ދަރަނި އަދާކުރާނެ ގޮތެއް ނުހޯދައި ދަރަނި އިތުރުކުރުމުގެ ޒިންމާ ނަގަން ޖެހޭނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، މި އަހަރު އެކަނިވެސް ބޭރުގެ ދަރަނި ދެއްކުމަށް 512 މިލިއަން ޑޮލަރު ހަރަދުކުރަންޖެހޭ ކަމަށާއި ނަމަވެސް ދައުލަތުގައި އެވަރަށް ފައިސާ ނެތް ކަމަށެވެ. އަދި 2026ގައި 1.07 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެނީ އެމްޑީޕީ ސަރުކާރުގައި އަމަލުކުރި ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.

"އެމްޑީޕީގެ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، މިއީ ތިމަންނަމެން އުފެއްދި ދަރަންޏެއް ނޫނޭ. ތިމަންނަމެން އުފެއްދި ދަރަނި ދައްކަން ފަށަނީ 2025 އިން ފެށިގެންނޭ. ދެން ދަރަނި ފަސްކޮށްފައި، ތިމަންނަމެން އުފެއްދި ދަރަނި ދައްކަން ފަށަނީ 2025ގައި ކަމުގައި ވާއިރު ދެން، 2025ގައި ދައްކަންޖެހޭ ދަރަނި އެ ދައްކަނީ މި ދަރަނީގެ މައްޗަށް. އެހެންވެގެން 2026ގައި 1.07 ބިލިއަނަށް ދަރަނި އެ އަރަނީ," ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ދަރަނި ފަސްކުރި އިރު، ނެޓް ރިޒާވް އިތުރުކުރަން މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. މިހާރު ފެންނަމުން އެދަނީ އޭގެ އުނދަގޫ ކަމަށާއި މިހާރު ރާއްޖޭގެ ހާލަތު އޮތީ "ރިހޭ ފައި މައްޗަށް ފޮއި ވެއްޓޭ ހިސާބުގައި" ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ ދަރަނި ދެއްކުން ފަސްކުރުމަކީ އޭގެ ޒާތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި ދަރަނި ލަސްކުރާނަމަ އެކަން ކުރެވޭނީ ފައިސާ ދޭންޖެހޭ މީހުންނާ އެކު އޭގެ ހައްލެއް ހޯދައިގެން ކަމަށެވެ.