ރާއްޖޭގައި އެމެޖެންސީ އިވެލުއޭޝަނާއި ފަތުރުވެރިން އުފުލުމަށް ހެލިކޮޕްޓަރުގެ ހިދުމަތްދިނުމަށް ޝައުގުވެރިކަން ހުރި ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
ސިވިލް އެވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 19 ގެ ނިޔަލަށް ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅެން ހުންނާނެ ކަމަށާއި ފޯމު އިއުލާނާއެކު ގެޒެޓުގައި އެޓޭޗު ކޮށްފައިވާނެ ކަމަށް ސިވިލް އެވިއޭޝަނުން ބުންޏެވެ. މިމަހުގެ 19 ގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަންނާނެ ކަމަށް ސިވިލް އެވިއޭޝަނުން ބުންޏެވެ.
ހެލިކޮޕްޓަރުގެ ހިދުމަތަށް ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުގެ ތެރެއިން ކާމިޔާބުކުރާ ކުންފުންޏަކަށް ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިޓިވީ 10 އަހަރަށް ލިބިގެންދާނެ ކަމަށް ސިވިލް އެވިއޭޝަނުން ބުންޏެވެ.
އެ ހިދުމަތްދިނުމަށް ކުންފުންޏެއް ހޯދާއިރު ރައްކާތެރިކަމުގެ މިންގަނޑުގެ ތެރެއިން ހަރުދަނާ ގޮތެއްގައި ހިދުމަތް ދެވޭނެ ކުންފުންޏެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ސިވިލް އެވިއޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު