އައިޖީއެމްއެޗުގެ އިހުމާލުން ކުއްޖަކު މަރުވުމުން ގެއްލުމުގެ ބަދަލުދީފިއެވެ.

އައްޑޫ ސިޓީ، ފޭދޫ، ފެހިގެ، ފާތިމަތު ނިއުމާ ނަޖީބު، މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ބުނެފައިވަނީ އޭނާގެ ދަރިފުޅު އައިޖީއެމްއެޗުގެ އިހުމާލުން މަރުވި ކަމަށް އެ ހޮސްޕިޓަލުން އިއުތިރާފުވެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންވެ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ ކަމަށެވެ.

ސިވިލް ކޯޓުން ވަނީ އެ މައްސަލައިގެ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުކުމްކޮށްފައެވެ.

އެ ހުކުމުގެ ރައުޔުގައި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު އީސާފުޅު ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ ދެ ފަރާތުން ވަނީ ޝަރީއަތުގެ ބޭރުން މާލީ ބަދަލު ދިނުމުގެ އެއްބަސްވުމަކަށް އައިސްފައި ކަމަށެވެ. އަދި މިދިޔަ މަހުގެ 28 ވަނަ ދުވަހު ފާތިމަތު ނިއުމާ ވަނީ، އޭނާ އައިޖީއެމްއެޗްއާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންދިއުމަށް އެދި ސިވިލް ކޯޓަށް ފޯމު ހުށަހަޅައިފައި ކަމަށް ގާޒީ ވިދާޅުވިއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މައްސަލައެއްގައި ދައުވާކުރާ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، އެ ފަރާތުން ކޮށްފައިވާ ދައުވާ ނުވަތަ ދައުވާއިން ބައެއް އަނބުރާ ގެނެވިދާނެ ކަމަށެވެ.

އެގޮތަށް ދައުވާ އަނބުރާ ގެންދިޔުމަށް ކޯޓުގެ ހުއްދަ ބޭނުންވާނެ ހާލަތްތަކަކީ ދައުވާއާ ގުޅިގެން ވަގުތީ އަމުރެއް ނެރެފައިވުމާއި ދައުވާއާ ގުޅިގެން ދައުވާގެ ހަސްމަކު ވަކި ކަމަކަށް ކޯޓުގައި އެއްބަސްފައިވުމުގެ އިތުރުން ދައުވާ އަނބުރާ ގެންނަން ބޭނުންވާ ތާރީހުގެ ކުރިއަށް އޮތް އެއް މަސް ދުވަހުގެ މުއްދަތުގައި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ބޭއްވުމަށް ކަނޑައަޅާފައިވުން ކަމަށް ގާޒީ ވިދާޅުވިއެވެ.

އިތުރު ކަމެއްގެ ގޮތުގައި ގާޒީ ވިދާޅުވީ ދައުވާ އަނބުރާ ގެންދިޔުމަށް ކޯޓުގެ ހުއްދަ ހޯދަން ޖެހޭނީ ދައުވާކުރާ މައްސަލައާ ގުޅިގެން ދައުވާކުރި ފަރާތަށް ފައިސާ ލިބިފައިވުން ކަމަށެވެ.

ގާޒީ ވިދާޅުވީ އައިޖީއެމްއެޗްއާ ދެކޮޅަށް ދައުވާކުރާ މި މައްސަލައާ ގުޅިގެން ވަގުތީ އަމުރެއް ނެރެފައިނުވާނެ ކަމަށެވެ. އަދި ދައުވާއާ ގުޅިގެން އައިޖީއެމްއެޗުން ވެސް އަދި ފާތިމަތު ނިއުމާ ވެސް ޝަރީއަތުގައި ވަކި ކަމަކަށް އެއްބަސްވެފައިނުވާ ކަމަށެވެ. ގާޒީ ވިދާޅުވީ މި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރެއަށް ތާވަލުކޮށްފައި ވެސް ނުވާ ކަމަށެވެ.

އެހެންކަމުން މައްސަލައިގެ ދައުވާ ފޯމު ބާތިލު ކުރުމަށް މަދަނީ އިޖުރާއަތުގެ ގާނޫނު ހުރަސްނާޅާތީ "މި މައްސަލަ މި ކޯޓުގައި އިތުރަށް ކުރިއަށް ނުގެންގޮސް، މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރަންޖެހެ އެވެ" ގާޒީ ވިދާޅުވިއެވެ.

އެހެންވެ ގާޒީ ހުކުމްކުރެއްވީ މައްސަލައިގެ ހިމެނޭ ދެ ފަރާތުން ޝަރީއަތުގެ ބޭރުން އެއްބަސްވުމަކަށް އާދެވިފައިވާތީއާއި ދައުވާކުރާ ފަރާތުން މުޅި ދައުވާ އަނބުރާ ގެންދިޔުމަށް ކޯޓަށް ހުށަހަޅާފައިވާތީ ދައުވާ ފޯމު ބާތިލު ކުރުމަށެވެ.