ސްޓެލްކޯއަށް ބޭނުންވާ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މުވައްޒަފުން ތަމްރީން ކުރުމަށާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވާރުންނަށް ސްޓެލްކޯގައި "އިންޑަސްޓްރިއަލް އެކްސްޕީރިއަންސް" ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެ އެމްއޯޔޫގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒޫޝަން ކަމާލުއްދީނެވެ.
ސްޓެލްކޯއިން ބުނީ އެ އެމްއޯޔޫގެ ދަށުން މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ބިނާކުރުމާ ގުޅޭ އެކިއެކި ކަންކަމުގައި އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
އަދި އެ އެމްއޯޔޫގެ ދަށުން ޕޮލިޓެކްނިކުން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ސްޓެލްކޯއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ، ޕޮލިޓެކްނިކުން ތަމްރީން ލިބިގެން ނުކުންނަ ދަސްވާރުންނަށް، ޖާގަ އޮތް މިންވަރަކުން ސްޓެލްކޯގައި "އިންޑަސްޓްރިއަލް އެކްސްޕީރިއަންސް" ހޯދުމުގެ ފުރުސަތު އެމްއޯޔޫގެ ދަށުން ފަހިކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެމްއޯޔޫގެ ދަށުން ސްޓެލްކޯގެ މާލެ އަދި ގްރޭޓާ މާލެ ސަރަހައްދުގެ އިންޖީނުގެތަކުގައި އިންޖީނު އޯވަހޯލް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާ އިރު، އެ މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް ބޭނުންވާ ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ދަރިވަރުންނަށް، ސްޓެލްކޯއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ސްޓެލްކޯގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ޓެކްނިކަލް އަދި ނަން-ޓެކްނިކަލް ދާއިރާތަކާ ގުޅޭ އެކިއެކި ކުރު ތަމްރީން ޕްރޮގްރާމްތައް ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ޕޮލިޓެކްނިކުން ހިންގާ ސްޓެލްކޯ އިން ކުރާ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި ކޯސްތައް ކިޔަވައިދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކޯސް ކިޔަވައިދިނުމަށް ބޭނުންވާ އެކިއެކި އިކުއިޕްމަންޓްތަކާއި ކަމާބެހޭ އެކިއެކި އާލާތްތައް ހޯދައިދިނުމުގައި ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ޕޮލިޓެކްނިކްގެ ކޯސްތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ ސްޓެލްކޯގެ ތަޖުރިބާ އަދި ތައުލީމު ހުރި މުވައްޒަފުންނަށް، ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ކިޔަވައިދިނުމުގެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެ އިތުރުން މަސައްކަތުގައި ބޭނުންކުރެވޭ އާލާތްތަކާއި ސާމާނަށް އަންނަ ތަރައްގީއާ ގުޅިގެން، ޕޮލިޓެކްނިކުން ހިންގާ ކޯސްތަކުގެ ކަރިކިއުލަމް އިސްލާހުކުރަން ޖެހޭ ހާލަތްތަކުގައި، ސްޓެލްކޯގެ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ޕޮލިޓެކްނިކްގެ ފަންނީ މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުތައް ރާވައި ހިންގުމުގައި، ޕޮލިޓެކްނިކުން ބޭނުންވާ ގޮތުގެމަތިން، އެ ކަންކަމުގައި ސްޓެލްކޯގެ ތަޖުރިބާކާރުންގެ އެހީތެރިކަން އެމްއޯޔޫގެ ދަށުން ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން ގެންނަ ޓްރެއިނަރުން ބޭނުންކޮށްގެން ސްޓެލްކޯގައި ހިންގާ ޕޮލިޓެކްނިކާ ގުޅުންހުރި "އިން-ހައުސް ޓްރެއިނިން" ޕްރޮގްރާމްތަކުގައި، ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންނަށް ޖާގަ އޮތް މިންވަރަކުން ހިލޭ ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ އެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު