ފްރާންސްގެ ރިޔޫނިއަން އައިލެންޑްސްއަށް ނިސްބަތްވާ އަމައުރީ ލަވެއާއަކީ ބޮޑީބޯޑިންގެ އިހުތިރާމު ހޯދާފައިވާ އެތުލީޓެކެވެ. އޭނާ އެންމެ ޅައިރުއްސުރެވެސް ބޮޑީބޯޑިންނަށް ހާއްސަކަމެއް ދީގެން ކުރި ބުރަ މަސައްކަތުގައި، މިހާރު އެ ހުރީ ދެ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައެވެ. 2010 ވަނަ އަހަރާއި 2014 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން އަމައުރީ ހޯދައި، މިހާރު މުޅި ހަޔާތް ބިނާކޮށްފައި ވަނީވެސް ބޮޑީބޯޑިންނަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އެތުލީޓެއްގެ ގޮތުގައި މުބާރާތްތަކުގައި ވާދަކުރުމާ، ޕްރޮފެޝަނަލް އެތުލީޓެއްގެ ގޮތުގައި މުބާރާތްތަކުގައި ވާދަކުރުމަކީ ތަފާތު ދެ ކަމެއް. އޭގެ ތެރެއިން ބޮޑީބޯޑިންގައި ޕްރޮފެޝަނަލް ގޮތެއްގައި މަސައްކަތް ކުރުމަކީ ޗެލެންޖިން ކަމެއް ހަގީގަތުގައި. ޕްރޮފެޝަނަލް ވުމަކީ އެ ކުޅިވަރަކުން ފައިސާ ހޯދައިގެން އުޅުން. އެއީ އުނދަގޫ ކަމަކަށްވި ނަމަވެސް، އެތުލީޓަކަށް ވެވިދާނެ. އެތުލީޓަކަށްވުމަކީ ދިރިއުޅުން، އެ ކުޅިވަރަކަށް ބައްޓަން ކޮށްގެން އުޅުން. އެތުލީޓެއްގެ ގޮތުގައި ކުރަން ޖެހޭނެ އެންމެ މުހިއްމު ކަމަކީ، ހަށިގަނޑު އެ ކުޅިވަރަކަށް ހޭނުން. އާ މީހުންނާ ބައްދަލުކޮށް، އާ ތަޖުރިބާ ހޯދުން، އަދި އާ ބަސްތަކަށް އަހުލުވެރިވެ، ބޮޑީބޯޑިންގެ ހުރިހާ ކަމަކަށް ހޭނެން ޖެހޭނެ ޗެމްޕިއަނަކަށްވާން،" ބޮޑީބޯޑިންނަށް ޝައުގުވެރި އެތުލީޓުންނަށް ބުނެދޭ އަގުހުރި ނަސޭހަތެއްގެ ގޮތުގައި އަމައުރީ ބުންޏެވެ.

މިހާރުވެސް އުންމީދާއެކު ވިސިޓް މޯލްޑިވްސް ޕްރޯ 2024 އަށް ރާއްޖެ އައިސް ހުރި އަމައުރީ "ވަން ސްޕޯޓްސް"އަށް އެކްސްކްލޫސިވްކޮށް ވާހަކަދައްކަމުން ބުނީ ބޮޑީބޯޑިން، އޭނާގެ ހަޔާތް ބަދަލުކޮށްލި ކަމަށާއި ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމުގެ ތެރެއިންވެސް ބޮޑީބޯޑިންނަށް ނުކުމެ، ކާމިޔާބު ހާސިލުކުރެވޭނެކަން އޭނާގެ ހަޔާތުން ފެންނާނެ ކަމަށެވެ.

"ބޮޑީބޯޑިން އަހަރެންގެ ހަޔާތް ބަދަލުކޮށްލި. އަހަރެން އެންމެ ޒުވާން އިރު ހީނުކުރަން ބޮޑީބޯޑިންގައި މި ލެވެލްއަށް ދެވޭނެ ކަމަކަށް. ރިޔޫނިއަން އައިލެންޑް ކަހަލަ ޖަޒީރާ ރަށްތަކަކުން އައި މީހަކަށް މި ކާމިޔާބީ ހާސިލުކުރެވޭނެ ކަމަކަށް ހީއެއް ނުކުރަން. އެއީ ރާއްޖެ ކަހަލަ ޖަޒީރާ ރަށްތަކެއް. އެހެންވިޔަސް، އަހަރެން ކިޔަވަމުން، ޔުނިވާސިޓީއަށް ދަމުން ބޮޑީބޯޑުކުރަމުން ކުރީ ބުރަ މަސައްކަތެއް. މިހާރު އަހަރެން ފަހުރުވެރިވޭ، ބޮޑީބޯޑަރަކަށް ވެވުނީތީ، އަދި ބޮޑީބޯޑިންގައި ހޯދުނު ކާމިޔާބީތަކަށް،" ވިސިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރަމުންދާ އެންމެ ތަޖުރިބާކާރު އެއް އެތުލީޓު، އަމައުރީ ބުންޏެވެ.

ދުނިޔޭގެ އެތައް ހިސާބެއްގެ ރާޅުތަކުގައި އަޅަމުން، އެތައް ދަތުރެއް ކުރި އަމައުރީއަށް ކޮންމެ ގައުމަކުންވެސް ކުރެވެނީ އާ ތަޖުރިބާއެކެވެ. އޭނާގެ ހަޔާތަށް ދިރުން ލިބެނީ އެ ތަފާތުތަކަށް ހޭނިގެންނެވެ. އާ އެތައް ކަމަކާ ކުރިމަތިލައިގެން އެތައް ކަމެއް ދަސްވެސް ކޮށްގެންނެވެ. ރާއްޖޭގެ ޓުއާގައި މީގެ ކުރިންވެސް އަޅާފައިވާ އަމައުރީ ބުނީ ރާއްޖެއަކީ ހާއްސަ އަދި އާ އެތައް ކަމެއް ދަސްވާ ގައުމެއް ކަމަށެވެ.

"ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޓުއާއަށް އައުމަކީ ވަރަށް ހާއްސަ ކަމެއް. އަހަރެން މިހާރު ޓުއާގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ. އަބަދުވެސް ހާއްސަ ކަމެއް އެއީ އާ ތަންތަނަށް ދިޔުމާ، އާ މީހުންނާ ބައްދަލުވުމާ، އާ ރާޅުތަކުގައި އެޅުމަކީ. އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިފައި،" އަމައުރީ ބުންޏެވެ.

އަމައުރީ ބުނީ މިވަގުތު ދުނިޔޭގެ ބޮޑީބޯޑިން އޮތީ ވަރަށް ވާދަވެރިކޮށް ކަމަށާއި، ޒުވާން ހުނަރުވެރި އެތުލީޓުންތައް މުބާރާތްތަކަށް ތައާރަފުވެއްޖެ ކަމަށެވެ. އަމައުރީ ބުނީ މިހާރުގެ އާ އެތުލީޓުންނާ ޓެކްނިކަލީ އެއްވަރު ނުވެވިދާނެ ދުވަހެއް އައިސްދާނެ ނަމަވެސް، އަބަދުވެސް ވާދަވެރިކަން ބާއްވައި، އަބަދުވެސް ޗެމްޕިއަންކަމަށް މަސައްކަތްކުރުމުގެ ވިސްނުން "އޮޓޮމެޓިކަލީ" އަށަގެންފައިވާ ކަމަށެވެ.

މިހާތަނަށް މިއަހަރުގެ މުބާރާތުގައިވެސް އަމައުރީގެ ތަޖުރިބާގައި އޭނާ ފިޔަޖަހަމުންދާ އިރު، މިއަދު ޗެލެންޖިން އިތުރު ހީޓްތަކެއް އެބަހުއްޓެވެ.