ރާއްޖޭގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ފިރިހެން އޯޕަން ޑިވިޝަންގެ ފަސްވަނަ ބުރަށް ދިޔަ އެތުލީޓުން ކަށަވަރުވެއްޖެއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯގެ ފޯރިގަދަ ހީޓުތައް ހޮނިހިރު ދުވަހުން ފެށިގެން ރާޅުގަނޑުގައި ކުރިއަށްދާ އިރު، މިއަދު ހެނދުނު ފެނިގެން ދިޔައީ ފިރިހެން ޑިވިޝަންގެ ހަތަރު ވަނަ ބުރުގެ ހީޓްތަކެވެ. ރެކޯޑު ބޮޑީބޯޑް ޓައިޓަލް ކާމިޔާބު ކޮށްފައިވާ ޑޭވް ހުބާޑާއި ވަރުގަދަ ބޮޑީބޯޑަރު ފްރާންސްގެ ފެބިއެން ތޭޒާ އަދި ޖަޕާނުގެ ހަޔޯޓޯ އެނޮކީޑޯ ފުރަތަމަ ހީޓްގައި ވާދަކޮށް، ހީޓް ގެންދިޔައީ އެނޮކީޑޯއެވެ. އޭނާ ވަނީ 13.65 ގެ ސްކޯއެއް ހޯދައިފައެވެ. ދެވަނައިގައި ހުބާޑް އަނެއް ބުރަށް ދިޔައީ 12.9 ގެ ސްކޯއަކުންނެވެ. މިވަގުތު ދުނިޔޭ ރޭންކިންގެ 15 ވަނައިގައި އޮތް ތޭޒާ ކެޓީ 10.7 ގެ ސްކޯއަކާއެކުގައެވެ.
ދެވަނަ ހީޓްގައި މިވަގުތު ދުނިޔޭ ރޭންކިންގެ ހަވަނައިގައި އޮތް ފްރާންސްގެ އީތަން ކެޕްޑެވިޔޭއާއި ސްޕެއިންގެ ޒުވާން ތަރި އީތަން ޕެރޭޒްއާއެކު ދެން ވާދަކުރީ މޮރޮކޯގެ ބްރަހީމް އިދޫޝްއެވެ. ކެޕްޑެވިޔޭ 12.75 ގެ ސްކޯއަކުން ހީޓް ގެންދިޔަ އިރު، ދެވަނައިގައި އަނެއް ބުރަށް ދިޔައީ އީތަންއެވެ. އެއީ 11.85 ގެ ސްކޯއަކުންނެވެ.
އެ ބުރުގެ ތިންވަނަ ހީޓްގައި ތަފާތު ރާޅެއް އަޅާލިތަން ފެނިގެން ގޮސްފައިވެއެވެ. އެއީ ފްރާންސްގެ މެކްޒީމް ކަސްޓީލޯގެ ފަރާތުންނެވެ. އޭނާ 9.5 ގެ ސްކޯއެއް ހޯދި ރާޅެއްގައި އަޅާ، މިފަހަރު އިވެންޓްގެ އެންމެ ވަރުގަދަ ރާޅުގައި އަޅާފައިވާ އިރު، ހީޓް އޭނާ ގެންދިޔައީ 14.75 އިންނެވެ. ދެވަނައިގައި އަނެއް ބުރަށް ދިޔައީ ޖޮއެލް ރޮޑްރިގޭޒްއެވެ. އެއީ 13.35 ގެ ސްކޯއަކުންނެވެ. ސަޕްރައިޒެއްގެ ގޮތުގައި ފެނިގެން ދިޔައީ ބްރެޒިލްގެ ވަރުގަދަ ބޮޑީބޯޑަރު ސޮކްރޭޓް ސަންޓާނާ ކެޓުމެވެ.
ހަތަރުވަނަ ހީޓްގައި ރާއްޖޭގެ އާމިން އުމަރު މޫސާ ވާދަކޮށް، އޭނާއަށް ހޯދުނީ 7.7 ގެ ޕޮއިންޓެވެ. އެ ހީޓްގެ އެއްވަނަ ހޯދީ ދުނިޔޭ ރޭންކިންގެ ދެވަނައިގައި އޮތް ގެބްރިއަލް ބްރާގާއެވެ. އެއީ 11.55 ގެ ސްކޯއަކުންނެވެ. ދެވަނައިގައި ނިންމާލީ ބްރެޒިލްގެ އެޑާ ލޫސިއާނޯއެވެ. އޭނާގެ ސްކޯއަކީ 11.35 އެވެ.
ތިންވަނަ ހީޓް ކާމިޔާބުކުރީ މިވަގުތު ދުނިޔޭ ރޭންކިންގެ ތިންވަނައިގައި އޮތް ޓްރިސްޓަން ރޮބާޓްއެވެ. އެއީ 12.15 ގެ ސްކޯއަކުންނެވެ. އެ ހީޓްގެ ދެވަނައިގައި ނިންމާލީ ފްރާންސްގެ ޔާން ސަލައޫނެވެ. ކެޓީ ވެނިޒުއޭލާއިން ބައިވެރިވި ހަމައެކަނި އެތުލީޓް އެޑްވިން އަލްޑާނާއެވެ.
ހީޓްތަކުގެ ފޯރި ގަދަކޮށް ފެނިގެން ދިޔަ އިރު، ހަވަނަ ހީޓްގެ އެއްވަނަ ހޯދީ މިހާރު ދުނިޔޭ އެއްވަނައިގައި އޮތް އަރްމީޑޭ ސޮލިވިއެރެސްއެވެ. އޭނާ ވަނީ 14.25 ގެ ސްކޯއެއް ހޯދައިފައެވެ. އެ ހީޓްގެ ދެވަނައަކީ ލެޖެންޑަރީ ބޮޑީބޯޑަރު ފްރާންސްގެ އަމައުރީ ލެވެއާއެވެ. އޭނާ ވަނީ 10.05 ގެ ސްކޯއެއް ހޯދައިފައެވެ. އެ ހީޓުން ކެޓީ ގަރީބް އަބްދެލްފެއީދެވެ.
އެންމެފަހު ދެ ހީޓަށް ބަލާއިރު، ވިސިޓް މޯލްޑިވްސް ޕްރޯގެ އެންމެފަހުގެ ޗެމްޕިއަން ފްރާންސްގެ ޕިއޭ ލުއީ ކޮސްޓެސް ވާދަކުރި ހަތްވަނަ ހީޓް އޭނާ ކާމިޔާބުކުރީ 13.25 ގެ ނަތީޖާއަކުންނެވެ. އެ ހީޓްގެ ދެވަނައިގައި އަނެއް ބުރަށް ދިޔައީ އައިޓޯ އޮޖޭޑާއެވެ. އެއީ 12.25 ގެ ސްކޯއަކުންނެވެ. އޭނާއަކީ ކޭނަރީ އައިލެންޑްސްއަށް ނިސްބަތްވާ އެތުލީޓެކެވެ. އެ ހީޓުން ކެޓީ ޗިލީގެ ޖޮގިން ސޮޓޯއެވެ.
މިއަދުގެ ފިރިހެން އޯޕަން ޑިވިޝަންގެ ފަހު ބައިގައި ޖޫނިއާ ރޭންކިން އެއްވަނައިގައި އޮތް އެލެކްސެންޑާ މޮންޓެސްއާއި ލެޖެންޑް ޔޫރީ ވަލަޑާއޯ އަދި ކްލެމެންޓް ލޮޑޭހޯ ވާދަކުރި އިރު، އެ ހީޓް ގެންދިޔައީ 2008 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ވަލަޑާއޯއެވެ. އެއީ 13.75 ގެ ސްކޯއަކުންނެވެ. ދެވަނައަށް ދިޔަ ލޮޑޭހޯ ހީޓް ނިންމާލީ 13.65 ގެ ސްކޯއަކުންނެވެ. ކެޓީ މޮންޓެސްއެވެ.
ވިސިޓް މޯލްޑިވްސް 2024 މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ. ފިރިހެން އޯޕަން ޑިވިޝަންގެ ފަސްވަނަ ބުރުގެ ހީޓްތައް މާދަމާ އޮންނާނެއެވެ.
މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ