ސަރުކާރު މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު އެކި ސަބަބުތަކާ ހުރެ ވަކިވާން ޖެހުނު މީހުން އަލުން ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސަރުކާރުގެ ހިދުމަތުގައި އުޅެނިކޮށް ވަކިކުރި މީހުންނާއި އެކި ސަބަބުތައް މެދުވެރިކޮށް ރިޓަޔާވާން މަޖުބޫރުވި މީހުން އަލުން ހިދުމަތް ނުކުތުމުގެ ފުރުސަތު ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެކެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ އާއްމުކުރި ސާކިއުލާގައި ވަނީ، ހިދުމަތުން ދުރަށްދާން ޖެހިފައިވާ ހިދުމަތްތެރިންނާއި ދާއިމީ ވަޒީފާއަށް (ފުލްޓައިމް ވަޒީފާއަށް) ނުކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަމުގެ އުސޫލު އާންމުކޮށްފައެވެ.
"ހިދުމަތުން ދުރަށްދާން ޖެހިފައިވާ ހިދުމަތްތެރިންނާއި ދާއިމީ ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިން ހިދުމަތަށް ނެރުމުގެ އުސޫލު" ގެ ނަމުގައި އިއްޔެ ގެޒެޓުކުރި އުސޫލުގައި ވަނީ، އެ އުސޫލުގެ ދަށުން ވަޒީފާގެ ފުރުސަތު ލިބޭނެ މީހުންނާއި ނުލިބޭނެ މީހުން ބަޔާންކޮށްފައެވެ.
އެ އުސޫލުގެ ދަށުން ވަޒީފާއަށް އައްޔަނުކުރެވޭނީ ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ މީހުންނެވެ. އެގޮތުން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ނުވުމާއި އުމުރުން 60 އަހަރަށްވުރެ ދޮށީ މީހަކަށް ނުވުން ހިމެނެއެވެ.
- ސިވިލް ސާވިސްގެ ވަޒީފާތަކުގެ ތެރެއިން ލައިސަންސް/ރަޖިސްޓްރޭޝަން ދޫކުރާ، ފަންނުތަކުގައި ވަޒީފާ އަދާކޮށް އެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ މީހުން.
- ލައިސަންސް/ރަޖިސްޓްރޭޝަން ދޫކުރާ ފަންނުތަކުގެ މަސައްކަތްތެރިންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ދާއިމީ ވަޒީފާއަށް (ފުލްޓައިމް ވަޒީފާއަށް) ނުކުތުމަށް އުޒުރުވެރިވާ މީހުން.
- ސިވިލް ސާވިސްގެ ވަޒީފާތަކުގެ ތެރެއިން އެ ވަޒީފާގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ބާވަތަށް ރިއާޔަތް ކުރާއިރު އެ މަސްއޫލިއްޔަތަކީ އޮފީސް މާހައުލާ ދުރުގައި ހުރެގެންވެސް ނަތީޖާ ނެރެވޭނެ މަސައްކަތްތަކެއް ކޮށްފައިވާ މީހުންގެ ތެރެއިން އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ މީހުން.
- އެއްވެސް ސަބަބަކާ ހުރެ މިފަދަ ވަޒީފާއަކަށް ދާއިމީކޮށް (ފުލްޓައިމް ވަޒީފާއަށް) ނުކުތުމަށް އުޒުރުވެރިވާ މީހުން.
- ސިވިލް ސާވިސްގެ އިދާރީ މަގާމުތަކުގައި ވަޒީފާ އަދާކޮށް އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ މީހުންނާއި އެއްވެސް ސަބަބަކާ ހުރެ ދާއިމީކޮށް (ފުލްޓައިމް ވަޒީފާއަށް) އިދާރީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ މީހުން.
- ސިވިލް ސާވިސްގެ އިދާރާތަކުގެ ފްރޮންޓް އޮފީސް، ކައުންޓާ ސާވިސްގެ މަސައްކަތްތަކުގެ ތެރެއިން ކައުންޓަރުތަކުން ސީދާ ހިދުމަތް ދޭންޖެހޭ ވަޒީފާތައް
- ހިންގުމުގެ އިސް ފަންތީގެ ވަޒީފާތައް
- ސިވިލް ސާވިސްގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން މުވައްޒަފެއް މަޔަކަށްވުމުން ލިބޭ ޗުއްޓީއަށް ދިއުމުން ބަދަލު އިންތިޒާމު ހަމަޖެއްސުމަށް
- ސިވިލް ސާވިސްގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން މުވައްޒަފެއް ދިގު މުއްދަތުގެ މުސާރަ ލިބޭ ނުވަތަ މުސާރަ ނުލިބޭ ޗުއްޓީއަކަށް ދިއުމުން ބަދަލު އިންތިޒާމު ހަމަޖެއްސުމަށް
- ސިވިލް ސާވިސްގެ މަގާމަކަށް މަދުވެގެން ދެ ފަހަރު އިއުލާނުކޮށް ޝަރުތުހަމަވާ ފަރާތެއް ކުރިމަތިނުލުމުގެ ސަބަބުން ދާއިމީ މުވައްޒަފެއް ހަމަނުޖެހޭ ހާލަތުގައި ބަދަލު އިންތިޒާމު ހަމަޖެއްސުމަށް
- ސިވިލް ސާވިސްގެ އިދާރާއަކަށް އިތުރުވާ ސީޒަނަލް މަސައްކަތްކުރުމަށް މުވައްޒަފުން ހަމަޖެއްސުމަށް
އެ އުސޫލުގެ ދަށުން ވަޒީފާ ދޭ މުވައްޒަފުން މަސައްކަތްކުރަން ޖެހޭނީ ދުވާލަކު މަދުވެގެން ހަތަރު ގަޑިއިރެވެ. އަދި އުސޫލުގެ ދަށުން ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް އުޖޫރަ ކަނޑައަޅާނީ "ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތައް" ގެ "މުސާރައާއި އިނާޔަތް ހަމަޖައްސާނެ ގޮތުގެ މިންގަނޑުތައް"ގެ "ނ" ގައިވާ ގޮތުގެމަތިންނާއި ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގެ 116 ވަނަ މާއްދާގެ "ރ" ގައިވާ ގޮތުގެ މަތިންނެވެ.
އިއްޔެއިން ފެށިގެން މި އުސޫލަށް ވަނީ އަމަލުކުރަން ފަށައިފައެެވެ.
ޚަބަރު
ޚަބަރު
ޚަބަރު