެ ކުއާޓާއާއި ސެމީގެ އިތުރުން ފައިނަލް ހީޓްވެސް މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ